Roadha Mihaaru
ޑްރަގާއެކުއައި މީހާ ފޮނުވާލުމުން ގާސިމްގެ ފާޑުކިޔުން!

ޑްރަގް ގެންނަ ބިދޭސީން ޑީޕޯޓު ކޮށްލާ ގަވައިދު ހެދީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން: ގާސިމް

13 ފެބުރުއަރީ 2023

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ އެ ގައުމަކަށް ފޮނުވައިލެވޭ ގޮތަށް ގަވައިދު ހެދީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ އެ ގައުމަކަށް ފޮނުވައިލެވޭ ގޮތަށް ގަވައިދު ހެދީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތުތަކުގައި އެ މީހަކާ މެދު އަމަލު ކުރާނެ ގޮތުގެ ގަވައިދު އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ގަވައިދެއް ނުހެދޭނެ ކަމަށާއި އެފަދަ އަމުރަކަށް ތަބާވާކަށް ވެސް ނުޖެހޭ ކަމަށެވެ.

"މި މައްސަލައިގެ ބޮޑު ކަން އެބަ އެނގޭ ސާފުކޮށް. ކޮންމެވެސް ހިސާބަކުން ކޮންމެވެސް ބަޔަކު މި އުޅެނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައިގެން،" ގާސިމް ވިދާޅުވި އެވެ.

އެއީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށާއި ކޮންމެ ބަޔަކު ކުރި ކަމަކަށް ވިޔަސް ވެރިކަމުގެ ބާރު ލިބިގެން ވަނީ ގާނޫނާއި ގާނޫނުއަސާސީ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާ ހިލާފު އެއްވެސް ގަވައިދެއް ނެހެދޭނެ،" ގާސިމް ތަކުރާރު ކުރެއްވި އެވެ.

މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީ ޑީޕޯޓު ކޮށްލެވޭ ގަވައިދު ޝާއިއު ކޮށްފައި ވަނީ މިދިޔަ މަހުގެ 26 ގަ އެވެ. އެ މައްސަލަ ހޫނުވީ މި މަހު ރާއްޖެ އަށް ޑްރަގް ގެނައި މީހަކު ފުރުވާލި މައްސަލަ ފެންމަތިވެ، ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ އެކަން ދިފާއު ކުރައްވައިފަ އެވެ. އަދި ހަސަންގެ ކުއްލި މައްސަލަ ބޭރު ކޮށްލުމަށް ވެސް އޮތީ ވިޕެއް ނެރެފަ އެވެ.