Roadha Mihaaru
ހިސާބު ބެލެހެއްޓުމުގައި ކުދި ވިޔަފާރިތަކަށް ލުޔެއް ދީފި

ހިސާބު ބެލެހެއްޓުމުގައި ކުދި ވިޔަފާރިތަކަށް ލުޔެއް ދީފި

18 ޖެނުއަރީ 2017

އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ހިސާބު ބެލެހެއްޓުމުގައި ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީހެއްގައި އާމްދަނީ އާއި ހަރަދުތައް ހިމެނެމުގެ އިހްތިޔާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ ދީފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ހިސާބު ބެލެހެއްޓުމުގައި ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީހެއްގައި އާމްދަނީ އާއި ހަރަދުތައް ހިމެނެމުގެ އިހްތިޔާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ ދީފި އެވެ.

ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ނުވާ ނަމަ، މިދިޔަ އަހަރުގެ ހިސާބުތަކުން ފެށިގެން "ކޭޝް ބޭސިސް" ބޭނުން ކުރެވޭނެ އެވެ.

ކޭޝް ބޭސިސްގައި އާމްދަނީ އާއި ހަރަދުތައް ހިމަނަން ޖެހޭނީ ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީހެއްގަ އެވެ.

ދިހަ މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭނުން ކުރަން ޖެހޭނީ، ބީޕީޓީގެ ގަވާއިދަށް ގެނައި 11 ވަނަ އިސްލާހުގައިވާ ގޮތުން، ކުރިއެކޭ ވެސް އެއްގޮތަށް "އެކްރުއަލް ބޭސިސް" އެވެ. އެކްރުއަލް ބޭސިސްގައި، ފައިސާ ލިބުނަސް ނުވަތަ ނުލިބުނަސް އާމްދަނީ އާއި ހަރަދުތައް ހިމަނަން ޖެހޭނީ އެ ކަމެއް ނިސްބަތްވާ ތާރީހެއްގަ އެވެ.

އެ ގޮތަށް ހަމަޖެއްސީ، މީރާ އިން ބުނި ގޮތުގައި، ކުދި ވިޔަފާރިތަކަށް ލުޔެއް ދޭށެވެ.

މީރާ އިން ވަނީ ބީޕީޓީގެ ބަޔާން ހުށަހެޅުމުގައި ވަކި ފަރުދުންނަށް ދީފައިވާ ލުއި، އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ޑީމްޑް ޕާޓްނަޝިޕްތަކަށް ވެސް އިއްޔެ ދީފަ އެވެ. އެ ގޮތުން، އަހަރަކު ލިބޭ އާމްދަނީ 750,000 ރުފިޔާ އަދި ފައިދާ 500,000 ރުފިޔާ އަށް ވުރެ އިތުރު ނުވާ ނަމަ، ޑީމްޑް ޕާޓްނަޝިޕްތަކުން ވެސް ބީޕީޓީގެ ބަޔާން ހުށަހަޅާކަށް ނުޖެހޭނެ އެވެ.

މީގެ އިތުރުން، ކުންފުންޏެއް އުވާލަން ހުށަހަޅާ ތާރީހުގެ ފަހުން ހިނގާ މުއްދަތުތަކަށް އެއްވެސް ޓެކްސް ބަޔާނެއް ހުށަހަޅަން ނުޖެހޭ ގޮތަށް ވެސް މީރާ އިން ވަނީ އިއްޔެ ހަމަޖައްސައިފަ އެވެ. އެ އޮތޯރިޓީން ބުނީ މިހާރު އުވާލަން ހުށަހަޅާފައިވާ ހުރިހާ ކުންފުންޏަކަށް ވެސް މި ލުއި ލިބޭނެ ކަމަށެވެ.