Roadha Mihaaru
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުލިނިކެއް މާލެގައި ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުލިނިކެއް މާލެގައި ހުޅުވައިފި

22 ފެބުރުއަރީ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން "ޓީޓީއެޗް"ގެ ނަމުގައި ކުލިނިކެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލުން "ޓީޓީއެޗް"ގެ ނަމުގައި ކުލިނިކެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.

އެ ކްލިނިކް ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

އެ ކްލިނިކަކީ ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަން އަދި ކުޑަކުދިންނަށް ހާއްސަ ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ލެބޯޓްރީގެ ހިދުމަތްތައް ދޭ ތަނެކެވެ.

ކުލިނިކުގެ އެތެރެ. މިއީ ކުޑަކުދިންނަށް އޮކިއުޕޭޝަނަލް ތެރަޕީ ދޭނެ އެއް ތަން. -- ފޮޓޮ: ނިޝާން އަލީ | މިހާރު

ކުލިނިކުގެ އެތެރެ. މިއީ ކުޑަކުދިންނަށް އޮކިއުޕޭޝަނަލް ތެރަޕީ ދޭނެ އެއް ތަން. -- ފޮޓޮ: ނިޝާން އަލީ | މިހާރު

އެ ތަނުގެ ލެބޯޓްރީއިން ޓްރީ ޓޮޕް ހޮސްޕިޓަލުން ހެއްދޭ ހުރިހާ ޓެސްޓެއް ހެއްދޭނެ އެވެ. އަދި އެ ތަނުގައި ހިދުމަތް ދޭނީ ހޮސްޕިޓަލުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ނުލިބޭ އާ ހިދުމަތެއްގެ ގޮތުގައިި ސްޕޯޓްސް ތެރަޕީގެ ހިދުމަތް ވެސް އެ ތަނުގައި ވަނީ ފަށައިފަ އެވެ.

ކުލިނިކުގައި ތެރަޕީ ދޭ ރޫމެއްގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުލިނިކުގައި ތެރަޕީ ދޭ ރޫމެއްގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓީޓީއެޗް ކްލިނިކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރީ ޓޮޕްގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ އެ ފަދަ ކްލިނިކެއް މާލޭގައި ހުޅުވީ ހިދުމަތް ހޯދާ ބަލިމީހުންނަށް ލުއި ފަސޭހަކޮށްދޭން ކަމަށެވެ. އެގޮތުން ނުކައި ހުރެގެން ހަދާ ޓެސްޓުތަކާއި، ބޮޑެތި ސާޖަރީތަކަށް ފަހު ދިގު މުއްދަތަކަށް ފިޒިއޮތެރަޕީގެ ފަރުވާ ހޯދާ ޕޭޝަންޓުންނަށް ހުޅުމާލެ ދިއުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރެވުނު ކަމަށް ވިދާޅުވި އެވެ. އަދި މި ކްލިނިކަކީ އެ ފަދަ ދަތިތައް ހައްލުކޮށްދީ، ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށް ވިދާޅުވި އެވެ.

"ހުޅު ބަދަލުކުރުުން ފަދަ ބޮޑެތި އޮޕަރޭޝަން ކުރާ މީހުންނަށް ދަތި ކަމަކަށްވޭ ހޮސްޕިޓަލަށް ދިގު މުއްދަތަކަށް ތެރަޕީ ހޯދަން ދާނެ ޖެހުނީމަ. އެހެންވެ އަޅުގަނޑުމެންގެ ހިދުމަތްތައް ހޯދާ ބަލިމީހުންނަށް ލުއިފަސޭހަ ގޮތެއް ހޯދާދީ އަޅުގަނޑުމެންގެ ހިދުމަތްތައް ވެސް އިތުރަށް ފުޅާކުރުމަށް ބޯޑުން މި ފަދަ ތަނެއް ހެދުމަށް ނިންމުމާ ގުޅިގެން އަޅުގަނޑުމެން މި ތަން މި ހުޅުވީ." އޭނާ ވިދާޅުވި އެވެ.

ކުލިނިކުގެ އެތެރެ މިނިސްޓަރު ބައްލަވާ ލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުލިނިކުގެ އެތެރެ މިނިސްޓަރު ބައްލަވާ ލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރަސްމިއްޔާތުގައި ޓްރީ ޓޮޕްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ވަނީ ޕްރައިވެޓް ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ސިއްހީ ދާއިރާގެ ހުރިހާ އޮތޯރިޓީތަކެއްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުމަށް އެ ހޮސްޕިޓަލުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޓީޓީއެޗް ކްލިނިކު ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ ގައުމީ ހިދުމަތެއްގެ ގޮތުގައި ދެކިގެން ޓްރީ ޓޮޕުން ސިއްހީ ހިދުމަތް ދެމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮވިޑުގެ ތެރޭގައި އެ ހޮސްޕިޓަލުން ސަރުކާރަށް ދިން އެއްބާރުލުން ވެސް ފާހަގަކުރެއްވި އެވެ.

ޓީޓީއެޗް ކުލިނިކް ހުޅުވީ ބުރުޒުމަގުގައި ހުންނަ މއ. ޗަމްޕާ ވިލާގަ އެވެ. އެ ތަނުގައި ހުރި އިމާރާތް ކުލިނިކެއްގެ ގޮތުގައި ތަރައްގީކުރީ އައިމާ ކޮންސްޓްރަކްޝަނުންނެވެ.

އެ ކުލިނިކު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން އާދިއްތަ އަށް ހެނދުނު 8 އިން ރޭގަނޑު 10އަށެވެ.