Roadha Mihaaru
ލޯންޗް ކުންފުނީގެ ދެ ވެރިއެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ބައުންސް ޗެކްތައް ދޫކުރި ލޯންޗް ކުންފުނީގެ ދެ ވެރިއެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

18 ޖެނުއަރީ 2017

އަމިއްލަ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އިން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކުތައް ބައުންސްވި މައްސަލައިގައި އެ ލޯންޗް ކުންފުނީގެ ދެ ހިއްސާދާރެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އިން ފެނަކަ ކޯޕަރޭޝަނަށް ދޫކުރި އެއް މިލިއަން ޑޮލަރުގެ ޗެކުތައް ބައުންސްވި މައްސަލައިގައި އެ ލޯންޗް ކުންފުނީގެ ދެ ހިއްސާދާރެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ޝަރޫ ލޯންޗް ކުންފުނި މެދުވެރިކޮށް ފެނަކަ އަށް ޑޮލަރު ހޯދަން ދޫކުރި ޗެކްތަކަކީ ސައްހަ ނޫން އެއްޗެއްކަން އެނގުނީ އެ ޗެކްތައް ބައުންސް ވުމުންނެވެ. އެ ޗެކްތައް ދޫކުރީ ކޮން ބޭންކެއްގައި ހުރި އެކައުންޓަކުން ކަމެއް ސާފު ނުވިޔަސް އެ ޗެކްގެ ނުފުށުގައި މޮރިޝަސް ކޮމާޝަލް ބޭންކުގެ ތައްގަނޑެއް ޖަހާފައި އޮތެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ އަމުރަކުން ހިފެހެއްޓީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސޮބާހް އަހުމަދާއި ޑިރެކްޓަރު މުހައްމަދު މުސްތާގުގެ ޕާސްޕޯޓެވެ. އެކަމަކު، ކޯޓުން އެ ގޮތަށް އަމުރުކުރީ ކޮން އިރަކު ކަމެއް ސާފެއް ނުވެ އެވެ. އަދި އަމުރުކޮށްފައި ވަނީ ކިހާ މުއްދަތަކަށް ޕާސްޕޯޓް ހިފަހައްޓަން ކަމެއް ވެސް އަދި ނޭނގެ އެވެ.

އޭގެ ތެރެއިން، މުސްތާގުގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ބައުންސް ޗެކްތަކުގެ މައްސަލަ ފުލުހުން ބަލަމުން ދާއިރު، މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެ މައްސަލައިގައި މީގެ ކުރިން މޮރިޝަސް ކޮމާޝަލް ބޭންކުގެ މުވައްޒަފަކު ވެސް ހައްޔަރުކުރި އެވެ. އެކަމަކު އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ ޗެކްތަކުގެ މައްސަލަ ފެނަކަ ކޯޕަރޭޝަނުން ވެސް ދަނީ ބަލަމުންނެވެ. އަދި އެ މައްސަލައިގައި ޝަރޫ ލޯންޗް ކުންފުންޏާއި އެ ކުންފުނީގެ ބައެއް ހިއްސާދާރުންނާ ދެކޮޅަށް ފެނަކަ އިން ވަނީ ސިވިލް ކޯޓުގައި ވެސް ދައުވާކޮށްފަ އެވެ.

ފެނަަކައިގެ އިތުރުން، ސްޓެލްކޯ އަށް ވެސް ދެ ލައްކަ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރޫ ލޯންޗް ކުންފުނިން ނެގި މައްސަލައެއް ވަނީ ޝަރީއަތަށް ފޮނުވައިފަ އެވެ.