Roadha Mihaaru
ރޮނާލްޑޯ ލީގުގެ ލަނޑުގެ އަދަދު 500 އިން މައްޗަށް

ހަތަރު ގޯލާއެކު ރޮނާލްޑޯގެ ލީގުގެ ލަނޑުގެ އަދަދު 500 އިން މައްޗަށް

10 ފެބުރުއަރީ 2023

މައްކާ (ފެބްރުއަރީ 10) - ސައުދީ ޕްރޯ ލީގުގައި އައް ނަސްރުން 4-0 އިން އަލް ވަހްދާ ބަލިކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ގޯލާ އެކު އޭނާ ލީގު ކެރިއަރުގައި ޖެހި ގޯލުގެ އަދަދު 500 އިން މައްޗަށް ޖައްސާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މައްކާ (ފެބްރުއަރީ 10) - ސައުދީ ޕްރޯ ލީގުގައި އައް ނަސްރުން 4-0 އިން އަލް ވަހްދާ ބަލިކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ގޯލާ އެކު އޭނާ ލީގު ކެރިއަރުގައި ޖެހި ގޯލުގެ އަދަދު 500 އިން މައްޗަށް ޖައްސާލައިފި އެވެ.

މިދިޔަ އަހަރުގެ ސައުދީ ދެވަނަ ޑިވިޝަނުގެ ތިން ވަނަ ހޯދައިގެން ޕްރޯ ލީގަށް ކޮލިފައިވި ވަހްދާ ކޮޅަށް ރޮނާލްޑޯ ފުރަތަމަ ލަނޑު ޖެހީ 21 ވަނަ މިނިޓުގަ އެވެ. މިއީ ރޮނާލްޑޯ ލީގް ކެރިއަރުގައި ކާމިޔާބު ކުރި 500 ވަނަ ގޯލެވެ. ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ.

ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 53 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އޭގެ އަށް މިނިޓު ފަހުން ހަތަރުވަނަ ގޯލު ޖެހީ އޭނާ ފޮނުވާލި ހަމަލާއެއް ވަހްދާގެ ކީޕަރު ފުރަތަމަ މަތަ ކުރުމުން ލިބުނު ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ގޯލުތަކެއް ޖެހުމުން އަހަރެން ވަރަށް އުފާ ވެއްޖެ، އެކަމަކު އެންމެ ބޮޑަށް އުފާވަނީ ޓީމު މޮޅުވާޏް އެހީ ވެވުނީމައި،" މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ.

މިއާ އެކު އައް ނަސްރު ލީގުގެ އެއްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 37 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އަލް ޝަބާބު ވަނީ 17 މެޗުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ބަލި ވެފައިވާ ވަހްދާ އޮތީ ލީގުގެ 13 ވަނައިގަ އެވެ.

ރެކޯޑް ޓްރާންސްފާ އެއްގައި ރޮނާލްޑޯ ސައުދީ އަށް ބަދަލުވެ ކުޅުނު ފުރަތަމަ ދެ މެޗުގައި އޭނާއަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް ފަހުން ކުޅުނު ދެ މެޗުގައި ގޯލު ޖަހައިގެން ރޮނާލްޑޯ ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ފަސް ގޯލު ހަމަކޮށްފަ އެވެ.

ރޮނާލްޑޯ އޭނާގެ ކެރިއަރު ފެށީ ޕޯޗުގަލްގެ ސްޕޯޓިން އަށް ވަނީ ލީގުގައި ތިން ގޯލު ޖަހައިދީފަ އެވެ. އެއަށް ފަހު ކުޅުނު މެންޗެސްޓާ ޔުނައިޓެޑަށް ދެ ފަހަރު މަތިން ކުޅެ، 103 ގޯލު ޖަހައިދީފައި ވެއެވެ. ރެއާލް މެޑްރިޑަށް ސްޕެއިން ލީގުގައި ޖަހައިދިން 311 ގޯލުގެ އިތުރުން އިޓަލީގެ ޔުވެންޓަސް އަށް ވަނީ 81 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. އަދި ސައުދީ ލީގުގައި މިހާތަނަށް ކާމިޔާބު ކުރި ފަސް ގޯލާ އެކު އޭނާގެ ލީގު ކެރިއަރުގައި މިވަނީ 503 ގޯލު ޖަހައިފަ އެވެ.

އައް ނަސްރަށް ދެން އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ތައާވޫނާ ދެކޮޅަށް ކުޅޭ ލީގު މެޗެވެ.