Roadha Mihaaru
ޓްރީޓޮޕްގެ ގިނަ މުވައްޒަފުންތަކެއް ވަކިކުރަނީ

ޓްރީޓޮޕްގެ ބައެއް ޑިޕާޓްމެންޓްތައް އުވާލައި، މުވައްޒަފުންތަކެއް ވަކި ކުރަނީ

03 އޮކްޓޯބަރ 2018

ގެއްލުމުގައި ހޮސްޕިޓަލް ހިންގަން ޖެހިފައިވާތީ ހަރަދު ކުޑަކުރުމުގެ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލްގެ ބައެއް ޑިޕާޓްމެންޓްތައް އުވާލައި ގިނަ މުވައްޒަފުންތަކެއް ވަކި ކުރަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގެއްލުމުގައި ހޮސްޕިޓަލް ހިންގަން ޖެހިފައިވާތީ ހަރަދު ކުޑަކުރުމުގެ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލްގެ ބައެއް ޑިޕާޓްމެންޓްތައް އުވާލައި ގިނަ މުވައްޒަފުންތަކެއް ވަކި ކުރަން ނިންމައިފި އެވެ.

ގާތްގަނޑަކަށް 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން މިދިޔަ އަހަރު ހިންގަން ފެށި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލްގެ ސީއީއޯ އެޑްގާ ޓޯރަލް ހެނާންޑޭޒް މިދިޔަ މަހު ފަހުކޮޅު ވަނީ އެ ތަނުގެ ހުރިހާ މުވައްޒަފުންނާ ބައްދަލުކޮށް، ތަނުގެ ހާލަތު އޮޅުންފިލުވައިދެއްވައިފަ އެވެ. އެގޮތުން ގެއްލުމުގައި ހޮސްޕިޓަލް ހިންގަން ޖެހުމާއެކު، ބައެއް ޑިޕާޓްމެންޓްތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޑޮކްޓަރުން ވަކިކުރަން ނިންމާފައިވާކަން އިއުލާން ކުރައްވާފައިވެ އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ޓްރީޓޮޕް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ ހޮސްޕިޓަލް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެކަމަކު އެ ތަނުން ދެމުން އަންނަ އެއްވެސް ހިދުމަތެއް ހުއްޓާނުލާނެ ކަމަށެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި އެ ހޮސްޕިޓަލުގެ އެހެން އިސް ވެރިއަކު ވިދާޅުވީ ވަޒީފާ އިން ވަކި ކުރާ މުވައްޒަފުންގެ އަދަދު މި މަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށެވެ. އަދި ބައެއް މުވައްޒަފުންނާއި ޑޮކްޓަރުންނަށް މިހާރު ނޯޓިސް ދެމުން އަންނަ ކަމަށާއި އެކަމަކު އޭގެ ކުރިން، އެ ހޮސްޕިޓަލުގެ ބައެއް އިސް މީހުންނާއި ނަރުހުންނާއި ޑޮކްޓަރުން، އަމިއްލަ އަށް އިސްތިއުފާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް ރިސެޕްޝަނުން ޚިދުމަތް ދެނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް ރިސެޕްޝަނުން ޚިދުމަތް ދެނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލުގެ ހާލަތު ހުރި ގޮތުން، އެ ތަނުގެ މެނޭޖްމެންޓް ލެވެލްގެ ފަސް މީހަކު މިއަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި އެ ތަނުގެ މެޑިކަލް ޑިރެކްޓަރު ވެސް ހިމެނެ އެވެ.

"މިދިޔަ މަހު އެކަނި ވެސް އެކި ޑިޕާޓްމެންޓްތަކުން، ދިހަ މުވައްޒަފަކު ވަނީ އިސްތިއުފާ ދީފައި. ކުރި އަށް އޮތް ތަނުގައި އެ އަދަދު އިތުރުވާނެ ކަމަށް މި ބަލަނީ،" ހޮސްޕިޓަލުން ވާހަކަ ދެއްކެވި އިސް ވެރިޔާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓްރީޓޮޕްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށެވެ. އެކަމަކު ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއްގެ ހިއްސާ އޮންނަ ކުންފުންޏަކުން ތަރައްގީކުރި އެ ހޮސްޕިޓަލުން އެވްރެޖްކޮށް ދުވާލަކު 150 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާ ކަމަށް އެ ތަނުން ބުންޏެވެ.

މޮޅު ވަސީލަތްތަކާއި ގިނަ ސްޕެޝަލިސްޓުންނާއެކު ފަރުވާ ދޭން ފެށި ޓްރީޓޮޕްގައި ބަލި މީހުން އެޑްމިޓްކުރަން ތަފާތު ފަސް ކެޓަގަރީގެ 159 ކޮޓަރި ހުރެ އެވެ. އެ ގޮތުން ދެ މީހުން އެޑްމިޓްކުރެވޭ 30 ކޮޓަރި އާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާފައި ހުރި 57 ކޮޓަރި އާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހުރެ އެވެ.

ކުރިން ހަމައެކަނި ޑޮކްޓަރަށް ދެއްކުމަށް އާސަންދަ ލިބޭ އެ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކުން، މިދިޔަ މަހު ކުރީކޮޅު ވަނީ އާސަންދަ ލިބޭ ގޮތް ހަމަޖައްސާފަ އެވެ.