Roadha Mihaaru
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"

ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް

21 ޖެނުއަރީ 2018

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އޭގެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އޭގެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން އެ އިދާރާއިން ފަށާފައިވާ އޮޕަރޭޝަނުގައި މީރާއިން ބައިވެރިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވިލާގެ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 18.9 މިލިޔަން ޑޮލަރު ދައްކާފައި ނުވާތީ މިދިޔަ މާޗު މަހުން ފެށިގެން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ޖީއެސްޓީ އާއި ގްރީން ޓެކުހަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން ދިވެހި ދައުލަތަށް ދެއްކުމަށް ޓެކްސް ދައްކާ ފަރާތާ ހަވާލުކުރާ ފައިސާއަކަށް ވީ ނަމަވެސް މިދިޔަ މާޗު މަހުން ފެށިގެން މިއަދާ ހަމައަށް ޖީއެސްޓީ އާއި ގްރީން ޓެކްސް ވިލާގެ ރިސޯޓުތަކުން އެއްގޮތަކަށް ވެސް ދައްކާފައިި ނުވާ ކަމަށް މީރާއިން ބުންޏެވެ.

މީރާއިން ފިޔަވަޅު އަޅާފައިވަނީ ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓާ މެދު އެވެ.

އެ އޮތޯރިޓީން ބުނިގޮތުގައި ރިސޯޓުތަކާ މެދު ފިޔަވަޅު އެޅީ ޓެކްސް ދައްކާ އެހެން ފަރާތްތަކާ މެދު ވެސް އަމަލު ކުރާ އުސޫލުގެ ދަށުން، ތަފާތު ކުރުމެއް ނެތި ކަމަށެވެ.

"މި އޮތޯރިޓީން ފިޔަވަޅު އަޅަނީ މީރާ އެންފޯސްމެންޓް ޕޮލިސީގެ ދަށުން، ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަކޮށް، ޓެކްސް ދައްކާ އެންމެންގެ މެދުގައި ހަމަހަމަ އުސޫލަކުންނެވެ. ގާނޫނީ ތަރަހައިން ބޭރުން އަދި އެއްވެސް ވިޔަފާރިއަކަށް ގެއްލުން ދިނުމުގެ މަގްސަދުގައި މި ތަނުން ފިޔަވަޅު އަޅާފައެއް ނުވާނެ އެވެ. އެހެންވެ، މީރާގެ މަސައްކަތާއި ތަސައްވުރަށް އުނިކަން ގެނައުމުގެ ގޮތުން ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް އިލްތިމާސް ކުރަމެވެ." މީރާގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކަސްޓަމްސްއިން އިއްޔެ ފަން އައިލެންޑަށް އަރައި ގިނަ އަދަދެއްގެ ރާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އެހެން ތިން ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރައި އެ ތަންތަން ފާސްކޮށް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ބަނގުރާ ގެންދާނެ ކަން ވަނީ އަންގައިފަ އެވެ.

ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ހުއްޓާލާފައިވާއިރު ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެކަން ކުރީ މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، އެތަނުގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ. އޭގެ އިތުރުން މިއަދު ވަނީ ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހިފަހައްޓާފަ އެވެ.

ގާސިމް އިބްރާހިމްގެ ފަސް ކުންފުންޏެއްގެ އަތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީގެ ކުރިން މީރާ އިން ދައުވާކޮށް ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް ވަނިކޮށް، ގާސިމްގެ ތިން ކުންފުންޏެއްގެ އަތުން އިތުރު 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ވެސް މީރާ ވަނީ ދައުވާ ކޮށްފަ އެވެ.