Roadha Mihaaru
ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް

ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް

11 އޮކްޓޯބަރ 2022

ރާއްޖޭގައި މިހާރު ހުންނެވި ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ، ދިވެހި ސްޕޭސް މިޝަން "އަޒުމް"ގެ ޓީމާ ބައްދަލުކުރައްވައި އެ ޓީމުގެ މަސައްކަތަށް ތައުރީފު ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މިހާރު ހުންނެވި ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ، ދިވެހި ސްޕޭސް މިޝަން "އަޒުމް"ގެ ޓީމާ ބައްދަލުކުރައްވައި އެ ޓީމުގެ މަސައްކަތަށް ތައުރީފު ކުރައްވައިފި އެވެ.

ރާއްޖޭގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމެރިކަން ސެންޓަރުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ހެއިޑީގެ އިތުރުން އެމެރިކާގެ އޮފިޝަލުން ވެސް ދިވެހި ސްޕޭސް ޓީމަށް ހިތްވަރު ދެއްވި ކަމަށެވެ.

"...ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް ރާއްޖެ އިން ސެޓެލައިޓެއް ލޯންޗު ކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް، އެ ކަމަށް ތައުރީފު ކުރައްވާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

އައިޖީއެސް އިން ބުނީ، ދިވެހި ސްޕޭސް ޓީމަށް ހިންގި ނެނޯ ސެޓްލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯހުގެ ސެޓްފިކެޓް ހަވާލުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ވެސް ޝަރަފުވެރި ކޮށްދެއްވީ ހެއިޑީ ކަމަށެވެ.

ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ، ދިވެހި ސްޕޭސް މިޝަން "އަޒުމް"ގެ ޓީމާ ބައްދަލުކުރައްވަނީ -- ފޮޓޯ: އައިޖީއެސް

ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ، ދިވެހި ސްޕޭސް މިޝަން "އަޒުމް"ގެ ޓީމާ ބައްދަލުކުރައްވަނީ -- ފޮޓޯ: އައިޖީއެސް

އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ ގުޅިގެން ބޭއްވި އެ ކޯހުގެ ބޭނުމަކީ ސެޓްލައިޓް ޑިޒައިންކޮށް، ބިލްޑުކޮށް އަދި ލޯންޗުކޮށް، ސައިންޓިފިކް ރިސާޗު ހަދަން ދަސްކޮށް ދިނުމެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޓީމުގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ ހަތް ޒުވާނެކެވެ. އެއީ ދެ އަންހެނަކާއި ފަސް ފިރިހެނުންނެވެ.

އެ ޓީމުގެ މެމްބަރުންނަކީ އެރޯސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުންނެވެ.

ދިވެހި ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓު ކުރުމެވެ. އެއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމަށް ހަދާ ސެޓެލައިޓެކެވެ.

ހެއިޑީ ރާއްޖެ ވަޑައިގަތީ މިދިޔަ ހަފުތާގަ އެވެ. އެ ދަތުރުގައި އޭނާ ވަނީ ނާސާ އާއި ޖައްވީ އިލްމަށް ޝައުގުވެރިކަން ހުރި ދިވެހި ޒުވާނުންނާއި ކުޑަކުދިންނާ ބައްދަލުކުރައްވައި، އޭނާގެ ތަޖުރިބާ ވެސް ހިއްސާ ކުރައްވައިފަ އެވެ. އަދި ގައުމީ ޔުނިވާސިޓީގައި އޭނާގެ ހާއްސަ ލެކްޗާއެއް ދެއްވާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.