Roadha Mihaaru
ސިހުރުގެ ލިޔުންތަކެއް ގެންގުޅުމުން ތިންއަހަރަށް ގޭބަންދު

ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ގެންގުޅުނު މީހަކު ތިން އަހަރަށް ގޭ ބަންދަށް

23 ފެބުރުއަރީ 2023

ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ގެންގުޅުނު މީހަކު ތިން އަހަރަށް ގޭ ބަންދުކުރަން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ގެންގުޅުނު މީހަކު ތިން އަހަރަށް ގޭ ބަންދުކުރަން ހުކުމްކޮށްފި އެވެ.

ނ. ހޮޅުދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2016 ވަނަ އަހަރު އޭނާ ދިރިއުޅޭ ގެ ފާސް ކުރިއިރު، ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފެނުނު މައްސަލައިގަ އެވެ. އެ މީހާގެ މައްޗަށް ކުރީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުން، ރާއްޖެއަށް ގެނައުން މަނާ އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ.

ހޮޅުދޫ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ގެއިން ފެނުނު ލިޔުންތަކަކީ ސިހުރު ހަދަން ބޭނުންކުރާ ފަދަ ލިޔުންތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން އެ ލިޔުންތައް ދިރާސާކުރި ދީނީ އިލްމުވެރިއަކު ކޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ލިޔުންތަކަކީ އިސްލާމްދީނާ ހިލާފް އެއްޗެހި ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ލިޔުންތަކަކީ ސަރުކާރުން ޗާޕް ކުރުމުން، ކުރިން ގަނެފައި ހުރި ފޮތްތަކެއް ކަމަށް އެ މީހާގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ސާބިތުކޮށެއް ނުދެވެ އެވެ. އަދި ގާނޫނު އޮތްގޮތުން މަނާ އެއްޗެއް ގެންގުޅުނީ ހުއްދަ ލިބިގެންކަން ސާބިތުކޮށް ދޭންޖެހޭނީ ދައުވާލިބޭ މީހާ ކަމަށް ހުކުމުގައިވެ އެވެ.

ގާނޫނު އޮތްގޮތުން، އިސްލާމްދީނުގެ އަސްލަކާ ޚިލާފް ލިޔުމެއް ގެންގުޅުމުގެ އަދަބަކީ ތިން އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭ ބަންދުކުރުން ނުވަތަ އަރުވާލުން ކަމަށް ވެފައި، އެ މީހާއަކީ އުމުރުން ދުވަސްވީ މީހަކަށް ވާތީ ކޯޓުން ނިންމީ އޭނާ ތިން އަހަރަށް ގޭ ބަންދު ކުރުމަށެވެ.

ސިހުރު ހެދުމާއި އެފަދަ ލިޔުންތައް ގެންގުޅުމުގެ މައްސަލަތަކުގެ ދޭތެރެ ދޭތެރެއިން އަތޮޅު ތެރޭގެ ރަށްރަށުން މީހުން ހައްޔަރު ކުރެ އެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި ދައުވާކޮށް، ކުށް ސާބިތުވަނީ ވަރަށް މަދު މައްސަލައެއްގަ އެވެ.