Roadha Mihaaru
ތަފާތުކުރުމާ އެކު ފިޔަވަޅު އަޅަނީ ބޭއިންސާފުން: ވައްޑެ

ވިޕާ ޚިލާފުވި ކަމަށް މެމްބަރުންނާ މެދު ފިޔަވަޅު އަޅަނީ ބޭއިންސާފުން: ވައްޑެ

08 ފެބުރުއަރީ 2023

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަކި މެމްބަރުންތަކަކަށް ފިޔަވަޅު އަޅަމުންދަނީ ގަވާއިދާ ޚިލާފަށް ބޭއިންސާފުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަކި މެމްބަރުންތަކަކަށް ފިޔަވަޅު އަޅަމުންދަނީ ގަވާއިދާ ޚިލާފަށް ބޭއިންސާފުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޯޓުތަކަކަށް ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީ ލައިން ވިޕާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުކޮށް ބައެއް މެމްބަރުންނަށް ދަނީ ފިޔަވަޅު އަޅަމުންނެވެ. އޭގެތެރޭގައި ގިނައީ ދެފަޅިވެފައިވާ ޕާލަމެންޓްރީ ގްރޫޕުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ތިއްބެވި މެމްބަރުންނެވެ.

ވޯޓުތަކުގައި އެމްޑީޕީގެ ވިޕްލައިނާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ތިއްބެވި މެމްބަރުން ވޯޓު ދެއްވިއިރު، ނަޝީދު ފަޅީގެ މެމްބަރުން ގެންދެވީ ބައެއް ބިލްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ. މި އަހަރުގެ ބަޖެޓާއި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުން ފަދަ ބިލްތަކަށް ތްރީ ލައިން ވިޕް ނެރުނަސް ބައެއް މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.

މި މައްސަލާގައި ވައްޑެއަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް ވައްޑެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފުލުފުލުގައި ފޮނުވި ސިޓީތަކަށް ފަހު އޭނާއާ މެދު ފިޔަވަޅު އަޅާފައި ވަނީ ގަވާއިދާ ޚިލާފަށެވެ. ޕާޓީގެ ވިޕްލައިނަށް ތަބާނުވެއްޖެ ނަމަ އެ ސަބަބު ޕީޖީ ގްރޫޕްގެ ވިޕުން އަހާ އޮޅުން ފިލުވަން ޖެހޭނެ ކަމަށް ޕީޖީގެ ހިންގާ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް ރައްޔިތުންގެ ސީދާ މަސްލަހަތާ ގުޅުން ހުރި ކަމެއްގެ ބިލުގެ ބަހުސްގައި އަޅުގަނޑު ފާހަގަކުރި އެއްވެސް ކަންބޮޑުވުމަކަށް އަޅާލުމެއް ނުބެހެއްޓެވި ތަނުގައި އަސާސީ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތު ވެސް ފުރިހަމަނުކޮށް އަދި ގާނޫނުއަސާސީ އާއި ގާނޫނުން ކޮންމެ މީހަކަށް ލިބިދޭ ނަފްސޫ ދިފާއުކުރުމުގެ ހައްގު ވެސް އަޅުގަނޑަށް ލިބިނުދީ އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ސައްހަ ފިޔަވަޅުތަކެއް ކަމުގައި ގަބޫލުކުރެވެން ނެތް ކަމަށް ދަންނަވަމެވެ،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިޔަވަޅު އެޅުމުގައި ކުރިއަށް ނެރެފައި ވަނީ ތަފާތުކުރުން ގެންގުޅުމެވެ. އަދި ވިޕްލައިނާ ޚިލާފުވި އެންމެންނާ ދޭތެރޭ އެއްހަމައަކުން ފިޔަވަޅު ނާޅައި ވަކި ބަޔަކަށް އަމާޒުކޮށް "ހޮވާލެވޭ އިންސާފު"ން އަމަލުކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ، މެމްބަރުންނާ މެދު އެގޮތަށް އަމަލުކުރުން ހުއްޓާލެއްވުމަށެވެ.

ވިޕާ ޚިލާފުވެގެން ފިޔަވަޅު އެޅި މެމްބަރުންނަށް އަސްލަމް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ތްރީ ލައިން ވިޕެއް ނެރެފި ނަމަ މަޖިލީހަށް ހާޒިރުވެ ވޯޓުދޭން ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަށް ލާޒިމްވާ ކަމަށެވެ.

ލީޑަޝިޕަށް ގަބޫލްކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާ ނުލައި ތްރީ ލައިން ވިޕަށް އަމަލުކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެއް ކަން ވެސް ބައެއް މެމްބަރުންނަށް ފޮނުއްވި ސިޓީގައިވެ އެވެ.