Roadha Mihaaru
ނުގަވައިދުން ޕާކްކުރުން ހުއްޓުވުމަށް ޓޯ ކުރަން ފަށައިފި

ނުގަވައިދުން ޕާކްކުރުން ހުއްޓުވުމަށް ޓޯ ކުރަން ފަށައިފި

23 ޖެނުއަރީ 2019

ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ޖޫރިމަނާ ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ޖޫރިމަނާ ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސްޓިކާ ޖެހުން މިދިޔަ ހަފްތާގައި ހުއްޓާލާފައިވާއިރު ހިނގާ އުޅެން ދަތިވާގޮތަށް ނުގަވައިދުން ޕާކްކުރުން ވަނީ އިތުރުވެފަ އެވެ. ކަފިހުރަހާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހަދާފައި ހުންނަ ރޭމްޕްތަކުގެ އިތުރުން އޮފީސްތަކާއި ގޭގެ އަށް ނުވަދެވޭ ގޮތަށް ޕާކްކުރާ މައްސަލަ ވެސް މިހާރު ވަނީ ބޮޑު ވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހުންނަށް ދަތިވާގޮތަށް ޕާކްކުރާ މައްސަލަ ހައްލު ކުރުމަށް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށެވެ.

"ނުގަވައިދުން ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ ވެރިންނަށް ގުޅައިގެން އެބަ ނަގުވަން. އަދި ޓޯ ކުރުން ވެސް ކުރިއަށް އެބަގެންދަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ނުގަވައިދުން ޕާކްކުރުން ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން."

މާލެއަށް އެކަށީގެންވާ ވަރަށްވުރެ ވެހިކަލް ގިނަވެފައިވާއިރު މި ސަރުކާރުން ބުނެފައިވަނީ ސްޓިކާ ޖަހާނީ ޕާކްކުރާތަން ދެއްކުމަށް ފަހުގައި ކަމަށެވެ. ޕާކްކުރުމަށް ހުސްބިންތަކެއް ހެދުމާއި އިމާރާތްތަކެއް ހެދުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު

ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ކޮންމެ ދުވާރަކުން ވެސް މަގަށް ނުކުމެ އެރޭ ގޮތަށް ރޭމްޕްތަކެއް ހަދާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އަޖުމަ ބަލަން ހެދި ދެ ރޭމްޕް މަތީގައި ވެސް ސައިކަލްތައް ޕާކްކުރުމުން އެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ޕާކިން މައްސަލަ ހައްލު ކުރުމަށް މިދިޔަ ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބެހެއްޓި އެވެ. ނަމަވެސް ބޮޑު ހަރަދެއް ކޮށްގެން ހެދި އެ ސިސްޓަމްތަކުގެ ބޭނުން އެދެވޭ ގޮތަކަށް ކުރެވިފައެއް ނުވެ އެވެ.