Roadha Mihaaru

މިރާލް: ފެން މުތެއް، ދުލެއް ނުދޭނެ، ފަހަތަކަށް ނުބަލާނެ

ސްވިމިން އެސޯސިއޭޝަނުން މިދިޔަ މަހު ބޭއްވި ޗެމްޕިއަންސް އޮފް ޗެމްޕިއަންސް މުބާރާތުން "ފެންމުތު"ގެ ޝަރަފުވެރި އެވޯޑް ހޯދި މިރާލް އައިން ލަތީފަކީ ހަމައެކަނި، ހިތްވަރު ގަދަ، އަޒުމް ވަރުގަދަ ފެތުންތެރިއެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. އެއަށް ވުރެ އޭނާގެ ވާހަކަތައް މާ ގިނަ އެވެ.

00:00
-01:29
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 ފެބުރުއަރީ 2023

ސްވިމިން އެސޯސިއޭޝަނުން މިދިޔަ މަހު ބޭއްވި ޗެމްޕިއަންސް އޮފް ޗެމްޕިއަންސް މުބާރާތުން "ފެންމުތު"ގެ ޝަރަފުވެރި އެވޯޑް ހޯދި މިރާލް އައިން ލަތީފަކީ ހަމައެކަނި، ހިތްވަރު ގަދަ، އަޒުމް ވަރުގަދަ ފެތުންތެރިއެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. އެއަށް ވުރެ އޭނާގެ ވާހަކަތައް މާ ގިނަ އެވެ.

އޭނާގެ އެންމެ ހާއްސަ އެއް ސިފަ އަކީ، ފެތުންތެރިންނާއި އެތުލީޓުންނަށް އިހުތިރާމްކުރުމެވެ.

އެއްވަނައިގައި ރޭސް ނިންމައި ޕޫލްތެރޭގައި އުފާފާޅު ކުރުން އެއީ ބަލައިގަނެވޭ އަދި އާންމުކޮށް އިންޓަނޭޝަނަލް ސްޓޭޖުގައި ވެސް އެހެން އެތުލީޓުންގެ ފަރާތުން ވެސް ފެންނަ ކަމެކެވެ. އެކަމަކު އެ ހާއްސަ ވަނަ ލިބުމުން ވެސް އޭނާ އުފާ ފާޅެއް ނުކުރެ އެވެ. ކީއްވެ ހެއްޔެވެ؟

"އެހެން ސްވިމާސް އަށް ރެސްޕެކްޓް އޯނާ ކުރުމުގެ ގޮތުން،" އުމުރުން 13 އަހަރުގެ ފެތުންތެރިޔާ ޖަވާބު ދިނެވެ.

ފެތުމުގެ ޓްރޭނިންތަކަށް މިރާލް އެންމެ ފުރަތަމަ ގެންދިޔައީ ފަތަން ދަސްކޮށް ދިނުމުގެ ގޮތުންނެވެ. އެކަމަކު އޭނާގެ ހިތް ގޮސް ވަނީ ވާދަވެރި މި ކުޅިވަރުގެ ތެރެއަށެވެ. ޕްރޮފެޝަނަލް ފެތުންތެރިޔެއްގެ ގޮތުގައި ގައުމީ ޓީމު ތަމްސީލުކޮށް ރާއްޖެ އަށް ރަން ވަނައެއް ހޯދައިދިނުމަކީ މިރާލްގެ އެންމެ ބޮޑު އުންމީދެވެ.

މިރާލް، ފެންމުތުގެ ޝަރަފުގެ އެވޯޑް ހިފަހައްޓާލައިގެން

މިރާލް، ފެންމުތުގެ ޝަރަފުގެ އެވޯޑް ހިފަހައްޓާލައިގެން

ދުނިޔޭގެ ފެތުމުގެ އެންމެ ބޮޑު ޕޫލްތަކުގައި ވާދަވެރި ޓައިމިންތަކުގައި ރޭސް ނިންމައި ދުނިޔޭގެ ފެންވަރުގައި އިހްތިރާމް ހައްގު މަގާމަކަށް އޭނާގެ ނަން ދަމަހައްޓަން މިރާލް ބޭނުންވެ އެވެ.

އޭނާގެ ކޯޗު މުހައްމަދު ޒާހިދު ބުނި ގޮތުގައި، މިރާލް އަކީ ކިތަންމެ ގިނައިރު ޓްރޭނިން ހަދަން ޖެހުނަސް ފޫހި ކަމެއް ނެތި ތަމްރީން ހަދާ ހިތްވަރުގަދަ ފެތުންތެރިޔެކެވެ.

"އެއް ޑްރިލްއެއް ކިތަންމެ ގިނަ ފަހަރު ހަދަން ޖެހުނަސް ފޫއްސެއް ނުވާނެ. އަދި އޭނާ އަށް އެ ހެދެނީ ރަނގަޅަށްތޯ ތަކުރާރުކޮށް ސުވާލުކޮށް ހަދާނެ،" ފެތުންތެރި އުފެއްދުމާއި ތަމްރީން ކުރުމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރި ޒާހިދު ބުންޏެވެ.

"މިދިޔަ 20 އަށް އަހަރުތެރޭ ވަރަށް ޕޮޓެންޝިއަލް ފެތުންތެރިން އަޅުގަނޑު ދެކެފިން. އޭގެ ތެރެއިން އެއް ކުއްޖަކީ މިރާލް. އޭނާ އާ މެދު އަޅުގަނޑު ޓާގެޓްތައް މިހުރީ ފަސްވަރަކަށް އަހަރު ފަހަށް. އެހާހިސާބަށް ދާއިރު ރަނގަޅު ފެންވަރަކަށް އޭނާ އަށް ދެވޭނެ. މިހާރު ވެސް އޭނާ ހުރި ފެންވަރަށް ބަލައިފަ މި ބުނަނީ. އެ އިމްޕްރޫވް އެބަ ފެނޭ."

ކޯޗު ޒާހިދު އާއި މިރާލް: ޒާހިދު ބުނީ މިރާލް އަކީ އުންމީދީ ފެތުންތެރިޔެއް ކަމަށް

ކޯޗު ޒާހިދު އާއި މިރާލް: ޒާހިދު ބުނީ މިރާލް އަކީ އުންމީދީ ފެތުންތެރިޔެއް ކަމަށް

ޗެމްޕިއަންސް އޮފް ޗެމްޕިއަންސް މުބާރާތުގެ ފެންމުތުގެ ޝަރަފް ހޯދުމުގެ ކުރިން މިރާލްގެ ނަން ފާހަގަ ވީ، މިދިޔަ އަހަރު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގަ އެވެ.

ތުރުކީގެ ކޮންޔާގައި ބޭއްވި އެ ގޭމްސްގައި މިރާލް ވަނީ، 100 މީޓަރުގެ ބަޓަފްލައި އިވެންޓުގެ ލޯންގް ކޯސް ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. މިދިޔަ ޑިސެމްބަރު މަހު އެ ރެކޯޑް އެހެން ފެތުންތެރިޔަކު ހެދި ނަމަވެސް ސެޕްޓެމްބަރު މަހު މިރާލް އެ ރެކޯޑް މުގުރާލުމުގެ ކުރިން އޭރު އެ ރެކޯޑް މުގުރާނުލެވި 18 އަހަރުވަންދެން އޮތެވެ.

ގައުމީ ރެކޯޑެއް މުގުރާލެވޭނެ ފެންވަރުގެ ޕޫލެއް ރާއްޖޭގައި ނެތި، ސޮލިޑާރިޓީ ގޭމްސްގައި އެ ރެކޯޑް ހެދުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި އޮތް ޕޫލަކީ 25 މީޓަރުގެ ޕޫލެކެވެ. އެހެންވެ ތުރުކީގެ އޮލިމްޕިކް ސްޓޭންޑަޑްގެ ޕޫލަށް ހޭނެން ވެސް ވީ ޗެލަންޖަކަށް ކަމަށް މިރާލް ބުންޏެވެ.

"ޓްރޭން މި ކުރަނީ 25 މީޓަރު ޕޫލެއްގައި. ދެން އަލަށް 50 މީޓަރު ޕޫލެއްގައި ފެތީމަ ޑިފަރެންސް ވަރަށް ތަފާތު. ޕޭސް ކުރުމާއި ސްޕްރިންޓް ކުރަން ވެސް،" އޭރު ގައުމީ ރެކޯޑް ހެދި ތުރުކީގެ ޕޫލާއި ރާއްޖޭގައި އޮތް ޕޫލާ އަޅައިކިޔުމުގެ ގޮތުން މިރާލް ބުންޏެވެ.

އެކަމަކު އޭގެ ސަބަބުން އޭނާގެ ޕާފޯމަންސަށް ބަދަލު އަޔަކަ ނުދިނެވެ. އެހާތަނަށް އެ ކެޓަގަރީގައި ދިވެއްސަކު ފެތި އެންމެ ބާރު ސްޕީޑްގައި މިރާލް ފެތި އެވެ.

"ވަރަށް އުފާވި ދުވަހެއް އެއީ. އަސްލު އަޅުގަނޑު ހީ ނުކުރަން ރެކޯޑެއް މުގުރާލެވޭނެއެކޭ. އަޅުގަނޑު ހީކުރީ އާންމުކޮށް ދާ ސްޕީޑަށް ވުރެ ދަށްކޮށް ކަމަށް ދެވުނީ،" މިރާލް ބުންޏެވެ.

އެތުލީޓެއްގެ އެންމެ މުހިންމު ސިފަ އަކީ މުބާރާތެއް ނެތަސް ވަކި ޑައިޓް ޕޭލޭނެއްގައި ވަކިވަކި ލެވަލްއަކަށް ފިޓްނަސް ހިފަހައްޓަން އަބަދު ވެސް މަސައްކަތް ކުރުމެވެ. އެހެންވެ މިރާލް ބުނީ ފިޒީ ޑްރިކްސް އަދި ފާސްޓް ފުޑް އެއްގޮތަކަށް ވެސް އޭނާ ބޭނުން ނުކުރާ ކަމަށެވެ.

ކޯޗު ޒާހިދު ވެސް ބުނީ ކުރިމަގުގެ އުންމީދީ ފެތުންތެރިޔާގެ ގޮތުގައި މިރާލް ފެންނަ ސަބަބަކީ ވެސް އޭނާ ހިފަހައްޓާ ޑިސިޕްލިން ކަމަށެވެ.