Roadha Mihaaru
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"

ފަނޑިޔާރުންގެ މަގްސަދަކަށް ވާން ޖެހޭނީ އާންމު މަސްލަހަތު ހިމާޔަތް ކުރުން: އުއްތަމަ ފަނޑިޔާރު

09 ފެބުރުއަރީ 2023

ފަނޑިޔާރުންގެ މަސައްކަތުގެ މަގްސަދަކަށް ވާން ވާނީ ގާނޫނާ އެއްގޮތަށް ރައްޔިތުންގެ ސަލާމަތާއި ގައުމުގެ އާންމު މަސްލަހަތު ހިމާޔަތް ކުރުން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރުންގެ މަސައްކަތުގެ މަގްސަދަކަށް ވާން ވާނީ ގާނޫނާ އެއްގޮތަށް ރައްޔިތުންގެ ސަލާމަތާއި ގައުމުގެ އާންމު މަސްލަހަތު ހިމާޔަތް ކުރުން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ފަނޑިޔާރުންގެ އަބަދުވެސް މަގްސަދަކަށް ވާން ވާނީ ރައްޔިތުންގެ ސަލާމަތާއި މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކަށް ވާނީ ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއަށް މި ރާއްޖޭގެ އާންމު މަސްލަހަތު ދިފާއު ކުރަން މަސައްކަތް ކުރުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން އިންގިލާބީ ބަދަލުތަކެއް އައިސް އަދި 47 އަހަރު ފަހުން ހެއްކާބެހޭ އާ ގާނޫނަކަށް މިއަހަރު އަމަލުކުރަން ފަށާފައިވާ ކަން ފާހަގަ ކުރައްވައި، ގާނޫނުތަކަށް އަންނަ ބަދަލުތަކަށް ފަނޑިޔާރުން އަހުލުވެރިވާން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ފަނޑިޔާރުން އަހުލުވެރި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ޝަރުއީ ދާއިރާއިން ބޭރުގެ ގައުމުތަކާއި ޖަމާއަތްތަކާ ގުޅިގެން ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަނޑިޔާރުންނަކީ އެފަަދަ ބަދަލުތަކަށް އަހުލުވެރިވެ، ފަރުދީ ގޮތުން އެކަންކަން ދިރާސާކޮށް، ތިމާގެ ނަފްސު އަދާހަމަކުރަން ޖެހޭ ބައެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ މަގްސަދަކަށް ވާނީ ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއަށް މި ރާއްޖޭގެ އާންމު މަސްލަހަތު ދިފާއު ކުރަން މަސައްކަތް ކުރުން،" --- އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިސްލާހީ ބަދަލުތައް ގެންނައިރު އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަދި ޒަމާންވީ އާދަކާދަތަކާއި ދައުލަތުގެ ކެރިފޯރުންތެރިކަމާއި ބައިނަލްއަގްވާމީ އުސޫލުތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ވިދާޅުވެ، ރާއްޖޭގެ ކުރީގެ ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުންދީން ނެރުއްވި އަމުރުފުޅު ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ޝަރުއީ ދާއިރާ އަށް ދޭ އެހީތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

މިރޭގެ ޖަލްސާގައި، ޝަރަފްވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތް ބޭފުޅުންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އާއި މެޑަލް އެރުވި އެވެ. އަދި ޝަރުއީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގު ވެސް ވަޒަންކޮށް، ހަނދާނީ ފިލާ އެރުވި އެވެ.