Roadha Mihaaru
ރެފިއުޖީން ދަތުރުކުރި ބޯޓެއް ފެތި 43 މީހުން ގެއްލި

ރެފިއުޖީން ދަތުރުކުރި ބޯޓެއް ފެތި 43 މީހުން ގެއްލިއްޖެ

04 ޖުލައި 2021

ރެފިއުޖީންގެ 127 މީހުން ގޮވައިގެން ދަތުރުކުރި ކަނޑު ބޯޓެއް، ތޫނިސްއާ ކައިރި ހިސާބަކަށް ފެތި، އެއިން ދަތުރުކުރި މީހުންގެ ތެރެއިން 43 މީހަކު ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް، ތޫނިސްގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.

ރެފިއުޖީންގެ 127 މީހުން ގޮވައިގެން ދަތުރުކުރި ކަނޑު ބޯޓެއް، ތޫނިސްއާ ކައިރި ހިސާބަކަށް ފެތި، އެއިން ދަތުރުކުރި މީހުންގެ ތެރެއިން 43 މީހަކު ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް، ތޫނިސްގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.

ތޫނިސްގެ ރަށެއް ކަމަށްވާ ޒަރްޒީސްގެ އައްސޭރިއާ މާ ދުރު ނޫން ހިސާބަކަށް އެ ބޯޓު ފެތުނު ހަބަރު ލިބުމާ ގުޅިގެން، ތޫނިސްގެ ކަމާ ބެހޭ އިދާރާތަކުން ކުރި މަސައްކަތުން، 84 މީހަކު ވަނީ ސަލާމަތް ކުރެވިފަ އެވެ. ފެތުނު އިރު ބޯޓު ދަތުރު ކުރީ، ލީބިޔާ އިން ފުރައިގެންނެވެ.

ފެތުނު ބޯޓުން ތޫނިސްގެ ކަނޑުގެ ސިފައިންގެ މަނަވަރަކަށް ނެގި ރެފިއުޖީންގެ ތެރޭގައި، ބަނގްލަދޭޝް، ޗާޑް، މިސްރު، އެރިޓްރިއާ އަދި ސޫދާންގެ މީހުން ހިމެނޭ ކަމަށް، ތޫނިސްގެ ދިފާއީ ވުޒާރާ އިން ބުނެ އެވެ. މި ހާދިސާގައި ސަލާމަތް ކުރެވުނު މީހުންގެ ތެރޭގައި އުމުރުން އެންމެ 3 އަހަރުގެ ކުދިން ވެސް ހިމެނެ އެވެ.

ތޫނިސްގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބޯޓު، އެ މީހުންނާއިގެން ފުރީ ލީބިޔާގެ ހުޅަނގުއުތުރު ރަށެއް ކަމަށްވާ ޒުވާރާ އިން، މިދިޔަ އަންގާރަ ވިލޭރޭގެ ވަގުތެއްގަ އެވެ.

މި ބޯޓުން ދަތުރު ކުރި މީހުންގެ ތެރޭގައި އެކި ގައުމުތަކުގެ މީހުން ހިމެނުނަސް، އެ މީހުންނަކީ ކޮން ގޮތަކުން ލީބިޔާ އަށް އެތެރެވި ބައެއް ކަމެއް، ތޫނިސްގެ ކަމާ ބެހޭ އިދާރާތަކުން ނުބުނެ އެވެ. ނަމަވެސް އެ މީހުން ލީބިޔާ ދޫކޮށް ދަތުރު ކުރަމުން ދިޔައީ މެޑްޓެރޭނިއަން ކަނޑު ހުރަސްކޮށް، ރެފިއުޖީންގެ ގޮތުގައި އިޓަލީ އަށް އެތެރެ ވުމަށް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެކި ގައުމުތަކުން ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް ހިޖްރަކުރާ މީހުން އެންމެ ގިނައިން ޔޫރަޕަށް އެތެރެ ވަނީ، އެފްރިކާގެ ކޮންމެވެސް ގައުމަކުން ފުރައިގެން އިޓަލީ އަށް އެތެރެވުމަށް ފަހު އެވެ. ބައެއް ތަފާސްހިސާބުތައް ބުނާ ގޮތުން، 2014 ވަނަ އަހަރުގެ ފަހުން، އެފްރިކާގެ އެކި ގައުމުތަކުން ފުރައިގެން މެޑްޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖްރަކުރަން އުޅުނު މީހުންގެ ތެރެއިން، މިހާތަނަށް 20 ހާހަށް ވުރެ ގިނަ މީހުން ވަނީ ކަނޑުވެގެން މަރުވެފަ އެވެ.

ހަމައެކަނި މި އަހަރު ވެސް، މިފަދަ 866 މީހަކު ކަނޑުވެގެން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އިޓަލީގެ ރަސްމީ އިދާރާތައް ބުނާ ގޮތުން، މި އަހަރުގެ ތެރޭގައި އެކަނި ވެސް، މިހާތަނަށް 19،800 މީހަކު ރެފިއުޖީންގެ ގޮތުގައި އެ ގައުމަށް އެތެރެވެއްޖެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، އެ ގައުމަށް އެތެރެވެފައި ވަނީ 6،700 ރެފިއުޖީންނެވެ.