Roadha Mihaaru
ބިންހެލުން: ތުރުކީ ސަރުކާރު ކޮންޓްރެކްޓަރުންގެ ފަހަތުން

ބިންހެލުން: ތުރުކީ ސަރުކާރު ކޮންޓްރެކްޓަރުންގެ ފަހަތުން

13 ފެބުރުއަރީ 2023

މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެއްޓުމާ ގުޅިގެން، އިމާރާތްކުރުމުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮންޓްރެކްޓަރުން ހިފައި ހައްޔަރުކުރުމުގެ މަސައްކަތް ތުރުކީ ސަރުކާރުން ފަށައިފި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެއްޓުމާ ގުޅިގެން، އިމާރާތްކުރުމުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮންޓްރެކްޓަރުން ހިފައި ހައްޔަރުކުރުމުގެ މަސައްކަތް ތުރުކީ ސަރުކާރުން ފަށައިފި އެވެ.

ތުރުކީ ސަރުކާރުން ބުނި ގޮތުގައި ބިންހެލުމުގައި ވެއްޓުނު ބައެއް އިމާރާތްތަކަކީ، އެވަރުގެ ބިންހެލުމެއްގައި ވެއްޓޭ ވަރަށް ވުރެ ތިރިކޮށް ހުރި އިމާރާތްތަކެވެ. ނަމަވެސް އިމާރާތްކުރުމުގައި ފަރުވާ ކުޑަކޮށްފައި ހުރުމުގެ ސަބަބުން އެ އިމާރާތްތައް ވެއްޓުނު ކަމަށް ބަލައި، އެފަދަ އިމާރާތްތައް ބިނާކުރި ކޮންޓްރެކްޓަރުންގެ ތެރެއިން މިހާތަނަށް 131 މީހަކު ހައްޔަރުކޮށް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.

ގެދޮރު އިމާރާތްކުރުމުގައި ތުރުކީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑަކީ، މިފަހަރު އައި ބާރުމިނުގެ ބިންހެލުންތަކުގައި އެކުގައި ސުންނާފަތި ނުވާވަރުގެ ސަލާމަތީ ފިޔަވަޅުތައް ހިމެނޭ މިންގަނޑެކެވެ. އެ މިންގަނޑު އޮތީ ލިޔުމުގައި ކަމަށް ވިޔަސް، އަމަލީ ގޮތުން އިމާރާތްތައް ބިނާކުރާ އިރު، އެ މިންގަނޑު ފުރިހަމަ އަށް ތަންފީޒުނުކުރާ ކަމަށް ބުނެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި، ގާޒީ އާންތެބް ޕްރޮވިންސުން ހައްޔަރުކުރި ދެ މީހުން ހިމެނެ އެވެ. އެ ދެ މީހުން ހައްޔަރުކުރީ އެ ޕްރޮވިންސުން ވެއްޓުނު އިމާރާތެއްގައި ކޮޓަރިތައް އިތުރުކުރުމުގެ ބޭނުމުގައި، އިމާރާތުގެ ބައެއް ތަނބުތައް ތަޅާލައިގެން ކޮޓަރި އިތުރުކުރި ކަމަށް ކުރެވޭ ތުހުމަތުގަ އެވެ.

އޭގެ އިތުރުން އަދިޔަމާން ޕްރޮވިންސުން ވެއްޓުނު އިމާރާތްތައް ބިނާކުރި ކޮންޓްރެކްޓަރުންގެ ދެމީހަކު، ގައުމު ދޫކޮށް ފިލައިގެން ދާން އިއްޔެ އެއާޕޯޓަށް ގޮސް ހުއްޓައި ފުލުހުން ވަނީ އެ ދެމީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ބުނި ގޮތުގައި އެ ޕްރޮވިންސްގައި އޭނާ 44 އިމާރާތް ބިނާކޮށްފައި ހުރި އިރު، ބިންހެލުމުގައި ވެއްޓިފައިވަނީ އޭގެ ތެރެއިން އެންމެ ހަތަރު އިމާރާތެވެ.

ހޯމަ ދުވަހުގެ ބިންހެލުންތަކުގައި ތުރުކީ ވިލާތުގެ 10 ޕްރޮވިންސަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. އަދި ހަތަރު މިލިއަނަށް ވުރެ ގިނަ އިމާރާތަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

މިދިޔަ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީ އާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާތަނަށް 34000 އަށް ވުރެ މައްޗަށް އަރައިފި އެވެ. އޭގެ ތެރޭގައި ތުރުކީ ވިލާތުން މަރުވި 29600 އަށް ވުރެ ގިނަ މީހުންނާއި ސީރިޔާ އިން މަރުވި 4500 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.

ބިންހެލުމުގައި އިމާރާތްތައް ވެއްޓުނުތާ ހަފުތާއެއް ވެގެން ދިޔައިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރި ތިއްބައި ފެންނަ މީހުންނަށް ވުރެ މިހާރު ގިނައީ މަރުވެފައި ތިބި މީހުންނެވެ. އެހެންކަމުން އިމާރާތްތަކުގެ ބައިތައް ނަގައި މުޅިން ސާފުކޮށް ނިމޭއިރު، ތުރުކީ އާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު ބައި ލައްކަ އަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.

ހޯމަ ވިލޭރޭ އައި ބާރު ގަދަ ބިންހެލުމަށް ފަހު، މިފާއިތުވި ހަ ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އެކި ބާރުމިނުގައި 1890 އަށް ވުރެ ގިނަ ލޮޅުން އަރާފައިވެ އެވެ. އޭގެ ތެރޭގައި ރިކްޓާ މިންގަނޑުން 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ އެތައް ލޮޅުމެއް ހިމެނެ އެވެ.