Roadha Mihaaru
"ޑްރަގް އެތެރެކޮށްގެން މިހާތަނަށް ޑީޕޯޓްކޮށްލީ އެކަކު"

ޑްރަގް ގެންނަ ބިދޭސީން ޑީޕޯޓް ކޮށްލެވޭ ގަވާއިދުގެ ދަށުން އިތުރު މީހަކު ފޮނުވައެއް ނުލާ: ސަރުކާރު

08 މާޗް 2023

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން ޑީޕޯޓް ކޮށްލެވޭ ގޮތަށް ހެދި ގަވާއިދުގެ ދަށުން މިހާތަނަށް ފޮނުވާލާފައި ވަނީ އެންމެ މީހަކު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން ޑީޕޯޓް ކޮށްލެވޭ ގޮތަށް ހެދި ގަވާއިދުގެ ދަށުން މިހާތަނަށް ފޮނުވާލާފައި ވަނީ އެންމެ މީހަކު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މި އަހަރުގެ ޖެނުއަރީ 26 ގައި ޝާއިއު ކުރި އެ ގަވާއިދަށް ރިއާޔަތްކޮށް، ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި ބްރެޒިލްގެ މީހަކު ހައްޔަރު ނުކޮށް، ފުރުވާލި މައްސަލަ ވަނީ ފެންމަތި ވެފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެ ކަމާ ގުޅިގެން، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފް، އެ ގަވައިދުގެ ދަށުން މިހާތަނަށް ކިހާ ބަޔަކު ފޮނުވައިލި ތޯ އާއި އެ މީހުން ހަވާލުކޮށްފައި ވަނީ އެ ގައުމުތަކުގެ ސަރުކާރުތަކަށް ތޯ ޑިފެންސް މިނިސްޓާރު މާރިޔާ އަހުމަދު ދީދީއާ ސުވާލު ކުރެއްވި އެވެ.

މާރިޔާ ވަނީ އެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިމިގްރޭޝަނާއި ކަސްޓަމްސްގެ ޖަވާބު މަޖިލީހަށް ލިޔުމުން ފޮނުއްވައިފަ އެވެ.

އެ މައްސަލާގައި ކަސްޓަމްސް އިން ބުނީ، ރާއްޖެ އަންނަ މީހަކު އަނބުރާ ފޮނުވާލުމަކީ އިމިގްރޭޝަނަށް އޮތް ބާރެއް ކަމަށާއި ކަސްޓަމްސްގެ މަސައްކަތަކީ މީހުންނާއި ތަކެތި ބަލައި ފާސްކުރުމާއި މަސްތުވާތަކެތި ފެނިއްޖެ ނަމަ ފުލުހުންނާ ހަވާލު ކުރުން ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ: ހަސަންގެ ސުވާލާ ގުޅިގެން މަޖިލިހަށް ސިޓީއެއް ފޮނުއްވި.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

ޑިފެންސް މިނިސްޓަރު މާރިޔާ: ހަސަންގެ ސުވާލާ ގުޅިގެން މަޖިލިހަށް ސިޓީއެއް ފޮނުއްވި.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، މިދިޔަ ފެބްރުއަރީ 6 ގައި ރާއްޖެ އައި މީހެއްގެ ލަގެޖު ބަލައި ފާސްކޮށް 2.6 ކިލޯގެ ކޮކެއިން ހޯދާފައިވާ ކަމަށާއި ނަމަވެސް އެއީ ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ނެތް މީހެއް ކަމަށް ވާތީ، އޭނާ އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓާމްސް އިން ބުންޏެވެ.

އިމިގްރޭޝަނުން ފޮނުވި ޖަވާބުގައި ވަނީ ރާއްޖެ އަކީ މާޗު 12، 1974 އިން ފެށިގެން "އައިކާއޯ"ގެ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަންގެ މެންބަރު ގައުމަކަށް ވާއިރު، ރާއްޖެ އެތެރެވާން ހުއްދަ ނުލިބޭ މީހުން ލަސް ނުކޮށް ފޮނުވާލަން ޖެހޭ ކަމަށެވެ.

އެ ކޮންވެންޝަންގެ އާޓިކަލްގެ 23 ވަނަ މާއްދާގެ ދަށުން "އިން އެޑްމިސަބަލް ޕެސެންޖާ" އެއްގެ ގޮތުގައި އެފަދަ މީހުން ފޮނުވާލަން ޖެހެނީ ރާއްޖެ އަށް އޭނާ ދަތުރު ކުރި ފްލައިޓަކުން އަދި ރާއްޖެ އަށް ދަތުރު ކުރި ގައުމަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އެ ގަވައިދުގެ ދަށުން އިތުރު މީހަކު ފޮނުވައި ނުލާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އެ ޖަވާބާ ގުޅޭ ގޮތުން ނިޒާމީ ނުކުތާއެއް ފާހަގަ ކުރައްވައި ހަސަން ވިދާޅުވީ، ފުރުވާލި މީހާ އެ ގައުމެއްގެ ސަރުކާރާ ހަވާލު ކުރިތޯ ކުރި ސުވާލަށް ޖަވާބެއް ނުލިބޭ ކަމަށެވެ.

ހަސަން މީގެ ކުރިން ވަނީ އެ މައްސަލަ ދިމާވުމާ ގުޅިގެން އެ ގަވައިދު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ސަރުކާރާ އިދިކޮޅު މެންބަރުން ފާޑު ވިދާޅުވި ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުން އެ ގަވައިދު އެގޮތަށް ބާއްވަން ތާއީދުކޮށް ސަރުކާރު ދިފާއު ކުރެއްވި އެވެ.