Roadha Mihaaru
ސައޫދީގެ އަންހެން އެސްޓްރޮނޯޓަކު ޖައްވީ ސްޓޭޝަނަށް

ސައޫދީގެ އަންހެން އެސްޓްރޮނޯޓަކު ޖައްވީ ސްޓޭޝަނަށް

14 ފެބުރުއަރީ 2023

ސައޫދީ އަރަބިއްޔާގެ އެސްޓްރޮނޯޓުން މުޅިން އަލަށް، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ފޮނުވުމަށް އެ ގައުމުން ނިންމައިފި އެވެ.

ސައޫދީ އަރަބިއްޔާގެ އެސްޓްރޮނޯޓުން މުޅިން އަލަށް، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ފޮނުވުމަށް އެ ގައުމުން ނިންމައިފި އެވެ.

އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި މިއަހަރުގެ މާޗް 21 އާއި އެޕްރީލް 21 އާ ދެމެދުގެ ތާރީޚެއްގައި ޖައްވީ ސްޓޭޝަނަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވާ ހަތަރު ފަޅުވެރިންގެ ތެރޭގައި ސައޫދީގެ އަންހެން އެސްޓްރޮނޯޓަކާއި ފިރިހެން އެސްޓްރޮނޯޓެއް ހިމެނެ އެވެ. އެއީ އުމުރުން 33 އަހަރުގެ ރައްޔާނާ ބަރްނާވީ އާއި އަލީ އަލްގަރަނީ އެވެ.

ފެލްކަން 9ގެ ރޮކެޓެއްގައި ސްޕޭސްއެކްސްގެ ޖައްވީ އުޅަނދު ކުރާ މި ދަތުރުގައި ދެން ބައިވެރިވާނީ، މި ދަތުރުގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވާ އެމެރިކާގެ އެސްޓްރޮނޯޓް ޕެގީ ވިޓްސަން އާއި ދަތުރުގެ ޕައިލެޓަކަށް ހަމަޖައްސާފައިވާ އެމެރިކާގެ ޖޯން ޝޮފްނާ އެވެ. މި ދަތުރުގައި ޖުމްލަ 12 ދުވަސް ހޭދަވާ އިރު، އޭގެ ތެރެއިން ފުރިހަމަ 10 ދުވަސް އެމީހުން ހޭދަކުރާނީ، ޖައްވީ ސްޓޭޝަންގެ އެތެރޭގަ އެވެ.

މި ދަތުރުގައި ރައްޔާނާ އާއި އަލީ އަލްގަރަނީ، މަސައްކަތް ކުރާނީ މިޝަން ސްޕެޝަލިސްޓުންގެ ގޮތުގަ އެވެ.

މިފަހަރުގެ ދަތުރުގައި ސައޫދީގެ ދެ އެސްޓްރޮނޯޓުން ޖައްވަށް މި ގެންދަނީ، ޖައްވީ ދަތުރުތައް ކުރުމަށް އެމެރިކާގައި އުފައްދާފައިވާ އަމިއްލަ ކުންފުނި ސްޕޭސްއެކްސް އާއި ސައޫދީ އަރަބިއްޔާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާއާ ދެމެދު، ސެޕްޓެމްބަރު 2022 ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން، މިފަހަރުގެ ދަތުރުގައި ބައިވެރިކުރުމަށް ސައޫދީ އަރަބިއްޔާގެ ހަތަރު އެސްޓްރޮނޯޓުން އެމެރިކާގައި ތަމްރީންތައް ފުރިހަމަކުރާނެ އެވެ. ރައްޔާނާ ބަރްނާވީ އާއި އަލީ އަލްގަރަނީގެ އިތުރުން މި ތަމްރީންތަކުގައި ބައިވެރިވާ، ސައޫދީ އަރަބިއްޔާގެ އަނެއް ދެ އެސްޓްރޮނޯޓުންނަކީ މަރްޔަމް ފިރްދައުސް، އަލީ އަލްޣާމިދީ އެވެ.

މީގެ ތެރެއިން މި ދަތުރުގައި ބައިވެރިކުރުމަށް ކަނޑައަޅާފައިވާ ދެ އެސްޓްރޮނޯޓުންނަކީ ރައްޔާނާ ބަރްނާވީ އާއި އަލީ އަލްގަރަނީ އެވެ. އަނެއް ދެ އެސްޓްރޮނޯޓުން ތަމްރީންތައް ފުރިހަމަ ކުރާނީ، މި ދަތުރަށް ކަނޑައަޅާފައިވާ ފުރަތަމަ ދެ އެސްޓްރޮނޯޓުންނަށް ބައިވެރި ނުވެވޭ ހާލަތެއްގައި އެ ދަތުރުގައި ބައިވެރިވުމަށެވެ.

ސައޫދީ އަރަބިއްޔާގެ އަމިއްލަ ޖައްވީ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތަށް، މިފަހަރު ކުރާ ދަތުރުން ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމަށް އެ ގައުމުން ދެކެ އެވެ.