Roadha Mihaaru
ކުޅިވަރުގެ ކާމިޔާބީ ރައީސް ފާހަގަކުރެއްވީ ނަމްބަރުތަކުން

139 މެޑަލް: މި ދައުރުގެ ކުޅިވަރުގެ ކާމިޔާބީ ރައީސް ފާހަގަކުރެއްވީ ނަމްބަރުތަކުން

06 ފެބުރުއަރީ 2023

މި ހިނގާ ރިޔާސީ ދައުރުގައި، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ދިވެހި އެތުލީޓުންނާއި ކުޅުންތެރިން ވިދާލައިފި ކަމަށް ވިދާޅުވެ، އެކަން ނަމްބަރުތަކުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މި ހިނގާ ރިޔާސީ ދައުރުގައި، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ދިވެހި އެތުލީޓުންނާއި ކުޅުންތެރިން ވިދާލައިފި ކަމަށް ވިދާޅުވެ، އެކަން ނަމްބަރުތަކުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވައިފި އެވެ.

މި ދައުރުގެ ފަހު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި، ރާއްޖޭން ބައިވެރިވި ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތް ކަމަށްވާ 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފެށިގެން މިހާތަނަށް ރާއްޖޭން 139 މެޑަލް ހޯދާފައިވާ ކަމަށެވެ.

އެއީ 33 ރަން މެޑެއްޔާއި 18 ރިހި މެޑައްޔާއި 88 ލޯ މެޑެއްޔެވެ. ދިވެހި އެތުލީޓުންނާއި ކުޅުންތެރިން މިހާ ގިނަ އަދަދަކަށް މެޑަލް މި ހޯދީ ކޮވިޑުގެ ސަބަބުން، ދެ އަހަރެއްހާ ދުވަހު ބައިނަލްއަގްވާމީ އެއްވެސް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައި ވަނިކޮށް، ލިބުނު މަދު ފުރުސަތުތަކެއްގަ އެވެ.

އޭގެ ތެރެއިން އެންމެ ހާއްސަ މެޑަލަކީ އަޒްނީން ރަޝީދު، މިދިޔަ އަހަރުގެ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕުން ހޯދި ރަން މެޑެއްޔެވެ. މިއީ އެއްވެސް ކުޅިވަރެއްގެ ވޯލްޑް ޗެމްޕިއަންޝިޕަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު ހޯދި ރަން މެޑަލް ވެސް ފާހަގަކުރެ އެވެ. އެއީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރު ވީ ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އިންޑިވިޖުއަލް ކުޅިވަރަކުން، އަމުދުން ދުވުމުގެ އިވެންޓަކުން ރާއްޖެ އަށް މި ސަރަހައްދުން ރަން މެޑެއްޔެއް ލިބިދާނެ ކަމަށް ދިވެހިން މީގެ 10 ވަރަކަށް އަހަރު ކުރިން ހިއެއް ނުކުރެ އެވެ.

ރަފާ (ކ) އާއި ދީމާ: ރާއްޖެ އަށް ގިނަ މެޑަލްތަކެއް ހޯދައިދިން.

ރަފާ (ކ) އާއި ދީމާ: ރާއްޖެ އަށް ގިނަ މެޑަލްތަކެއް ހޯދައިދިން.

އެ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ޖުމާލާ ނިމާލް އަދި މުއީނާ މުހައްމަދު ހިމެނުނު ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން އަންހެން ޓީމު އިވެންޓުން ރަން މެޑަލް ހޯދި އެވެ. ދީމާ އާއި ރަފާ އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދިއިރު އޭގެ ތެރެއިން ދީމާ ވަނީ އަންހެން ސިންގަލްސް ރަން މެޑަލް ވެސް ހޯދައިފަ އެވެ. އެ އިވެންޓުން ރިހި ހޯދީ ރަފާ އެވެ.

ރާއްޖެ އަށް މިހާ ގިނަ އަދަދަކަށް މެޑަލް ލިބުމަށް މަގުފަހިވި އެއް ސަބަބަކީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތައް ބޭއްވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު އެކަނި ވެސް އެފަދަ ނުވަ މުބާރާތެއް ބޭއްވިކަން ފާހަގަކޮށް ރައީސް ވިދާޅުވީ ގިނަ ކުޅިވަރުތަކަށް އެ ފުރުސަތު ދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބާސްކެޓްބޯޅަ، ބީޗް ވޮލީބޯޅަ، ބޮޑީ ބިލްޑިން، ބޮޑީ ބޯޑިން އަދި ސާފިން ހިމެނެ އެވެ.

ރައީސް ވިދާޅުވީ ސާފިންގެ ގިނަ މުބާރާތްތަކެއް ބޭއްވުމުގެ ސަބަބުން، މޫދު ކުޅިވަރުގައި، ދުނިޔޭގެ ނަން މަޝްހޫރު މަންޒިލަކަށް ރާއްޖެ ބަދަލުވަމުންދާ ކަމަށެވެ.

އެގޮތުން އޭޝިއާގައި ބޭއްވި ފުރަތަމަ ވޯލްޑް ޓުއާ ބޮޑީބޯޑިން މުބާރާތް، ދުނިޔޭގެ ޗެމްޕިއަނުންނާ އެކު 'ވިޒިޓް މޯލްޑިވްސް ޕްރޯ' ގެ ނަމުގައި މިދިޔަ އަހަރު މާލޭގައި އޮތެވެ. އަދި ރާއްޖެ އެކަނި ހޯސްޓްކޮށްގެން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް، 2021 ވަނަ އަހަރު މާލޭގައި ބޭއްވި އެވެ. އަދި މިދިޔަ އަހަރު ކ. މާފުށީގައި ވަނީ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ.

އެފަދަ މުބާރާތްތަކާއި ރާއްޖޭގެ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ވަސީލްތަތައް މުޅި ރާއްޖޭގައި ގާއިމްކުރުމަކީ ވެސް ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުން ކުރިއަށްދިޔުމަށާއި، މުނިފޫހިފިލުވުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މަޝްރޫއޫތައް މިހާރު ވެސް ހިނގަމުން އަންނަ ކަމަށެވެ.

ސާފިން ޗެމްޕިއަން އަށް ރައީށް ސޯލިހު (ކ) އިނާމު ދެއްވަނީ.

ސާފިން ޗެމްޕިއަން އަށް ރައީށް ސޯލިހު (ކ) އިނާމު ދެއްވަނީ.

އެގޮތުން މުޅިން އަލަށް ގާއިމްކުރެވުނު 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އޭގެ އިތުރުން ރަނގަޅު ފެންވަރުގެ ވޮލީބޯޅަ، ބެޑްމިންޓަން އަދި ހޭންޑްބޯލް ކޯޓުތަކާއި ސިންތެޓިކް ޓްރެކާއި، ޓޭބަލް ޓެނިސް ސެންޓަރުތައް ގާއިމްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އާއްމުންނަށް ބޭނުން ހިފޭނެ ގޮތަށް ތަރައްގީކުރި 50 އަށްވުރެ ގިނަ އައުޓް ޑޯ ޖިމްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުޅިވަރުގެ ފުރުސަތުތައް މުޖުތަމައުގެ ހުރިހާ ގިންތިއެއްގެ މީހުންނަށް ދިނުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދައި، މީގެ ކުރިން ކުޅިވަރު ކުޅުމުން މަހުރޫމްވެފައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ފުރުސަތު ދެވިފައިވާކަން ރައީސް ފަހުރުވެރިކަމާ އެކު މިއަދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ބައެއް ޕެރަލިމްޕިކް އެތުލީޓުން ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން މެޑަލް ހޯދައިފަ އެވެ.