Roadha Mihaaru
ދައުރުން ބޭރުން ޖަލްސާ ބާއްވަން ތާއީދެއް ނުލިބުނު!

ދައުރުން ބޭރުން ޖަލްސާ ބާއްވަން މެމްބަރުންގެ ތާއީދެއް ނުލިބުނު!

24 ޖެނުއަރީ 2019

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ގިނަ މެމްބަރުންގެ ތާއީދު ނުލިބުމާ ގުޅިގެން ޖަލްސާ ބޭއްވިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ގިނަ މެމްބަރުންގެ ތާއީދު ނުލިބުމާ ގުޅިގެން ޖަލްސާ ބޭއްވިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވެއްޖެ އެވެ.

މަޖިލިހުގައި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލުތަކެއް ފާސް ނުވެ، "ތާށިވެފައި" އޮއްވައި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން ވަނީ މި މަހުގެ ތެރޭގައި ޖަލްސާއެއް ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެކަމަކު، މަސް ނިމެން ހަފްތާ އަކަށް ވެފައިވާއިރު، ދައުރުން ބޭރު ޖަލްސާ ބޭއްވިދާނެ ކަމުގެ އުންމީދު މިހާރު ކުޑަ އެވެ.

ސިޔާސީ ހަތަރު ލީޑަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހޮޓެލް ޖެންގައި މަޝްވަރާ ކުރައްވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސިޔާސީ ހަތަރު ލީޑަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހޮޓެލް ޖެންގައި މަޝްވަރާ ކުރައްވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް ހަމަޖައްސަންވާނެ އެވެ.

ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި މިހާރު ހިމެނޭ 85 މެމްބަރުންގެ ތެރެއިން 28 މެމްބަރުންނެވެ.

ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ އިސް މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ 28 މެމްބަރުންގެ ސޮއި ލިބިފައިވާ ކަމަށެވެ.

އެކަމަކު، ޖަލްސާ ބޭއްވުމަށްޓަކައި މަޖިލީހަށް ހުށަނާޅައި ލަސް ވަނީ މަޖިލީހުގައި 43 މެމްބަރުން ހަމަވެދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރު ކޯލިޝަންގެ ތެރެއިން 43 މެމްބަރުން ޖަލްސާ އަށް ވަޑައިގަތުމުގެ ފުރުސަތު ކުޑަވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހަތަރު ލީޑަރުން އެއްބަސްވީ، ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލް ފާސް ކުރުމަށެވެ.

މި ބިލުތަކަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަމަށް ވެފައި، އެކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތުމުން، ބިލްތައް ފާސް ކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ބޭނުންވެ އެވެ.

މަޖިލީހުގެ ރައީސް ގާސިމް (މ) ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަޖިލީހުގެ ރައީސް ގާސިމް (މ) ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއި އެމްޑީއޭ އިން ވަނީ ރިޔާސީ ކޮމިޝަންގެ ބިލާ ދެކޮޅު ހަދައިފަ އެވެ. އެއީ އެ ބިލުގައި ގާނޫނުއަސާސީއާ ހިލާފު ކަންކަން ހިމެނިފައިވާ ކަމަށް ބުނެ އެވެ.

އެހެންކަމުން، އިދިކޮޅު މެމްބަރުން ޖަލްސާ އަށް ހާޒިރު ނުވި ކަމުގައިވިޔަސް، ސަރުކާރު ކޯލިޝަންގައި ގާނޫނުއަސާސީގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް މެމްބަރުން މިހާރު އެބަތިއްބެވެ.

"މެމްބަރުން ޗުއްޓީގައި ތިއްބެވީ އެކި ތަންތަނުގައި. އެބޭފުޅުން ވަކި ދުވަހަކަށް މާލެ ވަޑައިގެން ޖަލްސާގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ނުދޭތީ ޖަލްސާ ބާއްވަން ހުށަނޭޅިގެން އުޅެނީ،" މެމްބަރު ވިދާޅުވި އެވެ.

"މިސާލަކަށް މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިގެން، އެ ބިލްތައް ފާސް ކުރަން ބަލާއިރު 43 ނެތިގެން ޖަލްސާ ނިންމާލަން ޖެހިއްޖެނަމަ، ރައްޔިތުންގެ ފާޑު ކިއުން އަނެއްކާ ވެސް އަމާޒުވާނީ މެމްބަރުންނަށް. އަޅުގަނޑުމެން އެހެން ވާން ބޭނުން ނެތީ."

މެމްބަރު ވިދާޅުވި ގޮތުގައި، އަންނަ ހަފްތާގެ ތެރޭގައި ދައުރުން ބޭރު ޖަލްސާ ބޭއްވިދާނެ ކަމާ މެދު އުންމީދު ކުޑަ އެވެ. އެއީ ގިނަ މެމްބަރުން އަދިވެސް މާލެ އިން ބޭރުގައި ތިއްބެވުމާއި އަންނަ ހަފްތާގައި ވެސް ގިނަ މެމްބަރުން މާލެ ވަޑައިގަތުމުގެ ފުރުސަތު ކުޑަވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ކުޑަވި ނަމަވެސް، އަންނަ މަހުގެ ހަތް ވަނަ ދުވަހު މަޖިލީހުގެ އާ ދައުރުގެ ޖަލްސާތައް ވަނީ ފަށަން ނިންމައިފަ އެވެ. އެހެންކަމުން، ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކަށް ދެން ވޯޓަށް އަހާނެ ކަމަށް ބެލެވެނީ ފެށޭ ދައުރުގަ އެވެ.

ރައްޔިތުންނާ ގުޅުން ހުރި ބައެއް ބިލްތައް ފާސް ކުރުމަށް ފަހު، މަޖިލީހުގެ މެމްބަރުން އެންމެ ފަހުން، ޗުއްޓީ އަށް ވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.