Roadha Mihaaru
ޕީޕީއެމްއާ ކޯލިޝަން ހަދަން ޕާޓީތަކަށް ޓޮމްގެ ދައުވަތެއް

ޕީޕީއެމްއާ ކޯލިޝަން ހަދަން ނަޝީދު ފެކްޝަނާއި ޖޭޕީ އަދި އެމްޑީއޭ އަށް ޓޮމްގެ ދައުވަތު!

22 ފެބުރުއަރީ 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރަން ކޯލިޝަނެއް ހެދުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީ އަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރަން ކޯލިޝަނެއް ހެދުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީ އަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ދެއްވައިފި އެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގަރާރަަށް މިއަދު ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށް ހީކޮށް 2018 ވަނަ އަހަރު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި އެމްޑީޕީގެ މެންބަރުން މިއަދު ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށެވެ.

އިގްތިސާދީ ކަންކަން މެނޭޖް ކުރައްވަން ރައީސަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި "އިބޫ ނޫން ގޮތެއް" ހޯދަން އިދިކޮޅާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެރައީ މިއަދު 'ފިކުރެއްގެ ދިރުން'ގެ ބޭފުޅުން ވެސް މިކަހަލަ ބޭފުޅަކު ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ގެންނަން މަސައްކަތް ކުރެއްވީތީ." ތޯރިގު ވިދާޅުވި އެވެ. "ރައްޔިތުން ކައިރިން މާފަށް އެދި މި ނޫން ގޮތެއް، އިބޫ ނޫން ގޮތެއް ހޯދުމަށް ޕީޕީއެމް އާ ބައިވެރިވެގެން މަސައްކަތަށް ގޮވާލަން،"

ތޯރިގު ވިދާޅުވީ މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި ޖުމްހޫރީ ޕާޓީއާ އެކު ބައިވެރިވެގެން މަސައްކަތް ކޮށްފައި ވާނީ ހަމައެކަނި ޕީޕީއެމް ކަމަށެވެ. އެމްޑީޕީން މިދިޔަ ފަހަރު ވެސް ދިނީ ލަނޑު ކަމަށް ތޯރިގު ވިދާޅުވި އެވެ.

ރައްޔިތުން ކައިރިން މާފަށް އެދި މި ނޫން ގޮތެއް، އިބޫ ނޫން ގޮތެއް ހޯދުމަށް ޕީޕީއެމް އާ ބައިވެރިވެގެން މަސައްކަތަށް ގޮވާލަން: ޓޮމް

ތޯރިގު އެ އިޝާރާތް ކުރެއްވީ ކޯލީޝަންގެ އެއްބަސްވުމާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީ އަށް ގޮނޑިތަކެއް ހާއްސަކޮށްގެން ވާދަނުކުރަން އެމްޑީޕީން ނިންމި މައްސަލަ އެވެ.

އޭނާ ވިދާޅުވީ އެހެންވެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހަދާ ނަމަ ހަދަން ވާނީ ޕީޕީއެމްއާ އެކުގައި ކަމަށެވެ. ނުވަތަ ދެވަނަ ބުރުގައި ޕީޕީއެމްއާ އެކު ރިޔާސީ އިންތިހާބު ނިންމުމަށް މަސައްކަތް ކުރަން އެދޭ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވަނީ އެމްޑީއޭ އަށް ވެސް ޕީޕީއެމްއާ އެކު ކޯލިޝަން ހަދަން ދައުވަތު އަރުވައިފަ އެވެ. އެ ޕާޓީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވަރަށް ގާތް ގުޅުންތަކެއް އޮތް ޕާޓީއެއް ކަމަށާއި އެހެންކަމުން އެމަނިކުފާނާ ގުޅިވަޑައިގަތުމަށް އެދޭ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

ކުދިކުދި ސިޔާސީ ޕާޓީތަކާ އެކު ކޯލީޝަން ހަދަން ރައީސް މަސައްކަތް ކުރެއްވި ނަމަވެސް ހިސާބު ޖައްސަވާލައިފި ނަމަ ކަން އޮތް ގޮތް އެ މަނިކުފާނަށް ވެސް ވަރަށް ސާފުވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ނަޝީދު އެކައްޗެއް ކިޔުއްވައިގެން ނުކުންނަވައިފި ނަމަ އެމްޑީޕީ ދާނީ ތިން ވަނަ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސާފު ހިސާބަކީ މިއީ. އޮޅޭ އެއްޗެއް ނޫން އެއީ ހަގީގަތެއް،" އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޭޕީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް އަށް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށަން ދައުވަތު ދެއްވައިފަ އެވެ. އަދި ޖޭޕީ އާއި އަދާލަތާއެކު އެ މަޝްވަރާތައް މިހާރު ވަނީ ފަށައިފަ އެވެ.