Roadha Mihaaru
އާ ބިންހެލުންތަކުގައި ވެސް އިމާރާތްތައް ވެއްޓުނު

އާ ބިންހެލުންތަކުގައި ވެސް އިމާރާތްތައް ވެއްޓުނު

21 ފެބުރުއަރީ 2023

މި މަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި، އެ ގައުމުން ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓައިލިކަން އިއްޔެ އިއުލާންކޮށްފައި ވަނިކޮށް، ރޭ އިރާކޮޅު އައި ބާރު ގަދަ ދެ ބިންހެލުމުގައި އިތުރު އިމާރާތްތަކެއް ވެއްޓިއްޖެ އެވެ.

މި މަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި، އެ ގައުމުން ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓައިލިކަން އިއްޔެ އިއުލާންކޮށްފައި ވަނިކޮށް، ރޭ އިރާކޮޅު އައި ބާރު ގަދަ ދެ ބިންހެލުމުގައި އިތުރު އިމާރާތްތަކެއް ވެއްޓިއްޖެ އެވެ.

ތުރުކީ ވިލާތުން ބުނި ގޮތުގައި ރޭ އިރާކޮޅު ފުރަތަމަ ބިންހެލުން އައީ ރިކްޓާ މިންގަނޑުން 6.4ގެ ބާރުމިނުގައި އެ ގައުމުގެ އިރުދެކުނުން، ސީރިޔާ އާއި ތުރުކީ ވިލާތް ގުޅޭ ސަރަހައްދަށެވެ. އެ ބިންހެލުން އައިތާ ތިން މިނެޓް ފަހުން، ރިކްޓާ މިންގަނޑުން 5.8ގެ ބާރުމިނުގައި ދެ ވަނަ ބިންހެލުމެއް އައެވެ.

މި ދެ ބިންހެލުމުގައި ވެސް ތުރުކީ ވިލާތާއި ސީރިޔާ އިން ބައެއް އިމާރާތްތައް ވެއްޓުނެވެ. އެ ދެ ގައުމުން ވެސް ބުނި ގޮތުގައި ރޭގެ ދެ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކަކީ، މި މަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި އެރި ލޮޅުންތަކުގެ ސަބަބުން ބަލިކަށިވެފައި ހުރި އިމާރާތްކެވެ.

ތުރުކީ ވިލާތުން ބުނި ގޮތުގައި، ރޭ އެ ގައުމަށް އައި ބާރު ގަދަ ދެ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން ތިން މީހަކު މަރުވިކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. އަދި 213 މީހަކު ޒަޚަމްވެފައިވާ އިރު، ބައެއް މީހުން ގެއްލިފައިވާތީ، ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ރޭ ވަނީ އަލުން ފަށައިފަ އެވެ.

ރޭގެ ދެ ބިންހެލުމުގައި ތިން މީހުން މަރުވީ ތުރުކީ ވިލާތުގެ އަންތާކިޔާ އާއި ދެފްނީ އާއި ސަމަންދަގު ސަރަހައްދުންނެވެ. އެ ސަރަހައްދުތަކުގައި ހުރި ބަލިކަށިވެފައިވާ އިމާރާތްތަކަށް ނުވަނުމަށް، ތުރުކީ ސަރުކާރުން މިހާރުވަނީ އަންގައިފަ އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރޭ އައި ބާރު ގަދަ ދެ ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓުމާ ގުޅިގެން، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުގައި ގިނަ މީހުން ރޭ ހޭދަކުރީ، މަގުތަކާއި ހުސް މައިދާންތަކާއި ޕާކުތަކުގަ އެވެ. އެފަދަ އިތުރު ބިންހެލުންތަކެއް އަތުވެދާނެ ކަމުގެ ބިރަށްޓަކައި، ގެތަކަށް ވަންނަން ގިނަ މީހުން ބޭނުމެއް ނުވި އެވެ.

ސީރިޔާ އިން ބުނި ގޮތުގައި ރޭގެ ބިންހެލުމުގައި ވެއްޓުނު ބައެއް އިމާރާތްތަކުގެ ދަށުވެގެން 470 މީހަކު ޒަޚަމްވި އެވެ. ނަމަވެސް މީހަކު މަރުވި ކަމުގެ އެއްވެސް ރިޕޯޓެއް ނުލިބެ އެވެ.

ރޭގެ ބިންހެލުން އައީ، މި މަހުގެ 6 ވަނަ ދުވަހު އައި ބާރު ގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން، ގެއްލިފައިވާ ގާތް ތިމާގެ މީހުން ފެނޭތޯ ބައެއް އާއިލާތަކުގެ މީހުން އަމިއްލަ ގޮތުން މަސައްކަތް ކުރަމުން ދިޔަ ވަގުތެއްގަ އެވެ. އެ ހިތާމައިގެ ތެރޭގައި ތިއްބައި ރޭ އައި ބާރު ގަދަ ބިންހެލުންތަކުގެ ސަބަބުން، ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށް، އެ ސަރަހައްދުތަކުގައި ތިބި އާންމުން ބުނެ އެވެ.

މި މަހުގެ 6 ވަނަ ވިލޭރޭ ދަންވަރު، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އަދި އެ ދުވަހުގެ މެންދުރު ފަހު 7.6ގެ ބާރުމިނުގައި ތުރުކީ ވިލާތަށް އައި ބިންހެލުމުގައި، ތުރުކީ ވިލާތާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 47000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު އިގްތިސާދީ ގޮތުން ލިބުނު ގެއްލުން، އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ބެލެވެ އެވެ.

މި މަހުގެ 6 ވަނަ ދުވަހު އައި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. ވެއްޓުނު އިމާރާތްތަކާއި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކާ އެކު، މި ބިންހެލުމުގައި ތުރުކީ ވިލާތުން ހަލާކުވި އިމާރާތްތަކުގެ ޖުމްލަ އަދަދު މިހާރުވަނީ 84000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު (ހޯމަ)ގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ހޯމަ ވިލޭރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.