Roadha Mihaaru
ލީގު ކަޕުގައި ޔުނައިޓެޑަށް ތަފާތު ބޮޑު މޮޅެއް

ލީގު ކަޕުގައި ޔުނައިޓެޑަށް ތަފާތު ބޮޑު މޮޅެއް

18 ސެޕްޓެމްބަރ 2024

މެންޗެސްޓާ (ސެޕްޓެމްބަރު 18) - މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕުގައި، ތިންވަނަ ޑިވިޝަނުގެ ބާންސްލީގެ މައްޗަށް 7-0 އިން ރޭ ކުރި ހޯދައިފި އެވެ.

މެންޗެސްޓާ (ސެޕްޓެމްބަރު 18) - މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕުގައި، ތިންވަނަ ޑިވިޝަނުގެ ބާންސްލީގެ މައްޗަށް 7-0 އިން ރޭ ކުރި ހޯދައިފި އެވެ.

ލީގު ކަޕުގެ ތިން ވަނަ ބުރުގެ މި މެޗުގައި މާކަސް ރަޝްފޯޑާއި އަލެހަންދްރޯ ގާނާޗޯ އަދި ކްރިސްޓިއަން އެރިކްސަން، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލަކީ ޕެނަލްޓީއަކުން ބްރެޒިލް ފޯވާޑް އެންޓޮނީ ޖެހި ލަނޑެކެވެ.

އަމިއްލަ ދަނޑުގައި ކުޅެގެން ހޯދި މި މޮޅަކީ، 2022 ވަނަ އަހަރު ޔުނައިޓެޑާ ހަވާލުވި ކޯޗު އެރިކް ޓެން ހާގް އާއެކު އެ ޓީމުން މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

"މުހިއްމު ކަމަކަށް ވީ ކުޅެން ބޭނުންވާ ގޮތަށް ކުޅުންތެރިން ހޭނުން. އަހަރެމެން ތިބީ 100 ޕަސެންޓް ސަމާލުކަން ދީގެން އަދި ވަރަށް ރަނގަޅަށް ކުޅުނު،" މެޗަށް ފަހު ޓެން ހާގް ބުންޏެވެ.

ކޯޗު ޓެން ހަގް (ވ)؛ މިއީ އޭނާ ޔުނައިޓެޑާ ހަވާލުވެ މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ. -- ފޮޓޯ: އޭއެފްޕީ

ކޯޗު ޓެން ހަގް (ވ)؛ މިއީ އޭނާ ޔުނައިޓެޑާ ހަވާލުވެ މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ. -- ފޮޓޯ: އޭއެފްޕީ

މިއީ 2021 ވަނަ އަހަރު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި 9-0 އިން ސައުތެމްޓަން ބަލި ކުރި ފަހުން ޔުނައިޓެޑުން ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

ފާއިތުވި ދެ ސީޒަނުގައި ޓެން ހާގްގެ ކޯޗުކަމުގައި ޔުނައިޓެޑުން އެއް މެޗެއްގައި އެންމެ ގިނައިން ޖަހާފައި ވަނީ ހަތަރު ގޯލެވެ. އަދި އެންމެ ތަފާތު ބޮޑުކޮށް މޮޅުވީ ޓެން ހާގްގެ ފުރަތަމަ ސީޒަނުގައި ރެއާލް ބެޓިސް އާއި ޗެލްސީ އާ ދެކޮޅަށް 4-1 އިންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި މިހާތަނަށް ކުޅެފައިވާ ހަތަރު މެޗުން ވެސް ޕޮއިންޓެއް ހޯދިފައި ނުވާ ސައުތެމްޓަން އާއި އެވަޓަން ވެސް ވަނީ ލީގު ކަޕުގެ ތިން ވަނަ ބުރުގައި ކުޅެފަ އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު 1-1 އިން އެއްވަރުވެގެން، ޕެނަލްޓީ ޝޫޓައުޓްގައި 6-5 އިން ކާމިޔާބުކޮށް، އަނެއް ބުރަށް ދަތުރު ކުރީ ސައުތެމްޓަން އެވެ.

ހަމައެއާއެކު، ޕްރިމިއާ ލީގުގައި ކުޅޭ ފުލަމް ވަނީ، ދެ ވަނަ ޑިވިޝަންގެ ޕްރެސްޓޮން ނޯތު އެންޑާ ވާދަކޮށް 1-1 އިން އެއްވަރުވެގެން ކުރިއަށް ގެންދިޔަ ޕެނަލްޓީ ޝޫޓައުޓްގައި 16-15 އިން ބަލިވެފަ އެވެ.

ޖުމްލަ 34 ޕެނަލްޓީ ޖެހި މި ޝޫޓައުޓްގައި ކޮންމެ ޓީމަކުން ވަނީ 17 ޕެނަލްޓީ ފޮނުވާލައިފަ އެވެ. މިއީ ލީގު ކަޕުގެ ރެކޯޑެކެވެ.

ކުރިން އެންމެ ގިނަ ޕެނަލްޓީ ޖަހާފައި ވަނީ 2016 ވަނަ އަހަރު ޑާބީ ކައުންޓީ އާއި ކާލިސްލޭ ކުޅުނު މެޗުގަ އެވެ. ކޮންމެ ޓީމަކުން ޖެހި 16 ޕެނަލްޓީ އާއެކު ޖުމްލަ 32 ޕެނަލްޓީ އެ ޝޫޓައުޓްގައި ފެނުނެވެ. އެ މެޗުން ޑާބީ މޮޅުވީ 14-13 އިންނެވެ.