Roadha Mihaaru
ފަސް ސީޒަނަށް ފަހު ޔުނައިޓެޑަށް ފުރަތަމަ ތަށި

ލީގު ކަޕް ކާމިޔާބުކޮށް ފަސް ސީޒަނަށް ފަހު ޔުނައިޓެޑުން ތަށްޓެއް ހޯދައިފި

27 ފެބުރުއަރީ 2023

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން، ގފަސް ސީޒަނަށް ފަހު ތަށްޓެއް އުފުލާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން، ގފަސް ސީޒަނަށް ފަހު ތަށްޓެއް އުފުލާލައިފި އެވެ.

ވެމްބްލީ ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި ޔުނައިޓެޑުން ޖެހި ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލު 33 ވަނަ މިނިޓިގައި ލޫކް ޝޯ ތަނަވަސް ކުރި ފުރުސަތަކުން ކާލޯސް ކަސެމީރޯ ޖަހައިދިނެވެ. ލީޑު ފުޅާ ކުރީ އޭގެ ހަ މިނިޓު ފަހުން މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާ ނިއުކާސަލްގެ ސްވެން ބޮޓްމަން ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުންނެވެ.

މި ސީޒަން ގައި ހަވާލުވި ކޯޗު އެރިކް ޓެން ހަގް އާއެކު ޔުނައިޓެޑުން ތަށްޓެއް މި ހޯދީ 2016/2017 ސީޒަނަށް ފަހު އެވެ. އެ ސީޒަން ގައި ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވަނީ އިނގިރޭސި ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑްގެ އިތުރުން ލީގް ކަޕާއި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. މިރޭ ހޯދި ލީގު ކަޕުގެ ކުރިން އެންމެ ފަހުން އެ ޓީމުން ކާމިޔާބު ކުރީ 2017 ވަނަ އަހަރުގެ މެއި މަހު ޔޫރޮޕާ ލީގެވެ.

މޮރީނިއޯގެ ފަހުން އޮލެ ގުނަ ސޯލްޝެއާ އާއި މިދިޔަ އަހަރު ހުރި ރަލްފް ރަންގްނިކަށް ވެސް ޔުނައިޓެޑަށް ތަށްޓެއް ހޯދައެއް ނުދެވުނެވެ.

މިރޭގެ ފައިނަލް މެޗަށް ނުކުތުމުގެ ކުރިން ޔުނައިޓެޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލީގުގައި ދެއްކި ރަތް ކާޑަކާ ގުޅިގެން ސަސްޕެންޝަނުގައި ހުރި އެޓީމުގެ ކަސެމީރޯ އަށް މި މެޗުގައި ކުޅެވުމެވެ.

ނިއުކާސަލްގެ ގޯލް ކީޕަރު ނިކް ޕޯޕް އަށް ލީގުގައި ދެއްކި ރަތް ކާޑަކާ ގުޅިގެން އޭނާ މި މެޗަށް ސަސްޕެންޑް ވެފައި ވުމަކީ އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ނުތަނަވަސްކަމެވެ. ޕޯޕްގެ ބަދަލުގައި ގޯލު ބެލެހެއްޓީ އެ ޓީމުގެ ތިންވަނަ ކީޕަރު ލޮރިސް ކޭރިއަސް އެވެ. އެއީ ނިއުކާސަލްގެ ދެވަނަ ކީޕަރު މާޓިން ޑުބްރާވްކާ އަކީ ޔުނައިޓެޑުން ލޯނު އެއްބަސްވުމެއްގެ ދަށުން އެޓީމަށް ކުޅޭ ކުޅުންތެރިއަކަށް ވާތީ އެވެ.

ލީގް ކަޕް ކާމިޔާބު ކުރުމުގެ އިތުރުން މި ސީޒަންގައި ޔުނައިޓެޑަށް އަދި އެފްއޭ ކަޕާއި ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ފެށޭ މަހު ޔުނައިޓެޑް ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. ޔޫރޮޕާ ލީގު ގަދަ 16 ގައި އެޓީމު ކުރިމަތިލާން ތައްޔާރު ވަނީ ސްޕެއިންގެ ރެއާލް ބެޓިސްއާ ދެކޮޅަށެވެ. މީގެ އިތުރުން އިނގިރޭސި ލީގުގައި ޔުނައިޓެޑް އޮތީ އެއްވަނައިގައި އޮތް އާސެނަލް އަށް ވުރެ އަށް ޕޮއިންޓް ފަހަތުން ތާވަލްގެ ތިންވަނައިގަ އެވެ.