Roadha Mihaaru
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފުރަތަމަ ހިތުގެ ސާޖަރީ ކާމިޔާބު

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި

15 މާޗް 2018

މި މަހުގެ އެއް ވަނަ ދުވަހު ހުޅުމާލޭގައި ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު މިއަދު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ އެއް ވަނަ ދުވަހު ހުޅުމާލޭގައި ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު މިއަދު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެތަނުގައި ފުރަތަމަ ހިތުގެ އޮޕަރޭޝަން ކޮށްފައި ވަނީ އެއިޒެންމެންޖާ ސިންޑްރޯމް (އީއެސް) ޖެހިފައިވާ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. ޕިއެޓްރޯ ގައެންޓާނޯ އެވެ.

"އެއްވެސް ކަހަލަ ކޮމްޕްލިކޭޝަނެއް ކުރިމަތި ނުވެ ވަރަށް އޮމާންކޮށް އަދި ވަރަށް ކާމިޔާބުކޮށް އޮޕަރޭޝަން ކޮށް ނިންމައި ލެވުނީ. މިއީ ވަރަށް އުފާވެރި ކަމެއް،" ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ކާމިޔާބު މަހުޖަނުންތަކެއް ގުޅިގެން ހުޅުވި ޓާޝަރީ ހޮސްޕިޓަލްގައި ފުރަތަމަ ހިތުގެ އޮޕަރޭޝަން ކުރި ޑރ. ޕިއެޓްރޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޕަރޭޝަނަށް ފަހު، ބަލިމީހާގެ ހާލު ވަަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ފަރުވާގެ އިތުރު ކަންކަން ވެސް ކުރިއަށް ދާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޚިދުމަތް ދޭން ފެށިތާ މިހާ ކުރިކޮޅު ހިތުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ނިންނައިލެވުމަކީ ފާހަގަ ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރިސެޕްޝަންގައި އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރިސެޕްޝަންގައި އެތަނުގެ މުވައްޒަފުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެންގެ ޓާގެޓަކީ މި ހޮސްޕިޓަލްގެ ހިތުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުން ވީހާ ވެސް ފެންވަރު ރަނގަޅު އަދި އިތުބާރު ކުރެވޭ ހިދުމަތްތަކެއް ފޯރުކޮށް ދިނުން. މިއީ އަދި ފެށުމެއް،" ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑިރެކްޓަ އޮފް މެޑިކަލް ސާވިސެސް އެންޑް ކާޑިއޮތޮރެސިކް ސާޖަން ޑރ. ރޮލަންޑް ފެޒޯލް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހިންގާ އެންމެ މަތީ ފެންވަރުގެ މި ހޮސްޕިޓަލް ޚާއްސަ ކުރަން ނިންމާފައި ވަނީ ވެސް ހިތުގެ އޮޕަރޭޝަނާއި ހިތުގެ ފަރުވާ ދިނުމަށެވެ. މުޅިއެކު 110 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހަދާފައިވާ މި ހޮސްޕިޓަލްގައި އިތުރު ސާޖަރީތައް ވެސް ކުރިއަށް އޮތް މަސްތަކުގައި ފަށާނެ ކަމަށް ޓްރީ ޓޮޕް އިންވެސްޓްމެންޓުން ބުނެފައިވެ އެވެ.