Roadha Mihaaru
މިދިޔަމަހު ލިބުނީ 2 ބިލިއަން، 2.4 ބިލިއަން ހޭދަވި

މިދިޔަ މަހު ލިބުނީ ދެ ބިލިއަން، 2.4 ބިލިއަން ހަރުދުކުރި

02 ފެބުރުއަރީ 2023

ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެއް މަސް ތެރޭގައި 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެއް މަސް ތެރޭގައި 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ރިކަރަންޓް ހަރަދުގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ބަޖެޓުން ހޭދަކޮށްފަ އެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ގާތްގަނޑަކަށް 60 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިކަރަންޓް ހަރަދަށް ހޭދަކުރީ 930 މިލިއަން ރުފިޔާ އެވެ.

ރިކަރަންޓް ހަރަދުގެ އިތުރުން ކެޕިޓަލް ހަރަދު ވެސް ވަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފަ އެވެ. މިދިޔަ މަހު ރިކަރަންޓް ހަރަދުގެ ގޮތުގައި ދައުލަތުން ވަނީ 600 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރީ 350 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުން ހަރަދުކުރީ 570 މިލިއަން ރުފިޔާ އެވެ.

ދައުލަތުން 2.4 ބިލިއަން ރުފިޔާ ހޭދަކުރި އިރު އެއް މަސް ތެރޭގައި ދައުލަތަށް ވަނީ ދެ ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 65 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 1.8 ބިލިއަން ރުފިޔާ އެވެ.

ދައުލަތުން ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކޮށްފައިވާ އިރު އެކަމާ ގުޅިގެން އާމްދަނީ އަށް އަންނަ ބަދަލުތައް ފެންނާނީ އަންނަ މާޗް މަހުން ފެށިގެންނެވެ. ސަބަބަކީ މިދިޔަ ޖެނުއަރީ މަހުގެ ޖީއެސްޓީން ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހު ހަމަވާނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ކަމަށް ވާތީ އެވެ. ނަމަވެސް ދައުލަތަށް މިހާތަނަށް ލިބުނު ޖީއެސްޓީ އާއި ޓީޖީއެސްޓީ ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ދެ ގުނަ އިތުރުވެފަ އެވެ. ޖީއެސްޓީގެ ގޮތުގައި މިހާތަނަށް ދައުލަތަށް ވަނީ 860 މިލިއަން ރުފިޔާ ލިބިފަ އެވެ.