Roadha Mihaaru
ދެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމުކުރަނީ

ދެ ރަށެއްގެ ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމުކުރުން ލަންކާ ކުންފުންޏަކަށް

05 ޖުލައި 2018

އއ. މަތިވެރީގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމާއި ފ. ނިލަންދޫގައި ސާފު ބޯފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާ މިއަދު ހަވާލުކޮށްފި އެވެ.

އއ. މަތިވެރީގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމާއި ފ. ނިލަންދޫގައި ސާފު ބޯފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ ދެ މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި އެޑްވާޑް އެންޑް ކްރިސްޓީގެ މެނޭޖިން ޑިރެކްޓަރު އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ، އެ ދެ މަޝްރޫއަށް ޖުމްލަ 30 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ. އެއީ މަތިވެރީގެ ނަދުރަމާ ގާއިމުކުރުމަށް 13.6 މިލިޔަން ރުފިޔާ އާއި ނިލަންދޫގެ ފެނުގެ ނިޒާމަށް 16.7 މިލިޔަން ރުފިޔާ އެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތައް ލަންކާ ކުންފުންޏަށް ހަވާލުކުރީ ލޭބަ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ކަމަށެވެ. އަދި އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ދޫކުރާނީ އެސްޓީއޯ އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް މި ސަރުކާރުން 22 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމާފައިވާ ކަމަށެވެ. އަދި 42 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން މީގެ ކުރިން ފެނުގެ ނިޒާމެއް ގާއިމުވެފައި އޮތީ މާލެއާ އެކު ޖުމްލަ ހަ ރަށެއްގައި ކަމަށާއި ނަމަވެސް މިހާރު 36 ރަށެއްގައި ފެން ރައްކާ ކުރެވޭނެ ނިޒާމު ގާއިމްކޮށް، 64 ރަށެއްގެ ފެނުގެ ނިޒާމުގެ ތަފާތު މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނިލަންދޫގައި ގާއިމްކުރާ ފެނުގެ ނިޒާމުގައި، އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ވާރޭ ފެން ރައްކާ ކުރެވޭނެ ބޮޑު ސްޓޯރޭޖަކާއި ވާރޭ ފެން ޑިސްޓްރިބިއުޝަން ނެޓްވޯކެއް އަޅާނެ އެވެ.