Roadha Mihaaru
ތުރުކީ ބިންހެލުން: މަރުވި އަދަދު 29000ން މައްޗަށް

މަރުވި އަދަދު 29000 އިން މައްޗަށް. ދިރިތިބި މީހުން އަދިވެސް ފެނޭ

12 ފެބުރުއަރީ 2023

މިދިޔަ ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ދެ ބިންހެލުމުގައި، ތުރުކީ އާއި އަވައްޓެރި ސީރިޔާ އިން މަރުވި މީހުންގެ އަދަދު 29000 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ދެ ބިންހެލުމުގައި، ތުރުކީ އާއި އަވައްޓެރި ސީރިޔާ އިން މަރުވި މީހުންގެ އަދަދު 29000 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ރިކްޓާ މިންގަނޑުން 7.8 އާއި 7.6ގެ ބާރުމިނުގައި އައި ދެ ބިންހެލުމުގައި އެ ދެ ގައުމުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައި ތިބޭނެކަމަށް ލަފާ ކުރެވުނަސް، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، ދިރި ތިބި މީހުން ފެންނާނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ. އެހެން ނަމަވެސް، ބިންހެލުން އައިތާ ފަސް ދުވަސް ފަހުން އިއްޔެ ވެސް އިމާރާތެއްގެ ދަށުން، ދެ އަހަރުގެ ތުއްތު ކުއްޖަކާއި މުސްކުޅި އަންހެނަކު ވަނީ ސަލާމަތް ކުރެވިފަ އެވެ.

އެހެންކަމުން، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނި ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ދިރި ތިބި މީހުން އަދިވެސް ތިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް، ދިރި ތިބި މީހުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް، އެ ޓީމުތަކުން ބުނެ އެވެ.

ބިންހެލުމުގައި ގެއްލުން ލިބުނު ތުރުކީގެ ހަތާއީ ޕްރޮވިންސްގައި އޮންނަ ބައިނަލައަގުވާމީ ވައިގެ ބަނދަރު މިއަދުގެ ވަގުތެއްގައި ހުޅުވައިލުމަށް ތުރުކީ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. ތުރުކީ ސަރުކާރުން ބުނި ގޮތުގައި ވައިގެ ބަނދަރުގެ ދަތުރުތައް ފެށުމުން، އެ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަލުވިވެގެން ދާނެ އެވެ.

އެ ވައިގެ ބަނދަރު ބަންދުކުރީ، ބިންހެލުމުގައި އެ ވައިގެ ބަނދަރުގެ ރަންވޭގެ ބޮޑު ސަރަހައްދެއް ކަނޑައިގެން ގޮސް ގިނަ ރެނދުތަކެއް ލާފައި ހުރުމުން، ރަންވޭ ބޭނުންނުކުރެވޭ ގޮތްވުމުންނެވެ. ވައިގެ ބަނދަރު މަރާމާތުކޮށް މިހާރު ވަނީ އަލުން ހުޅުވައިލުމަށް ތައްޔާރުވެފަ އެވެ.

ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ، ފޭރުމާއި މަކަރު ހެދުމުގެ މައްސަލަތައް އިތުރުވަމުން ދިއުން ކަމަށް، އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ. ހާލުގައި ޖެހިފައިވާ މީހުން ވަގުތީ ހިޔާތަކުގައި ތިބިއިރު، އެމީހުންނަށް އެހީގެ ގޮތުގައި ދޭ ކާބޯތަކެއްޗާއި ރަޖާ ފަދަ ތަކެތި، ހާލުގައި ޖެހިފައިވާ އެހެން ބައެއް މީހުން ވަގަށް ނެގުމާއި ފޭރުން ފަދަ ކަންތައް އިތުރުވަމުން ދާ ކަމަށް، އެހީ ދޭ ޖަމާއަތްތަކުން ބުނެ އެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގައި އެތައް ގައުމެއްގެ އެތައް ހާސް ބަޔަކު، ގަދަ ފިނީގައި ރެޔާއި ދުވާލު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ އިރު، ފުރާނަ ސަލާމަތްވި އެތައް ހާސް ބަޔަކު އަދިވެސް ތިބީ އެކަށީގެންވާ އެހީތެރިކަމެއް ނުލިބި އެވެ.