Roadha Mihaaru
ބ. އއ. ފ. އަތޮޅު ފައިނަލަށް ޓީމުތައް ހޮވިއްޖެ

ބ. އއ. އަދި ފ. އަތޮޅު ފައިނަލަށް ޓީމުތައް ހޮވިއްޖެ

23 ފެބުރުއަރީ 2023

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ބ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން ފ. އަތޮޅުގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ބ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން ފ. އަތޮޅުގެ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

ބ. އަތޮޅު ފައިނަލަށް ހޮވުނީ އޭދަފުށްޓާއި ފެހެންދޫ އެވެ. ފ. އަތޮޅުގެ ފައިނަލަށް ނިލަންދޫ އާއި މަގޫދޫ ދަތުރު ކުރިއިރު، އއ. އަތޮޅު ފައިނަލް ގައި މިދިޔަ އަހަރުގެ ޗެމްޕިއަން މަތިވެރި އާ ދެކޮޅަށް ވާދަކުރާ ޓީމަކަށް ހޮވުނީ ބޮޑުފޮޅުދޫ އެވެ.

ތުޅާދޫއާ ދެކޮޅަށް އޭދަފުށިން ރޭ ކުޅުނު ބ. އަތޮޅުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗް ކާމިޔާބު ކުރީ 1-0 އިންނެވެ. އޭދަފުށީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހަމްދާން އަބްދުއްސައްތާރެވެ. ފެހެންދޫ އާއި ކެންދޫ ރޭ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. އޭދަފުށްޓާއި ފެހެންދޫ ގުރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ފެހެންދޫ އާއި ކެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ފެހެންދޫ އާއި ކެންދޫ ބައްދަލުކުރި މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ހަތަރު ޓީމު ވާދަކުރި ފ. އަތޮޅުން ނިލަންދޫ އާއި މަގޫދޫ އަދި ބިލެއްދޫ އަށް ވެސް ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ނިލަންދޫ އަށް އެއް ވަނަ ލިބުނުއިރު ދެ ވަނަ ލިބުނީ މަގޫދޫ އަށެވެ. ދެން ވާދަކުރި ދަރަބޫދޫ ނިންމާލީ މެޗަކުން މޮޅެއް ނުހޯދި އެވެ.

މަގޫދޫ އިން ވަނީ ރޭ ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މޫސާ އަސްއަދު އަންވަރެވެ. އަދި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮނުވީ މަގޫދޫގެ މޫސާ މާހިލް މިގްދާދް އެވެ.

ބިލެއްދޫ އިން ރޭ ދަރަބޫދޫ ބަލިކުރީ 2-1 އިންނެވެ. ބިލެއްދޫގެ ދެ ލަނޑު ވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަަށް ހޮނުވު މުހައްމަދު ޒީދާން ޒުހުރީ އެވެ. ދަރަބޫދޫގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ރިފާއު އެވެ.

މަގޫދޫ އާއި ނިލަންދޫ ބައްދަލުކުރި މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މަގޫދޫ އާއި ނިލަންދޫ ބައްދަލުކުރި މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

އއ. އަތޮޅުގެ ފައިނަލުގެ ފަހު ޖާގަ ބޮޑުފޮޅުދޫ ހޯދީ ރަސްދޫއާ ވާދަކޮށް 3-2 އިން ރޭގެ މެޗް ކާމިޔާބު ކޮށްގެންނެވެ. އެ އަތޮޅުގެ އަނެއް މެޗުގައި ތޮއްޑޫ އިން ވަނީ 6-1 އިން ފެރިދޫ ބަލިކޮށްފަ އެވެ.

ރ. އަތޮޅުން އިނގުރައިދޫ އާއި ދުވާފަރުން ވަނީ މާ ކުރިން ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ އެވެ. ރޭ މި ދެ ޓީމު ބައްދަލުކުރި ގުރޫޕް ސްޓޭޖުގެ މެޗު 5-1 އިން ކާމިޔާބު ކުރީ އިނގުރައިދޫ އެވެ. އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) ދެ ގޯލު ޖެހިއިރު އަލީ ހާފިޒު (އައްޔަ) އާއި އަހުމަދު މަޝީދު އަދި މުހައްމަދު މަމްދޫހު ލަނޑެއް ޖެހި އެވެ. ދުވާފަރުގެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޖުމާން އަހުމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަލީ ހާފިޒެވެ.

މި އަތޮޅުގެ އަލިފުށިން މީދޫ ބަލިކުރީ ވެސް ހަމަ މި ނަތީޖާއިންނެވެ. އަލިފުށީ ޓީމްގެ އަހުމަދު ހުސާމް (ހުސާންކޮ) ހެޓްރިކް ފުރިހަމަ ކުރި އިރު އަހުމަދު އމްރާން އާއި ލައިޒާނާން މުހައްމަދު ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. މީދޫ އަށް ލަނޑު ޖަހައިދިނީ ރަޝާދު އަބްދުލް މަތީނެވެ.

ބޮޑުފޮޅުދޫ ރޭ ކުޅުނު މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ބޮޑުފޮޅުދޫ ރޭ ކުޅުނު މެޗްގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މުބާރާތުގައި މިރޭ ކުޅޭ މެޗްތަކަށް ބަލައިލާއިރު، އެންމެ ފުރަތަމަ 8 ޖަހާއިރު ގއ. އަތޮޅު ފައިނަލް މެޗް ކުޅޭނެ އެވެ. ބައްދަލުކުރާނީ ނިލަންދޫ އާއި މާމެންދޫ އެވެ.

މީގެ އިތުރުން ކ. އަތޮޅާއި މ. އަތޮޅުގެ ސެމީ ފައިނަލް މެޗްތައް ވެސް މިރޭ ކުޅޭނެ އެވެ. ކ. އަތޮޅުގެ ފުރަތަމަ ސެމީ ގައި ވާދަކުރާނީ ގާފަރާއި ކާށިދޫ އެވެ. ދެ ވަނަ ސެމީ ގައި ބައްދަލު ކުރާނީ މާފުށްޓާއި ދިއްފުށްޓެވެ. މ. އަތޮޅުގެ ފުރަތަމަ ސެމީ ގައި ނާލާފުށްޓާއި މަޑުއްވަރީ ބައްދަލު ކުރާއިރު ދެ ވަނަ ސެމީ ގައި ނުކުންނާނީ މުއްޔާއި ދިއްގަރެވެ.

ދ. އަތޮޅުގެ ގުރޫޕް ސްޓޭޖް ފަހު މެޗް ވެސް މިރޭ ކުޅޭނެ އެވެ. ބައްދަލުކުރާނީ ބަނޑިދޫ އާއި މާއެނބޫދޫ އެވެ. މި އަތޮޅުން ތިން ޓީމު ބައިވެރިވެފައި ވާއިރު، ކުޑަހުވަދޫ ވަނީ ދެ މެޗް ކުޅެ ނިންމައި، ތިން ޕޮއިންޓް ހޯދައިފަ އެވެ. މާއެނބޫދޫ ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފައި ވާއިރު ބަނޑިދޫ ފައިނަލުން ޖާގަ ހޯދަން މިރޭ ބޮޑު ތަފާތަކުން މޮޅުވާން މަޖުބޫރެވެ.