Roadha Mihaaru
ސައުދީގެ ލީގުން އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ

ސައުދީގައި އަހަރެން މަޑުކުރާނަން، ލީގުން ވެސް އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ: ރޮނާލްޑޯ

02 ޖޫން 2023

ރިޔާދު (ޖޫން 2) - އަންނަ ސީޒަނުގައި ވެސް ސައުދީ އަރަބިއާގެ ޕްރޯ ލީގުގައި އޭނާ ހުންނާނެ ކަމަށާއި އެކަމަކު އެ ލީގުން ވެސް އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް އައް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރިޔާދު (ޖޫން 2) - އަންނަ ސީޒަނުގައި ވެސް ސައުދީ އަރަބިއާގެ ޕްރޯ ލީގުގައި އޭނާ ހުންނާނެ ކަމަށާއި އެކަމަކު އެ ލީގުން ވެސް އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް އައް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ސައުދީ ލީގު ޓީވީ ޗެނަލްގައި ވާހަކަ ދައްކަމުން، ރޮނާލްޑޯ ބުނީ މިހާރު ވެސް ސައުދީގެ ޓީމުތައް ވަރުގަދަ ކަމަށެވެ. އިތުރު ކަންކަން ރަނގަޅުކޮށްގެން ލީގު އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށ އޭނާ ބުންޏެވެ.

"ލީގު ވަރަށް ރަނގަޅު. އެކަމަކު އަހަރެންނަށް ހީވަނީ ކުރިއަރަން އަދިވެސް އެތައް އެތައް ފުރުސަތުތަކެއް އެބަހުރިހެން،" ރޮނާލްޑޯ ބުންޏެވެ.

"ލީގަކީ ވާދަވެރި ލީގެއް. އަހަރެމެންގެ ޓީމުތައް ވަރަށް ރަނގަޅު، ވަރަށް މޮޅު އަރަބި ކުޅުންތެރިން އެބަތިބި. އެކަމަކު އެމީހުން އިންފްރާސްޓްރަކްޗާ ތަންކޮޅެއް އިތުރަށް ރަނގަޅު ކުރަން ޖެހޭ. ރެފްރީން ވެސް، ވީއޭއާރު ސިސްޓަމް ވެސް. ބަދަލުތައް ގެންނަން ޖެހޭ.. ތަންކޮޅެއް ހަލުވި ގޭމެއް ކުޅެން ވެސް ޖެހޭ."

ރޮނާލްޑޯ ބުނީ ބަދަލުތަކެއް ގެނެސް ފަސް އަހަރު މަސައްކަތްކޮށްގެން ދުނިޔޭގެ ގަދަ ފަސް ލީގުގެ ތެރެއަށް ސައުދީ ލީގަށް ވަދެވިދާނެ ކަމަށެވެ.

"\އަހަންނަށް ހީވަނީ އެ މީހުން ރަނގަޅު ކުރަން ޖެހޭ އެހެން ކުދިކުދި ކަންތައްތަކެއް ވެސް އެބަހުރިހެން.... އަހަރެންގެ ނަޒަރުގައި ދެން ކުރިމަގަށް މިތަނުގައި ކުރަން ބޭނުންވާ މަސައްކަތް ކުރިއަށް ގެންދާނަމަ ފަސް އަހަރު ފަހުން ހީވަނީ ސައުދީ ލީގަކީ ދުނިޔޭގެ އެންމެ މޮޅު ފަސް ލީގުގެ ތެރޭގައި ހިމެނޭ ލީގަކަށް ވެދާނެހެން،" ޕޯޗުގަލްގެ ލީގާއި އިނގިރޭސި ޕްރިމިއާ ލީގު އަދި ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގައި ވެސް ކުޅުނު ރޮނާލްޑޯ ބުންޏެވެ.

ރަނގަޅު ކުރަން ޖެހޭ އެހެން ކަންތައްތަކުގެ ގޮތުގައި ރޮނާލްޑޯ ފާހަގަ ކުރީ ޓީމުތައް ޕްރެކްޓިސް ކުރާ ގަޑިތައް ބަދަލު ކުރުމެވެ. ސައުދީގެ ޓީމުތަކުން ޕްރެކްޓިސް ކުރަނީ ހަވީރު ނުވަތަ ރޭ ގަނޑު އެވެ. ރޮނާލްޑޯ ބުނީ ޔޫރަޕްގައި ޕްރެކްޓިސް ކުރަނީ ހެނދުނުގައި ކަމަށާއި ސައުދީގެ ޓީމުތައް ވެސް އެގޮތަށް ބަދަލުވާން ޖެހޭ ކަމަށެވެ.

ނަސްރުން މި ސީޒަންގައި ކުޅުނު ފަހު މެޗުގައި ރޮނާލްޑޯ ބައިވެރިއެއް ނުވެ އެވެ. އެކަމަކު އޭނާ ނުކުޅުނީ އަނިޔާގައި ހުރުމުން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. މި ސީޒަނަށް ފަހު އަލުން ޔޫރަޕަށް ރޮނާލްޑޯ ބަދަލުވާ އުޅޭ ވާހަކަ ދެކެވުނަސް އޭނާ ބުނީ އަލް ނަސްރުގައި ހުންނާނެ ކަމަށެވެ،

"އަހަރެން މި ލީގުގައި މިހުރީ އުފަލުން. އަހަރެން މިތާ މަޑުކުރަން ބޭނުން. މިތާ މަޑުކުރާނަން،" ޓީވީގެ އިންޓަވިއުގައި ރޮނާލްޑޯ ބުންޏެވެ.

އުމުރުން 38 އަހަރުގެ ފޯވާޑް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ނަސްރާ ގުޅުނީ، މިދިޔަ ޖެނުއަރީ މަހު އެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 16 ލީގު މެޗުގައި 14 ގޯލު ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ދެ ހެޓްރިކް ވެސް ހިމެނެ އެވެ. އެކަމަކު ސައުދީ ލީގު ނަސްރަށް ކާމިޔާބެއް ނުވި އެވެ.

ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދީ، ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާ އަށް އިރުޝާދު ދިން ޕޯޗުގަލްގެ ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ކޯޗުކަމުގައި ކުޅުނު އިއްތިހާދެވެ. ނަސްރަށް ލިބުނީ ދެވަނަ އެވެ. ލީގުގެ ދެވަނައިގައި ނިންމުމުން ނަސްރަށް ވަނީ އަންނަ ސީޒަންގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ބުރުން ޖާގަ ލިބިފަ އެވެ.