Roadha Mihaaru
ފޭސްބުކުން ވެސް ވެރިފައިޑް ބެޖް ވިއްކަނީ

ފޭސްބުކާއި އިންސްޓަގްރާމުން ވެސް ވެރިފައިޑް ބެޖް ވިއްކަނީ

21 ފެބުރުއަރީ 2023

ފޭސްބުކް އަދި އިންސްޓަގްރާމްގެ އެކައުންޓުތައް ވެސް ފައިސާ ދައްކާ ގޮތަށް ވެރިފައިކުރަންް ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ފޭސްބުކް އަދި އިންސްޓަގްރާމްގެ އެކައުންޓުތައް ވެސް ފައިސާ ދައްކާ ގޮތަށް ވެރިފައިކުރަންް ނިންމައިފި އެވެ.

"މެޓަ ވެރިފައިޑް" ގެ ހިދުމަތަށް ވެބް މެދުވެރިކޮށް ނަމަ، މަހަކު 11.99 ޑޮލަރު އައިއޯއެސްގައި ނަމަ 14.99 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް މެޓަގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވި އެވެ.

މި ހިދުމަތް މި ހަފްތާގެ ތެރޭގައި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑަށް ދޭނެ އެވެ.

ޒަކަބާގް ވިދާޅުވި ގޮތުގައި، މިއީ ސޯޝަލް މީޑިއާ އެޕްތަކުގެ ރައްކާތެރިކަމާއި އަސްލުކަން ކަށަވަރުކޮށްދިނުމަށް ގެންނަ މުހިންމު ބަދަލަކެވެ.

މެޓަގެ ސީއީއޯ މާކް ޒަކަބާގް

މެޓަގެ ސީއީއޯ މާކް ޒަކަބާގް

މިދިޔަ ނޮވެމްބަރު މަހު "ޓްވިޓާ ބްލޫ" ގެ ނަމުގައި ޓްވިޓާއިން ވެސް ވަނީ ފީއެއް ދައްކާ ގޮތަށް ވެރިފިކޭޝަން ބެޖު ވިއްކަން ފަށައިފަ އެވެ.

މެޓަ އިން ފީ ދައްކައިގެން ވެރިފައިކުރާ ހިދުމަތް އަދި ވިޔަފާރިތަކަށް ހުޅުވައެއް ނުލާނެ އެވެ. އެކަމަކު، ވަކި ވަކި މީހުންނަށް، ރަސްމީ އައިޑެންޓިފިކޭޝަންއެއް ހުށަހެޅުމުން ވެރިފައި ބެޖް ދޭނެ އެވެ.

މި ސަބްސްކްރިޕްޝަން ނަގާ މީހުންނަށް ބްލޫ ބެޖެއް ލިބި، އެ މީހެއްގެ ޕޯސްޓްތައް އެހެން މީހުންނަށް ފެންނަ މިންވަރު އިތުރުވެ، މީހެއްގެ ނަމުގައި އެހެން މީހަކު އެކައުންޓު ހެދުން ފަަދަ ކަންކަން ކުރުމުން ރައްކާތެރިވެ، ކަސްޓަމަ ސާވިސް ފަސޭހައިން ލިބޭނެ ކަމަށް، ފޭސްބުކްގެ މައި ކުންފުނި މެޓާއިން ބުންޏެވެ.

"ޓްވިޓާ ބްލޫ" ތައާރަފްކުރި އިރު ދިމާވި އެންމެ ބޮޑު މައްސަލަ، ބޮޑެތި ބްރޭންޑުތާކާއި، މަޝްހޫރު މީހުންގެ ނަމުގައި ފޭކް އެކައުންޓުތައް ވެރިފައިކުރުން ފަދަ ކަންކަން ވިޔަ ނުދިނުމަށްޓަކައި، "މެޓަ ވެރިފައިޑް" އަށް އެދޭއިރު، ސަރުކާރުގެ ރަސްމީ އައިޑީއެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި ޕްރޮފައިލް ފޮޓޯގައި އެ މީހެއްގެ ފޮޓޯ ވެސް އިންނަން ޖެހޭނެ އެވެ.