Roadha Mihaaru
ޔުނައިޓެޑާއި ނިއުކާސަލް ލީގު ކަޕުގެ ސެމީ ފައިނަލަށް

ޔުނައިޓެޑާއި ނިއުކާސަލް ލީގު ކަޕުގެ ސެމީ ފައިނަލަށް

11 ޖެނުއަރީ 2023

މެންޗެސްޓާ (ޖެނުއަރީ 11) - މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޖެނުއަރީ 11) - މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މެންޗެސްޓާ ޔުނައިޓެޑް ސެމީ އަށް ދަތުރު ކުރީ އަމިއްލަ ދަނޑުގައި 3-0 އިން ޗާލްޓަން އެތުލެޓިކް ބަލިކޮށްގެންނެވެ.

އިނގިރޭސި ތިން ވަނަ ޑިވިޝަންގައި ކުޅޭ ޗާލްޓަން އެތުލެޓިކަކީ މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވުނު ޓީމުތަކުގެ ތެރެއިން ޕްރިމިއާ ލީގުން ބޭރު ހަމައެކަނި ކްލަބެވެ.

ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ މެޗުގެ 20 ވަނަ މިނިޓުގައި އޭރިއާ ބޭރުން އެންޓޮނީ ކާމިޔާބުކުރި ގޯލުންނެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. މެޗުގެ 90 ވަނަ މިނިޓާއި، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި ރަޝްފޯޑް ޖެހި ގޯލުތަކާ އެކު ޔުނައިޓެޑުން ވަނީ ޖެހިޖެހިގެން އަށް ވަނަ މޮޅު ހޯދައިފަ އެވެ.

ރަނގަޅު ފޯމުގައި ހުރި ރަޝްފޯޑް ވަނީ މިދިޔަ މަހު ނިމުނު ވޯލްޑް ކަޕަށް ފަހު ޔުނައިޓެޑުން މިހާތަނަށް ކުޅުނު ހަ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނީ، މެޗުން މޮޅުވުމުން އުފާކުރާ ކަމަށާއި، ނަމަވެސް ލިބޭ ފުރުސަތުތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވޭތީ ކަންބޮޑުވުން އެބަހުރި ކަމަށެވެ.

ޑޭން ބާން (ވ) މެޗުގައި ނިއުކާސަލްގެ ފުރަތަމަ ގޯލު ޖަހަން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޑޭން ބާން (ވ) މެޗުގައި ނިއުކާސަލްގެ ފުރަތަމަ ގޯލު ޖަހަން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ހޮނިހިރު ދުވަހުގެ ރޭ އެފްއޭ ކަޕުން ކެޓި ނިއުކާސަލް ޔުނައިޓެޑް، ލީގް ކަޕުގެ ކުއާޓާ ފައިނަލަށް ދިޔައީ އަމިއްލަ ދަނޑުގައި 2-0 އިން ލެސްޓާ ސިޓީ ބަލިކޮށްގެންނެވެ.

ނިއުކާސަލްގެ ދެ ގޯލުވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެޓީމުން ލީޑު ނެގީ 60 ވަނަ މިނިޓުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބްރައިޓަން އިން ގެނައި ޑިފެންޑަރު ޑޭން ބާން ޖަހައިދިން ގޯލުންނެވެ. އަދި ލީޑު ފުޅާ ކުރީ 12 މިނިޓު ފަހުން ޖޮއެލިންޓަން ޖަހައިދިން ގޯލުންނެވެ.

ޖޮއެލިންޓަން ފޮނުވާލި އިތުރު ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒު ވިއިރު، ޝޯން ލޯންގްސްޓާފް ވަނީ ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ލެސްޓާ އިން ކުޅެން އެރި ޖެމީ ވާޑީ އަށް ވެސް ލެސްޓާ އަލުން އަނބުރާ ގޭމުގެ ތެރެއަށް ގެންނަން ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މިއީ ޕްރިމިއާ ލީގުގެ ތިން ވަނައިގައި މިވަގުތު އޮތް ނިއުކާސަލް ޔުނައިޓެޑް، ލީގު ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެ ޓީމު މި މުބާރާތުގެ ސެމީ ގައި ކުޅުނީ 1976 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލުގައި ވެސް ނިއުކާސަލް ކުޅުނެވެ. ނަމަވެސް ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ.

އެންމެ ފަހުން ޑޮމެސްޓިކް މުބާރާތެއް ނިއުކާސަލް ކާމިޔާބު ކުރީ 1955 ވަނަ އަހަރު އެވެ. އެ އަހަރުގެ އެފްއޭ ކަޕް ފައިނަލް އެޓީމުން ކާމިޔާބު ކުރީ ސިޓީ ބަލިކޮށްގެންނެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލް ގައި މިރޭ ވެސް ދެ މެޗް ކުޅޭނެ އެވެ. ރާއްޖެ ގަޑިން 12:45 ގައި ނޮޓިންހަމް ފޮރެސްޓާއި ވުލްވްސް ބައްދަލުކުރާއިރު، 1 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސައުތެމްޓަން އާއި މެންޗެސްޓާ ސިޓީ އެވެ.