Roadha Mihaaru
ޕާކިންގެ މައްސަލަ ބޮޑުވުމުން ޓޯ ކުރަން ފަށަނީ

ނުގަވައިދުން ޕާކު ކުރާ މައްސަލަ ބޮއްސުންލައި، ޓޯ ކުރަން ފަށަނީ

03 މާޗް 2024

މާލެ ސަރަހައްދުގައި ހަމައެއް ލަމައެއް ނެތި ނުގަވައިދުން ވެހިކަލް ޕާކްކުރުމުގެ މައްސަލަ ބޮޑުވުމުން އެންމެ ފަހުން ޖޫރިމަނާކޮށް އުޅަނދުތައް ޓޯ ކުރަން ފުލުހުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި ހަމައެއް ލަމައެއް ނެތި ނުގަވައިދުން ވެހިކަލް ޕާކްކުރުމުގެ މައްސަލަ ބޮޑުވުމުން އެންމެ ފަހުން ޖޫރިމަނާކޮށް އުޅަނދުތައް ޓޯ ކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާއި މަގުމަތީގައި އުޅަނދު ދުއްވާ މީހުން ހާއްސަކޮށް ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާ ކަމަށެވެ.

އެހެންވެ، ޕާކް ކުރުމަށް މާލެ އާއި ހުޅުމާލެ 1 އަދި 2 ގައި ކަނޑައަޅާފައިވާ ޒޯން ނޫން އެހެން ތަނެއްގައި ޕާކު ނުކުރުމަށް އަންގައި، އެ އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. ގައިވާ ގޮތުން އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެ އެވެ.

އަދި އެ މީހާގެ ހާއްސަ އުޅަނދުތައް ފިޔަވައި އެނޫން އުޅަނދުތައް، އެތަނުން ނަގައި އެހެން ތަނަކަށް ގެންދިއުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.

އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ބުނީ ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.

ފުލުހުން ބުނީ މައިގަނޑު ފަސް ސަރަހައްދަކީ ހާއްސަ ސަމާލުކަން ދީގެން ބަލަމުންދާނެ ތަންތަން ކަމަށެވެ. އޭގެ ތެރޭގައި؛

- ގްރީން ޒޯން

- ޕަބްލިކް ޓްރާންސްޕޯޓު ދުއްވާ މަގުތައް

- މަގުތަކާއި ގޯޅިތަކުގެ ކަންމަތި

- ސްކޫލުތައް ހިމެނޭ ސަރަހައްދު

- އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ތަންތަނާއި މިސްކިތްތަކާއި އާއްމު ގޭބިސީތަކާއި ގަރާޖުތަކަށް ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުފަހަރު

މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ ފަހުން މާލޭގެ މަގުތައް، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ޕާކިންގެ މައްސަލަ ވަނީ ބޮއްސުންލައިގެން ގޮސްފަ އެވެ. ބޮޑުތަކުރުފާނު މަގަކީ ޕާކް ކުރުން މަނާ މަގެއް ނަމަވެސް، އެ މަގުގެ ދެ ފަރާތުގައި ވެސް ބޮޑެތި ވެހިކަލްތައް ޕާކް ކޮށްފައިވާއިރު، މަގުގައި ދުއްވާ މީހުންނަށް ވެސް އޭގެ ސަބަބުން ވަނީ ދަތިވެފަ އެވެ.