Roadha Mihaaru
އިޓަލީ ކައިރިއަށް ބޯޓެއް ފެތި 60 މީހުން މަރުވެއްޖެ

އިޓަލީ ކައިރިއަށް ބޯޓެއް ފެތި 60 މީހުން މަރުވެއްޖެ

27 ފެބުރުއަރީ 2023

އިޓަލީ ވިލާތުގެ ދެކުނު ފަރާތު އައްސޭރިފަށުން ދަތުރުކުރި ބޯޓެއް ފަރަށް އަރައި ބަނޑުފިލާ ފޫ ދިޔުމުގެ ސަބަބުން ބޯޓު ފެތި، އެއިން ދަތުރުކުރި މީހުންގެ ތެރެއިން މަދުވެގެން 60 މީހަކު މަރުވެއްޖެ އެވެ.

އިޓަލީ ވިލާތުގެ ދެކުނު ފަރާތު އައްސޭރިފަށުން ދަތުރުކުރި ބޯޓެއް ފަރަށް އަރައި ބަނޑުފިލާ ފޫ ދިޔުމުގެ ސަބަބުން ބޯޓު ފެތި، އެއިން ދަތުރުކުރި މީހުންގެ ތެރެއިން މަދުވެގެން 60 މީހަކު މަރުވެއްޖެ އެވެ.

އިއްޔެ ހިނގި މި ހާދިސާގައި ބޯޓު ފެތުނީ، އިޓަލީ ވިލާތުގެ އިރުދެކުނު ސަރަހައްދުގެ އައްސޭރި ސަހަރެއް ކަމަށްވާ ކްރޮތޯން އަށް ބޯޓު ލަފަން އުޅުމުގެ ތެރޭގަ އެވެ. މި ހާދިސާ ހިނގި އިރު ބޯޓުގައި 150 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް، މި ހާދިސާގައި ސަލާމަތްވި ބައެއް މީހުން ބުނި ނަމަވެސް، ބޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދު ސާފެއް ނުވެ އެވެ.

ފެބްރުއަރީ 26، 2023؛ އިޓަލީ ވިލާތުގެ އިރުދެކުނު ސަރަހައްދުގެ އައްސޭރި ސަހަރެއް ކަމަށްވާ ކްރޮތޯން ކައިރިން ފަރަށް އަރައި ފުނޑުފުނޑުވެގެން ދިޔަ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މަރުވި ބައެއް މީހުންގެ ހަށިގަނޑު ގޮނޑުދޮށުން ނަގާފައި. --އޭއެފްޕީ

އިޓަލީގެ ދާޚިލީ ވަޒީރު މަތެއޯ ޕިއާންތެދޯސީ ވިދާޅުވި ގޮތުގައި ބޯޓުން ސަލާމަތްވި މީހުންގެ ވާހަކަތަކަށް ބަލާއިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 60 އަށް ވުރެ ގިނަ އެވެ. އިޓަލީގެ ކޯސްޓް ގާޑުން ބުނި ގޮތުގައި ބޯޓު ފެތުމުން ކަނޑުވެފައި ތިބި 80 މީހަކު މިހާރު ވަނީ ސަލާމަތްކޮށް އެއްގަމަށް ގެނެސްފަ އެވެ.

މި ހާދިސާގައި މަރުވި 60 މީހުންގެ ތެރޭގައި 12 ކުޑަކުދިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ ދެތިން މަހުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. މަރުވި މީހުންގެ ހަށިގަނޑުތައް ފެނުނީ، އެ ސަރަހައްދާ ކައިރީގައި އޮންނަ ރިސޯޓެއްގެ ގޮނޑުދޮށަށް ލައްގާފައި ހުއްޓަ އެވެ.

މި ބޯޓަކީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ތުރުކީ ވިލާތުން ފުރައިގެން އިޓަލީ ވިލާތަށް ދަތުރުކުރި ބޯޓެކެވެ. މި ބޯޓުގައި ތިބި ގިނަ މީހުންނަކީ، ހަނގުރާމަތަކާއި ހަމަނުޖެހުންތަކުން ސަލާމަތްވުމުގެ ބޭނުމުގައި އަމިއްލަ ގައުމު ދޫކޮށް އަމާން ތަނެއްގައި ވަޒަންވެރިވުމަށްޓަކައި ދަތުރުކުރި، އަފްޣާނިސްތާނާއި ޕާކިސްތާނާއި ސޯމާލިޔާ އަދި އީރާންގެ ބައެކެވެ.

ފެބްރުއަރީ 26، 2023؛ އިޓަލީ ވިލާތުގެ އިރުދެކުނު ސަރަހައްދުގެ އައްސޭރި ސަހަރެއް ކަމަށްވާ ކްރޮތޯން ކައިރިން ފަރަށް އަރައި ފުނޑުފުނޑުވެގެން ދިޔަ ބޯޓުގެ ލަކުޑިތައް ގޮނޑުދޮށަށް ލައްގާފައި. --އޭއެފްޕީ

ފެބްރުއަރީ 26، 2023؛ އިޓަލީ ވިލާތުގެ އިރުދެކުނު ސަރަހައްދުގެ އައްސޭރި ސަހަރެއް ކަމަށްވާ ކްރޮތޯން ކައިރިން ފަރަށް އަރައި ފުނޑުފުނޑުވެގެން ދިޔަ ބޯޓުގެ ލަކުޑިތައް ގޮނޑުދޮށަށް ލައްގާފައި. --އޭއެފްޕީ

މި ހާދިސާގައި ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި ބޯޓު ފެތުނީ، ކްރޮތޯން އަށް ބަނދަރު ކުރުމަށްޓަކައި، ބޮޑެތި ރާޅުތަކުގެ ތެރެއިން ދަތުރު ކުރަމުން އަންނަނިކޮށް، އެ ސަރަހައްދުގެ ފަރުމަތިން ގަލެއްގައި ޖެހި ބޯޓު ފޫދިއުމުގެ ސަބަބުންނެވެ. ފަރަށް އެރުމާއެކު ފަރުގެ ގާތަކުގައި ބޯޓު ރާޅާ ތަޅައި ބޯޓު ފުނޑުފުނޑުވެގެން ދިޔައީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

ފަރުމަތީގައި ބޯޓު ރާޅާ ތަޅަމުން ގޮސް، ބޯޓު މުޅިން ފުނޑުފުނޑުވެ ބޯޓުގެ ލަކުޑިތައް މިހާރު ހުރީ އެ ސަރަހައްދުގެ ގޮނޑުދޮށަށް ލައްގައިފަ އެވެ. މި ހާދިސާ އިން ސަލާމަތްވި ބައެއް މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ކުރަމުންނެވެ.

އިޓަލީ ފުލުހުން ބުނި ގޮތުގައި މި ހާދިސާ އިން ސަލާމަތްވި މީހުންގެ ތެރެއިން އެކަކު މިހާރު ހުރީ، ހިޖުރަކުރާ މީހުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އޭނާއަކީ އެ ބޯޓުގެ ފަޅުވެރިންގެ ތެރެއިން އިސް އެކަކެވެ.