Roadha Mihaaru
ވެލާނާގެ ކުރިމަތީގައި ޕާކުކުރުން ހުއްޓާލައިފި

ސްޓިކާ ޖަހަން ފެށުމުން ވެލާނާގެ ކުރިމަތީގައި ޕާކުކުރުން ހުއްޓާލައިފި

14 ފެބުރުއަރީ 2023

ސަރުކާރުގެ އޮފީސްތައް އެންމެ ގިނައިން ހުންނަ ވެލާނާ ބިލްޑިންގްގެ ކުރިމަތީގައި ގަވާއިދާ ހިލާފަށް ރަސްމީ ގަޑީގައި ޕާކް ކޮށްފައި ހުރި، ހުރިހާ ސައިކަލެއްގައި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ސްޓިކާ ޖެހުމުން، އެ ތަނުގައި ސައިކަލް ޕާކް ކުރުން ހުއްޓާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުގެ އޮފީސްތައް އެންމެ ގިނައިން ހުންނަ ވެލާނާ ބިލްޑިންގްގެ ކުރިމަތީގައި ގަވާއިދާ ހިލާފަށް ރަސްމީ ގަޑީގައި ޕާކް ކޮށްފައި ހުރި، ހުރިހާ ސައިކަލެއްގައި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ސްޓިކާ ޖެހުމުން، އެ ތަނުގައި ސައިކަލް ޕާކް ކުރުން ހުއްޓާލައިފި އެވެ.

ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުން، އެ ބިލްޑިންގްގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެ ސަރަހައްދުގައި ސައިކަލް ޕާކް ކުރުމަކީ އާންމު ކަމެކެވެ. މިހާތަނަށް ފުލުހުން އެ ކަން ހުއްޓުވަން މާ ބޮޑު ސަމާލުކަމެއް ނުދިނަސް މިދިޔަ އާދިއްތަ ދުވަހުގެ ރަސްމީ ގަޑީގައި ފުލުހުން ނުކުމެ ވަނީ އެ ތަނުގައި ހުރި ހުރިހާ ސައިކަލެއްގައި "ބަރިބަރިއަށް" ސްޓިކާ ޖަހައިފަ އެވެ.

ފުލުހުންގެ އެ އަމަލާ ގުޅިގެން ވެލާނާގެ ބިލްޑިންގްގެ ކުރިމަތީގައި ސަރުކާރުގެ ރަސްމީ ގަޑީގައި ޕާކްކުރުން ވަނީ ހުއްޓިފަ އެވެ. ފުލުހުން މިހާރު ވަނީ އެތަނުގައި ޕާކްކުރުން މަނާ ކަމަށް އަންގައި "ނޯ ޕާކިން" ޓޭޕް ދަމައިފަ އެވެ. އެކަމަކު، ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި އަދިވެސް އެ ތަނުގައި ޕާކް ކޮށްފައި ހުރެ އެވެ.

ވެލާނާގެ ވަށައިގެންވާ ސަރަހައްދުގައި ޕާކިން ޒޯނުތައް ހަދާފައި ހުރި ނަމަވެސް ރަސްމީ ގަޑީގައި ޖާގަ ލިބުން ވަރަށް ދަތިކަމުގެ ޝަކުވާ ވެސް އަބަދު ކުރެ އެވެ.

ވެލާނާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް

ވެލާނާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް

ޕާކްކުރުން މަނާ ތަންތަނުގައި ހުންނަ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަން މި ފެށީ އެކަން ނުކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.

ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުގައި ޕާކުކުރުން ހުއްޓުވުމަށް ފުލުހުން "ނޯ ޕާކިން" ޓޭޕް ދަމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުގައި ޕާކުކުރުން ހުއްޓުވުމަށް ފުލުހުން "ނޯ ޕާކިން" ޓޭޕް ދަމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދު ބުނާގޮތުގައި، އުޅަނދެއްގައި ސްޓިކާ ޖަހާ ކޮންމެ ފަހަރު، އެ އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާކުރާނެ އެވެ. ޓްރެފިކްގެ އެހެން ކުށްތަކުގައި ކޮންމެ ފަހަރަކު 750ރ. އިން ޖޫރިމަނާކުރާނެ އެވެ.

ސްޓީކާ ޖަހާ މައްސަލާގައި ފުލުހުންނަށް އާންމުން ފާޑުކިޔަމުން ދަނިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ހިނގައިބިނގާވެ އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް މާލޭގެ މަގުތައް ތަރުތީބު ކުރުމާއި ޓްރެފިކް ފްލޯ އަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުރިން ހުރަވީ ބިލްޑިން ހުރި ބިމުގައި ހަދާފައިވާ ޕާކިން ޒޯން: އޮފީސް ގަޑިޔަކުގައި އެތަން ވެސް ފުރި ޕާކިން ޖާގަ އޮންނަނީ ނުލިބިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރުު

ކުރިން ހުރަވީ ބިލްޑިން ހުރި ބިމުގައި ހަދާފައިވާ ޕާކިން ޒޯން: އޮފީސް ގަޑިޔަކުގައި އެތަން ވެސް ފުރި ޕާކިން ޖާގަ އޮންނަނީ ނުލިބިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރުު

"މި މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެ އެވެ. އަދި އެ ސަރަހައްދުތަކުގެ މަގުތައް ތަރުތީބުކުރުމަށް މަސައްކަތްތައް ފެށުމުގެ ކުރިން، އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާ ގުޅޭ މައުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައި ދެވޭނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ މާލޭގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގައިބިނގާވެ އުޅުމަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގާނެ ކަމަށެވެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެ ނޫން ވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާ ގުޅުން ހުރި އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުގައި ޕާކުކުރުން ހުއްޓުވުމަށް ފުލުހުން "ނޯ ޕާކިން" ޓޭޕް ދަމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުގައި ޕާކުކުރުން ހުއްޓުވުމަށް ފުލުހުން "ނޯ ޕާކިން" ޓޭޕް ދަމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެއްގަމު އުޅަނދުފަހަރު ގިނަވެ، މާލެއިން ޕާކްކުރާނެ ޖާގަ ނުލިބުމަކީ މިހާރު ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ.

ޓްރެފިކް ވަޔަލޭޝަން ހިމެނޭ ގޮތަށް، އެކި ޖޫރިމަނާތަކުގެ ގޮތުގައި މިދިޔަ މަހު އެކަނި ވެސް ދައުލަތަށް 10 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.