Roadha Mihaaru
އިޓަލީގެ ކޭބަލް ކާރެއް ވެއްޓި 14 މީހަކު މަރުވެއްޖެ

އިޓަލީގެ ކޭބަލް ކާރެއް ވެއްޓި 14 މީހަކު މަރުވެއްޖެ

24 މެއި 2021

އިޓަލީ ވިލާތުގެ އުތުރު ސަރަހައްދެއްގައި އަޅާފައިވާ، ކޭބަލް ކާރެއްގެ ވައިރު ކަނޑައިގެން ގޮސް ކާރު ވެއްޓުމުގެ ސަބަބުން، 14 މީހުން މަރުވެ އިތުރު ކުޑަކުއްޖަކު ޒަހަމްވެއްޖެ އެވެ.

އިޓަލީ ވިލާތުގެ އުތުރު ސަރަހައްދެއްގައި އަޅާފައިވާ، ކޭބަލް ކާރެއްގެ ވައިރު ކަނޑައިގެން ގޮސް ކާރު ވެއްޓުމުގެ ސަބަބުން، 14 މީހުން މަރުވެ އިތުރު ކުޑަކުއްޖަކު ޒަހަމްވެއްޖެ އެވެ.

މަރުވި މީހުންގެ ތެރޭގައި ވެސް ކުޑަކުއްޖަކު ހިމެނެ އެވެ. އިއްޔެ ހިނގި މި ހާދިސާގައި، ކޭބަލް ކާރު ވެއްޓުނީ، އިޓަލީގެ އުތުރުގައި އޮންނަ މަގިއޯރް ކުޅީގެ ހުންނަ ފަރުބަދައެއްގެ މައްޗަށެވެ. އެއީ، މޮޓަރޯން ފަރުބަދައިގެ މަތީގައި ހުންނަ ރިސޯޓް އަވަށެއް ކަމަށްވާ ސްޓްރެސާއިން ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރި ކޭބަލް ކާރެއް ކަމަށްވެ އެވެ.

އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި ކޭބަލް ކާރު ވެއްޓުނީ، ބިންގަނޑަށް ވުރެ 20 މީޓަރު މަތިންނެވެ. ކޭބަލް ކަނޑައިގެން ދިޔުމުން ކާރު ވެއްޓި ފަރުބަދައިގެ ބިންގަނޑުގައި ޖެހުމަށް ފަހު، ތިރިއަށް ކައްސާލައިގެން އެތައް މީޓަރަކަށް ދިޔުމަށް ފަހު، ކާރު މަތަވީ ގަސްތަކެއްގައި ޖެހިގެންނެވެ. އޭރު ކޭބަލް ކާރު އޮތީ ފުނޑުފުނޑުވެފަ އެވެ.

އެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުމުން މީހުން ސަލާމަތްކުރާ ޓީމުތައް އެތަނަށް ދަތުރުކުރި އިރު، އޭގެ ތެރޭގައި ހިމެނޭ އަލިފާން ނިވާ ލޯރިއެއް ފުރޮޅައިލި އެވެ. ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ސްޓްރެސާގެ މޭޔަރު ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުތައް، ކާރުގެ އެތެރޭގަޔާއި އެ ސަރަހައްދުގެ ބިންމަތީގައިވެސް ހުއްޓެވެ.

ވެއްޓުނު ކޭބަލް ކާރަކީ ހަމަބިމުން ފެށިގެން، 1491 މީޓަރު އުހަށް ދަތުރުކުރުމަށް ބޭނުންކުރާ ކާރެކެވެ. އެ ކާރު ބިމުން ފެށިގެން، އެންމެ އުހަށް ދަތުރުކުރުމަށް 20 މިނެޓް ނަގަ އެވެ. އެ ސަރަހައްދުގައި ކޭބަލް ކާރުގެ ޚިދުމަތް ފެށީ 1970 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން، މަރާމާތު ކުރުމަށްޓަކައި، 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު ހިދުމަތްތައް މެދުކަނޑައިލި އެވެ. އަދި އެ ތަނުގައި ބޭނުންކުރާ ކޮންމެ ކޭބަލް ކާރެއްގައި، އެއްފަހަރާ 40 މީހުންނަށް ދަތުރު ކުރެވޭނެ އެވެ.