Roadha Mihaaru
ޕްރައިވެޓް ކްރޫއެއް މުޅިން އަލަށް ޖައްވީ ސްޓޭޝަނަށް

ޕްރައިވެޓް ކްރޫއެއް މުޅިން އަލަށް ޖައްވީ ސްޓޭޝަނަށް

28 ޖެނުއަރީ 2021

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ކޮމާޝަލް ދަތުރެއްކުރާ ފުރަތަމަ ބަޔަކަށް ވާނީ އެޒިއޯމް ސްޕޭސް ކިޔާ ޕްރައިވެޓް ކުންފުންޏެއް ކަމަށާއި އެ ދަތުރު އަންނަ އަހަރު ކުރާނެ ކަމަށް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ކޮމާޝަލް ދަތުރެއްކުރާ ފުރަތަމަ ބަޔަކަށް ވާނީ އެޒިއޯމް ސްޕޭސް ކިޔާ ޕްރައިވެޓް ކުންފުންޏެއް ކަމަށާއި އެ ދަތުރު އަންނަ އަހަރު ކުރާނެ ކަމަށް އިއުލާންކޮށްފި އެވެ.

އެޒިއޯމް ސްޕޭސް އިން ބުނި ގޮތުގައި ހަތަރު ޕްރައިވެޓް އެސްޓްރޮނޯޓުންނާ އެކު ކުރާ ދަތުރަށް ބޭނުންކުރާނީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ ކްރޫ ޑްރެގެން ސްޕޭސްކްރާފްޓެވެ. އަދި ދަތުރުގައި ބައިވެރިވާ ކޮންމެ އެސްޓްރޮނޯޓަކަށް 55 މިިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. މި ދަތުރު ރާވާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކުރާ ގޮތަށެވެ.

އަށް ދުވަހުގެ މުއްދަތަށް ކުރާ ދަތުރުގައި އެޒިއޯމް ސްޕޭސްގެ ޓީމުން އައިއެސްއެސްގައި ރިސާޗްތަކާއި ހިލޭސާބަހަށް އެ މީހުން އެތަނުގައި ބައެއް މަސައްކަތްތައް ވެސް ކޮށްދޭނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އެތަނުން އައިއެސްއެސް އަށް ކުރާ ކޮމާޝަލް ދަތުރުތައް ވާނީ ތަނަވަސް މީހުންނަށް ޖައްވީ ސްޓޭޝަނަށް ދަތުރުކުރަން ހުޅުވައިލެވޭ ދޮރަކަށެވެ. އެގޮތުން އެޒިއޯމް ސްޕޭސް އިން އަހަރަކު ދެ ދަތުރު ރާވާނެ ކަމަށް ބުންޏެވެ.

އެޒިއޯމް ސްޕޭސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެ މީހުންގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ވެސް ގާއިމުކުރުމެވެ. އަދި އަންނަ އަހަރު ކުރާ ދަތުރަކީ އެކަމަށް ބޭނުންވާ ތަޖުރިބާ އާއި ޓެކްނިކަލް ގިނަ މައުލޫމާތުތައް އެއްކުރާނެ ދަތުރެކެވެ.

ޖައްވީ ސްޓޭޝަނުގައި ނަގާކިޔާ ބަޔަކީ އެމެރިކާ އާއި ރަޝިއާ އެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި އައިއެސްއެސްގައި އެ ގައުމު ކޮންޓްރޯލްކުރާ ފަޅީގައި "ޕްރައިވެޓް ހޮޓަލެއް" ހަދަން ވެސް މިހާރު އޮތީ ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި އެ ހޮޓާ އައިސްއެސްގެ އެމެރިކާ ފަޅީގައި 2024 ހިސާބުގައި ގުޅުވައިލެވޭނެ އެވެ.

އެޒިއޯމް ސްޕޭސް އިން ބުނީ އައިސްއެސް "ރިޓަޔާކުރާ" ހިސާބަށް ގޮސްފި ނަމަ އެ މީހުންގެ ޖައްވީ ސްޓޭޝަންވެގެން ދާނީ އަގަކާ ވެސް ނުލައި ދަތުރުކުރެވޭނެ ތަނަކަށެވެ.

އެ ކުންފުނިން އައިސްއެސް އަށް އަންނަ އަހަރު "އެޒިއޯމް މިޝަން 1" ނުވަތަ "އޭއެކްސް-1" ގެ ނަމުގައި ކުރާ ދަތުރުގައި އިސްކޮށް ހުންނާނީ ކުރިން ނާސާގެ އެސްޓްރޮނޯޓެއްގެ ގޮތުގައި މަސައްކަތްކުރި މައިކަލް ލޮޕޭޒް-އަލެގްރިއާ އެވެ. އޭނާ އަކީ މިހާރު އެޒިއޯމް ސްޕޭސްގެ ވައިސް ޕްރެޒިޑަންޓެވެ.

މައިކަލް އަކީ ނާސާގައި މަސައްކަތްކުރި ދުވަސްވަރު ޖައްވީ ސްޓޭޝަނަށް ހަތަރު ފަހަރެއްގެ މަތިން ދިޔުމުގެ ފުރުސަތު ލިބުނު މީހެކެވެ.