Roadha Mihaaru
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް

އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް: ނަޝީދު

24 ފެބުރުއަރީ 2023

އިންތިހާބާ ގުޅޭގޮތުން ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއެކު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށް، މިދިޔަ މަހުގެ 28 ގައި ބޭއްވި ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންތިހާބާ ގުޅޭގޮތުން ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއެކު އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށް، މިދިޔަ މަހުގެ 28 ގައި ބޭއްވި ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ރައްދުދެއްވައި ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން ކުރި ޓްވީޓެއްގައި އެންމެ ފުރަތަމަ ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ މަނިކުފާނު އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ.

އެކަމަކު އޭގެ ދޮޅު ގަޑިއިރު ފަހުން ކުރެއްވި ޓްވީޓުގައި ވަނީ އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވެވުނީ ގޯހަކުން ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް އަދި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރަންޖެހޭނެ އެވެ. އެހެން ނަމަވެސް އެއީ ރައީސާއެކު ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބުކުރުމަށް އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށްފަހު އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު އިއްޔެ "ވަން އޮންލައިން" އަށް ވިދާޅުވީ އިންތިހާބަށް ދާއިރު ޕާޓީގެ މެމްބަރުން އެއްކޮށް ތިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ނަޝީދާ ވާހަކަތައް ދައްކަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރައީސާއި ނަޝީދު އެއް ގަލަކަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ޕާޓީގެ ތެރޭގައި ވަކި ގޮތްޕެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެއީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނަޝީދު ގެންގުޅުއްވި ސްލޯގަން އެވެ.

އެ ގޮތްޕަށް 50،000 މެމްބަރުން ހަމަކުރުމަށްފަހު ރިޔާސީ އިންތިހާބު ކުރިއަށްގެންދާނެ ގޮތެއް ނިންމާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.