Roadha Mihaaru
2030 ވޯލްޑް ކަޕް ބާއްވަން ހަތަރު ގައުމުގެ ބިޑެއް

ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރަން ދެކުނު އެމެރިކާ ހަތަރު ގައުމަކުން ޖޮއިންޓް ބިޑެއް

08 ފެބުރުއަރީ 2023

ބީނޯސް އޭރީޒް (ފެބްރުއަރީ 8) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ 100 އަހަރު ފުރޭ އަހަރު؛ 2030 ގައި މުބާރާތް ބާއްވަން ދެކުނު އެމެރިކާގެ ހަތަރު ގައުމެއް ކަމަށްވާ އުރުގުއޭ، އާޖެންޓީނާ، ޗިލީ އަދި ޕެރަގުއޭ އިން ރަސްމީކޮށް ބިޑު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބީނޯސް އޭރީޒް (ފެބްރުއަރީ 8) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ 100 އަހަރު ފުރޭ އަހަރު؛ 2030 ގައި މުބާރާތް ބާއްވަން ދެކުނު އެމެރިކާގެ ހަތަރު ގައުމެއް ކަމަށްވާ އުރުގުއޭ، އާޖެންޓީނާ، ޗިލީ އަދި ޕެރަގުއޭ އިން ރަސްމީކޮށް ބިޑު ކޮށްފި އެވެ.

އެންމެ ފުރަތަމަ ވޯލްޑް ކަޕް 1930 ވަނަ އަހަރު ބޭއްވީ އުރުގުއޭ ގަ އެވެ. އެ މުބާރާތް އުރުގުއޭ ކާމިޔާބު ކުރީ އަމިއްލަ ފަސްގަނޑުގައި އާޖެންޓީނާ ބަލިކޮށްފަ އެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކޮންމެބޮލް) ގެ ރައީސް އަލެހަންޑްރޯ ޑޮމިންގޭޒް ވިދާޅުވީ މިއީ "ފުޓްބޯޅަ އުފަންވި" ސަރަހައްދަށް އަލުން މުބާރާތް ގެންނަން އެންމެ މުނާސަބު ވަގުތު ކަމަށެވެ.

"ދެހާސް ތިރީސް ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ހަމައެކަނި މުބާރާތެއް ނޫން. މުބާރާޓަށް 100 އަހަރު ފުރޭތީ އެކަން ފާހަގަ ކުރަން ޖެހޭ،" އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑޮމިންގޭޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޔަގީން ފީފާ އިން ކުރީގެ ޖީލުތަކުގެ ހަނދާންތަކަށް އިހުތިރާމް ކޮށް ފުރަތަމަ މުބާރާތް ބޭއްވި މީހުންނަށް އެ ޝަރަފް އަރުވާނެ ކަން."

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ކުރި ކަން ހާމަކޮށް އާޖެންޓީނާ ފެޑެރޭޝަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ކުރި ކަން ހާމަކޮށް އާޖެންޓީނާ ފެޑެރޭޝަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ވިދާޅުވީ، މިއީ ހަމައެކަނި މުނާސަބު ކަމެއް ގޮތުގައި ނުދެކޭ ކަމަށާއި، ބިޑް ކާމިޔާބު ކުރުން ވެގެން ދާނީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދުގެ ރައްޔިތުންގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމުގައި ދެކޭ ކަމަށެވެ.

އާޖެންޓީނާ އާއި އުރުގުއޭ އަދި ޗިލީ ގައި ވެސް ވަނީ މީގެ ކުރިން އެއް ފަހަރު ވޯލްޑް ކަޕް ބާއްވައިފަ އެވެ.

ފީފާ އިން 2030 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވަން ކާމިޔާބު ކުރާ ބިޑް އިއުލާން ކުރުން އޮންނާނީ އަންނަ އަހަރު އެވެ.

ދެކުނު އެމެރިކާގެ ހަތަރު ގައުމުގެ ޖޮއިންޓް ބިޑް ގެ އިތުރުން ސްޕެއިން، ޕޯޗުގަލް އަދި ޔޫކްރޭން ވަނީ ޔޫރަޕްގެ ފުޓްބޯޅަ ފެޑެރޭޝަން (ޔޫއެފާ) ގެ ތާއީދާ އެކު 2030 ގެ މުބާރާތަށް ޖޮއިންޓް ބިޑެއް ކޮށްފަ އެވެ. ހަމަ އެއާ އެކު މުބާރާތް އެފްރިކާ ބައްރަށް ގެންދަން މޮރޮކޯ އިން ވެސް މަސައްކަތް ކުރެ އެވެ. އަދި މިސްރާއި ގްރީސް އަދި ސައުދީ އަރަބިއްޔާގެ ޖޮއިންޓް ބިޑެއް ހުޝަހަޅަން ވެސް ޝައުގުވެރިކަން ވަނީ ފާޅު ކޮށްފަ އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ވޯލްޑް ކަޕް ވަނީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް މެދުއިރުމަތީ އަރަބި ގައުމެއްގައި ބާއްވައިފަ އެވެ. އަހަރުގެ ފަހުކޮޅު އާޖެންޓީނާ އިން ޗެމްޕިއަންކަން ހޯދި ގަތަރު ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު މުބާރާތް ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.

ދެން އެންމެ އަވަހަށް ވޯލްޑް ކަޕް އޮންނާނީ 2026 ވަނަ އަހަރު އެވެ. އެ މުބާރާތް އޮންނާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ. އެ މުބާރާޓް ވާނި ތިން ގައުމެއް އެކުވެގެން ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރަށެވެ.