Roadha Mihaaru
ގިރާވަރު މީހުންގެ ރީތިކަން "ރޮދިން"

ގިރާވަރު މީހުންގެ ރީތިކަން "ރޮދިން"

18 ޖުލައި 2024

ކަސަބު ބޯވަޅު ހެދުމުގައި ބަނޑިޔާ ކިހިއްޔަށް ޖަހައިގެން ހުރި އަންހެނެކެވެ. ބޮލުގެ ވައަތްފަރާތުގައި އިން ހުޅިއާ އެކު އޭނާގެ ރީތިކަން ފުރިހަމަކޮށްފައި ވަނީ ކަޅު ކުލައިގެ ރޮދިންނެވެ. އެ ރީތިކަމުގެ ފަހަތުގައި ވަނީ ގިރާވަރު އަންހެނުންގެ ވާހަކަ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ކަސަބު ބޯވަޅު ހެދުމުގައި ބަނޑިޔާ ކިހިއްޔަށް ޖަހައިގެން ހުރި އަންހެނެކެވެ. ބޮލުގެ ވައަތްފަރާތުގައި އިން ހުޅިއާ އެކު އޭނާގެ ރީތިކަން ފުރިހަމަކޮށްފައި ވަނީ ކަޅު ކުލައިގެ ރޮދިންނެވެ. އެ ރީތިކަމުގެ ފަހަތުގައި ވަނީ ގިރާވަރު އަންހެނުންގެ ވާހަކަ އެވެ.

މިއީ، އާޓް ގެލެރީގައި މިހާރު ކުރިއަށް ގެންދާ "އަންވެއިލިން ވިޝަން 2024"ގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް އާޓްވޯކެވެ. ވަރަށް ކަވި، ފުރިހަމަ މަސައްކަތެކެވެ.

މި އާޓްވޯކް ހެދި އާމިނަތު ޝިހާނާ އަބޫބަކުރު (އަބުޑީ) ބުނި ގޮތުގައި އެއީ 100 ގަޑިއިރުގެ މަސައްކަތެވެ. މިފަހަރު އޭނާ ބޭނުންވީ ގިރާވަރު މީހުންގެ ރީތިކަން އޭނާގެ ހުނަރުން އާންމުންނަށް ދައްކާލާށެވެ.

ތިން މަސް ހޭދަވި މި އާޓްވޯކް ތައްޔާރުކުރުމުގެ ކުރިން ގިރާވަރާ ބެހޭ މައުލޫމާތު އޭނާ އެއްކުރި އެވެ.

އޭނާ ބުނި ގޮތުގައި، ގިރާވަރު މީހުންނަކީ ވަރަށް ނިކަމެތި، ތަފާތު ދިރިއުޅުމެއް އުޅުނު ބައެކެވެ. ވަރަށް އެކަހެރިކޮށް އުޅުނު ބައެކެވެ. ގިރާވަރުން، ހުޅުލެއިން މާލެއަށް ބަދަލުކުރި މި މީހުންގެ ދިރިއުޅުން އަހަރެމެން ދިވެހިންނާ ހާސް ބައި ތަފާތެވެ.

ހެދުން އެޅުމުގައި ވެސް އެ މީހުން ތަފާތު ގޮތްތަކެއް ގެންގުޅުނެވެ. ގިރާވަރު އަންހެނުން ދިވެހި ލިބާސް ލުމުގައި ވެސް ތަފާތުތަކެއް ހުއްޓެވެ.

މައުރަޒަށް ޒިޔާރަތްކުރި މީހަކަށް ކުރެހުން ތައްޔާރު ކުރި ގޮތް އަބުޑި ކިޔައިދެނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މައުރަޒަށް ޒިޔާރަތްކުރި މީހަކަށް ކުރެހުން ތައްޔާރު ކުރި ގޮތް އަބުޑި ކިޔައިދެނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

"މި [އާޓްވޯކަކީ] ގިރާވަރު އަންހެނުންގެ އެ ރީތި ކަމާއި ދިރިއުޅުން." އަބުޑި ބުންޏެވެ.

އަބުޑި ރޮދިން އާޓްވޯކް ހަދަން ފެށީ 2019 ވަނަ އަހަރު ބޭއްވި ފަންނު އެކްސްޕޯއަށް ތައްޔާރުކުރި އާޓްވޯކާ އެކުގަ އެވެ. އެ ފަހަރު އޭނާ ރޮދިން ތައްޔާރުކުރީ ޝަހީދު ހުސެން އާދަމްގެ އާޓްވޯކެކެވެ. އަބުޑީގެ އެ ހުރިހާ މަސައްކަތެއްގައި ވެސް ބޭނުންކުރަނީ ރޮއްޖެވެ.

އާންމުކޮށް ދިވެހި އަންހެނުން ލިބާސް ލައިގެން ރީތިވާއިރު، އިސްތަށިގަނޑުގެ ހުޅި ޖަހަނީ ކަނާތްފަރާތަށެވެ. ނަމަވެސް ގިރާވަރު އަންހެނުން ހުޅި ޖަހަނީ ވާތްފަރާތަށެވެ. އެމީހުންގެ ލިބާހުގައި ކަސަބު އަޅައިފައި ހުންނަނީ ވެސް އާދައިގެ ހުދު ފޮތިންނެވެ. އަބުޑީގެ އާޓްވޯކުން މިކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ.

އަބުޑި ވަނީ މިދިޔަ ދެ އަހަރު ވެސް އަންވެއިލިން ވިޝަންގައި ބައިވެރިވެފަ އެވެ. ކޮންމެ އަހަރަކު ވެސް ގެނެސްދިނީ ދިވެހި ތާރީހާ ގުޅޭ އާޓްވޯކެކެވެ. މީގެ ކުރިން އޭނާގެ އާޓްވޯކުތައް ތައްޔާރު ކުރީ އެކި ކުލަކުލައިގެ ރޮދި ބޭނުންކޮށްގެންނެވެ.

ކުރެހުން ތައްޔާރު ކުރި ގޮތް އަބުޑި "މިހާރުު" އަށް ކިޔައިދެނީ: ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ކުރެހުން ތައްޔާރު ކުރި ގޮތް އަބުޑި "މިހާރުު" އަށް ކިޔައިދެނީ: ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މި އަހަރުގެ އަންހެނުންގެ ދުވަހު ބޭއްވި އާޓް އެގްޒިބިޝަނަކަށް އަބުޑި ވަނީ މި ހުނަރު ބޭނުންކޮށްގެން އޭނާގެ މަންމަގެ ކުރެހުމެއް ތައްޔާރުކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ އަންވެއިލިން ވިޝަން އަށް އޭނާ ތައްޔާރުކުރީ ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމުގައި އެއްޗެއްގެ ދަށުވެފައި ތިބި ކުޑަ ދެކުދިންގެ ކުރެހުމެކެވެ.

އަބުޑި އަންނަނީ އޭނާގެ މި ހުނަރު އެހެން މީހުންނަށް ދަސްކޮށްދިނުމުގެ ގޮތުން ވޯކްޝޮޕްތައް ވެސް ބާއްވަމުންނެވެ. އެންމެފަހުން ފުވައްމުލަކުގައި ބޭއްވި ވޯކްޝޮޕްގައި ވެސް 15 ކުދިން ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.