Roadha Mihaaru

ވަގު ޑޮލަރު ދިނުމުން 38،000ރ. ގެ ޖޫރިމަނާއެއް، 480 ގަޑިއިރުގެ މަސައްކަތް ކުރަން ޖެހިއްޖެ

އައިފޯނެއް ގަތުމަށް ފަހު ފައިސާ ދެއްކުމުގެ ގޮތުން ސައްހަ ނޫން ޑޮލަރުތަކެއް ދިން މީހަކު 38،000ރ. އިން ޖޫރިމަނާކޮށް އަދި 480 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ވަގު ޑޮލަރު ދިނުމުން ޖޫރިމަނާ އާއި މަސައްކަތުގެ އަދަބު
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

10 މެއި 2023

އައިފޯނެއް ގަތުމަށް ފަހު ފައިސާ ދެއްކުމުގެ ގޮތުން ސައްހަ ނޫން ޑޮލަރުތަކެއް ދިން މީހަކު 38،000ރ. އިން ޖޫރިމަނާކޮށް އަދި 480 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައިފޯން 14 ޕްރޯ މެކްސްއެއް ގަތުމަށް ފަހު 1،500 ޑޮލަރުގެ ވަގު ނޫޓް މީހަކަށް ދީފައިވާތީ އެވެ. އެ މީހާގެ މައްޗަށް ދައުލަތުން ކުރީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

އެ މީހާ ކޯޓުގައި ކުށަށް އިއުތިރާފް ވުމުން ކޯޓުން އިއްޔެ ހުކުމްކުރީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބު ކަމަށްވާ ނުވަ މަހާއި 12 ދުވަހުގެ ޖަލު އަދަބުގެ ތެރެއިން ހަ މަހާއި 12 ދުވަހުގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށާއި ބާކީ އޮތް ތިން މަހުގެ އަދަބު މުޖްތަމައަށް ހިދުމަތް ކުރުމުގެ އަދަބަކަށް ބަދަލު ކުރުމަށެވެ.

އެގޮތަށް ބަދަލު ކުރުމުން ޖެހެނީ 38،400ރ. ގެ ޖޫރިމަނާއަކާއި 480 ގަޑިއިރު މުޖްތަމައަށް ހިދުމަތް ކުރަންޖެހޭ ގޮތަށެވެ. ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގައި މީރާ އަށް ދައްކަން ވަނީ އަންގައިފަ އެވެ.

އެ މީހާ ވަނީ ތަހުގީގު މަރުހަލާގައި ވެސް 30 ދުވަސް ބަންދުގައި ހޭދަކޮށްފަ އެވެ.