Roadha Mihaaru
ހޯމްސިކް އިހުސާސްތަކުން އުފެއްދި ފެންކުލައިގެ ބަގީޗާ

ހޯމްސިކް އިހުސާސްތަކުން އުފެއްދި ފެންކުލައިގެ ބަގީޗާ

10 ފެބުރުއަރީ 2023

އޭނާގެ އިހުސާސްތައް ފެންކުލައިން ދަސްކުރަން ފެށީ ކޮވިޑުގެ ތެރެއިންނެވެ. އޭރު އާޓިސްޓް މަރިޔަމް ހަލީމް ހުރީ އިނގިރޭސި ވިލާތުގަ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭނާގެ އިހުސާސްތައް ފެންކުލައިން ދަސްކުރަން ފެށީ ކޮވިޑުގެ ތެރެއިންނެވެ. އޭރު އާޓިސްޓް މަރިޔަމް ހަލީމް ހުރީ އިނގިރޭސި ވިލާތުގަ އެވެ.

"އެއްވެސް ގޮތަކަށް މާލެ އާދެވޭނެ ގޮތެއް ނެތި ތާށިވެފަ ހުންނަން ޖެހުނީ. އެ ދުވަސްކޮޅު ވަރަށް "ހޯމްސިކްވެފަ" ހުރީ. އެހެންވެ ކްރިއޭޓިވް ކަމެއް ދަސްކުރަން ވެގެން މިކަން ފެށުނީ،" ކުރެހުމުގެ އެކި މަސައްކަތްތަކުން، ނޫސްތަކުގެ ހެޑްލައިންތަކުން ޖާގަ ހޯދައިފައިވާ ހުނަރުވެރިޔާ ބުންޏެވެ.

"އެކަން ދަސްކުރަން ފެށި ހިސާބުން ވެސް، ޓޮމާޓޯ، ބަނބުކެޔޮ، މި ކަހަލަ މާލޭގައި އާއްމުކޮށް ގޭގެއިން ފެނުނު އެއްޗިހި ޕެއިންޓްކުރެވުނީ. އެކަހަލަ ޕެއިންޓިންތަކުން، ގޭގެ ހަނދާންތައް އާވެ، ހިތްހަމަޖެހުން ލިބުނު."

އެގްޒިބިޓު ކޮށްފައިވާ މަރީގެ ބައެއް ޕެއިންޓިންތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެގްޒިބިޓު ކޮށްފައިވާ މަރީގެ ބައެއް ޕެއިންޓިންތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގައި ނޫނީ ނުހެއްދޭ މޭވާ އާއި ތަރުކާރީގައި އޭރު ޖެހުނު ކުލަތަކުން އުފެދުނު ބަގީޗާ، އާޓް ގެލެރީގައި މިހާރު އެހެރީ ފެންނާށެވެ! "ގަސްތަކުން" ނަމުގައި މަރީގެ މަސައްކަތްތައް ދައްކާލާ އެގްޒިބިޝަން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ކޮވިޑުގެ ކުރިން ފެންކުލަ އަކީ މަރީ އަށް އެހާ ފަރިތަ އެއްޗެއް ނޫނެވެ. އެކަމަކު އޭގެ ތެރެއަށް ވަދެ، ފެންކުލަ އާއި ފިހީގެ ޖާދޫ ދަސްކޮށްދިން ޓީޗަރަކީ މަރީގެ ފިރިމީހާ އަދި މަޝްހޫރު އާޓިސްޓު އަފްޒަލް ޝާފިއު (އަފޫ) އެވެ.

އެގްޒިބިޓު ކޮށްފައިވާ މަރީގެ ކުރެހުމެއް. ކުރެހުމުގެ ހުރިހާ ޑީޓެއިލެއް ވެސް ފުރިހަމަ ކޮށްފައި ވަނީ ފެން ކުލައިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެގްޒިބިޓު ކޮށްފައިވާ މަރީގެ ކުރެހުމެއް. ކުރެހުމުގެ ހުރިހާ ޑީޓެއިލެއް ވެސް ފުރިހަމަ ކޮށްފައި ވަނީ ފެން ކުލައިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަރީ ބުނި ގޮތުގައި، ކޮންމެ ޕެއިންޓިންއެއް ފުރިހަމަވުމުގެ ސިއްރަކީ ވެސް އަފޫ އެވެ. އަފޫގެ ފާޑުކިއުމާއި، އޭނާގެ ހިޔާލަށް ކޮންމެ ޕެއިންޓިންއެއް ނިމޭއިރު، އޭގައި ހުންނަން ޖެހޭ ހުރިހާ ޑީޓެއިލެއް ފުރިހަމައަށް ގެނެސްދެވޭ ކަމަށް މަރީ ބުންޏެވެ.

ޕެއިންޓު ކުރަން ފެށި އިރު، ނަން ނޭނގޭ އެތައް ތަކެއްޗެއްގެ ނަން ދަސްވެ، އެ ތަކެއްޗާ ގުޅޭ ގޮތުން ލިބުނު އެކި މައުލޫމާތުތައް ވެސް އެގްޒިބިޝަނުގެ ތެރެއިން ކޮންމެ ޕެއިންޓިންއެއްގެ ތިރީގައި ވަނީ ލިޔެފަ އެވެ.

މަރީ އެގްޒިބިޝަންގައި ބަހައްޓާފައިވާ ބައެއް ޕެއިންޓިންތައް. މި ޕެއިންޓިންތަކަކީ ރާއްޖޭގައި ހެދޭ ބާވަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ޕެއިންޓިންތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަރީ އެގްޒިބިޝަންގައި ބަހައްޓާފައިވާ ބައެއް ޕެއިންޓިންތައް. މި ޕެއިންޓިންތަކަކީ ރާއްޖޭގައި ހެދޭ ބާވަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ޕެއިންޓިންތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބައްޕަގެ ވަޑާންކުރުމުން "ކްރިއޭޓިވް" މަސައްކަތްތަކަށް ލޯބި ޖެހުނު މަރީ، ފިރިމީހާ އަފޫގެ މަސައްކަތްތަކުން އަމިއްލަ "ކްރިއޭޓިވިޓީ" ހޯދުމަށް އިންސްޕަޔާވި ކަމަށް ބުންޏެވެ.

ކްރިއޭޓިވް މަސައްކަތެއް ކުރަން ބޭނުންވެފައި ހުއްޓާ ދަބަސް ހަދައި، ޑިޒައިން ކުރުމުގެ މަސައްކަތަށް މަރީ ލޯބި ޖެހުނެވެ. ދެހާސް ބާރަ ވަނަ އަހަރު އެ މަސައްކަތް ކުރުމަށް އަޒުމުކަނޑައެޅި އިރު އެކަން ކުރަން އޭރު މަރީއަކަށް ނޭނގެ އެވެ. އެ މަސައްކަތް ވެސް ދަސްކުރީ އެވެ. ޔޫޓިއުބާއި އެކި ޕްލެޓްފޯމުތަކުގެ ވީޑިއޯތައް ބަލައިގެންނެވެ. އެ މަސައްކަތުގެ ކާމިޔާބީ ވެސް ނުހަނު ފޮންޏެވެ.

ދެހާސް ތޭރަ ވަނަ އަހަރު ކޮންޒިއުމާ ފެއާއިން މަސައްކަތްތައް ދައްކާލާ، އާއްމުންގެ ތަރުހީބުން އެ މަސައްކަތް ފުޅާ ކުރުމަށް އަނެއްކާ ވެސް އިތުރު ހުނަރެއް މަރީ ދަސްކުރި އެވެ. ގަލަމުން ކުރެހުމުގެ ހުނަރު ދަސްކޮށް އަމިއްލަ ޑިޒައިނަށް ފަރުމާކުރި ފެބްރިކުގެ ދަބަސް ކަލެކްޝަންތަކަކުން އެންމެން އާޝޯހުކޮށްލި އެވެ.

މަރީ "މިހާރު"އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަރީ "މިހާރު"އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމިއްލަ އަށް ދަބަސް ފަހައި، ޑިޒައިން ކުރަން ދަސްކޮށް، "ކްރާފްޓްސް"ގެ ދުނިޔެ އަށް ވަން މަރީ، މަސައްކަތަކަށް ފަހު މަސައްކަތެއް ދަސްކޮށް މިއަދު މިހުރީ ފެންކުލަ ފިހީގައި ވެސް ހިފާލައިގެންނެވެ.

މަރީ ބުނީ އަމިއްލަ ކްރިއޭޓިވިޓީ ހޯދާ، އެ ކްރިއޭޓިވިޓީ ފުޅާކޮށް، އިތުރު ހުނަރު ދަސްކުރުމަށް ވަކި އުމުރެއް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ ކަމަކީ ވެސް ދަސްކުރުމަށް އަޒުމު ކަނޑައަޅާ އެކަމަށް ވަގުތު ދީފި ނަމަ ދަސްވާނެ ކަމެއް ކަމަށް ވެސް މަރީ ބުންޏެވެ.

ކުދިންގެ މަސައްކަތްތަކާއި، ގޭގެ މަސައްކަތްތައް ކުރަމުން، އަމިއްލަ ކަމެއް ދަސްކުރުމަށް ނިޔަތް ގަނެ، ކުރެވުނު އިހުސާސްތައް ފެންކުލައިން ފަރިކޮށްދިން މޭވާ އާއި ތަރުކާރީގެ ކުރެހުންތައް އާއްމުންނަށް ބަލާލުމަށް މި ލިބުނީ މަރީ އެ އަޒުމުގައި ކުރި މަސައްކަތުންނެވެ.