Roadha Mihaaru
ހޭންޑްބޯޅަ 15 އަހަރުން ދަށުގެ ތަށި އަހުމަދިއްޔާ އަށް

ސްކޫލް ހޭންޑްބޯޅަ އަންހެން ޗެމްޕިއަންކަން އއ. އަތޮޅު ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ އަށް

01 މާޗް 2023

ހަ ވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ އަންހެން 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އއ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ހަ ވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ އަންހެން 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އއ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފި އެވެ.

ގައުމީ ހޭންޑްބޯލް ގްރައުންޑް ގައި ކުރިއަށް ދިޔަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ ހޯދީ އިއްޔެ ހަވީރު ކުޅެވުނު ފައިނަލުގައި ގާޒީ ސްކޫލާ ވާދަކޮށް 13-4 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ މަދު ވަގުތުކޮޅަކަށް ކުޅެން އަރައި އަހުމަދިއްޔާގެ ޓީމަށް މުހިއްމުު ކުޅުމެއް ކުޅެދިން މަރިޔަމް ކައިލީން ޝިރުހާން އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ ކައިލީންގެ އިތުރުން އަހުމަދިއްޔާގެ ފާތިމަތު ރުކާން އިބްރާހިމް އާއި ކަލާފާނު ސްކޫލުގެ މަރިޔަމް މާޝަލް އަހުމަދެވެ.

ނަވާރަ ސްކޫލަކުން ވާދަކުރި މި އުމުރުފުރާގެ ފައިނަލުން އަހުމަދިއްޔާ ޖާގަ ހޯދީ ސެމީ ފައިނަލުގައި ކަލާފާނު ބަލިކޮށްފަ އެވެ. އަދި ކުއާޓާ ފައިނަލުގައި އަހުމަދިއްޔާ ވަނީ ތާޖުއްދީން ސްކޫލް ބަލިކޮށްފަ އެވެ.

ގާޒީ ސްކޫލުން ސެމީ އަށް ދަތުރު ކުރީ ކުއާޓާ ގައި ކ. ގުރައިދޫ ސްކޫލް ބަލިކޮށް، ސެމީ ފައިނަލުގައި ފ. އަތޮޅު މަދަރުސާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

15 އަހަރުން ދަށުގެ އަންހެން ހޭންޑްބޯޅަ ޗެމްޕިއަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

15 އަހަރުން ދަށުގެ އަންހެން ހޭންޑްބޯޅަ ޗެމްޕިއަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

އއ. އަތޮޅު ތައުލީމީ މަރުކަޒުން 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލް މެޗުގައި 14-8 އިން އިސްކަންދަރު ސްކޫލް ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ ހައްވާ މިލްހާނާ މުހައްމަދު މާހިރެވެ.

ސަތާރަ އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ މިލްހާނާގެ އިތުރުން އައިޝަތު އިނާ އާތިފް އަދި އިސްކަންދަރު ސްކޫލުގެ ފާތިމަތު ލީމް ރާޝިދެވެ.

އެންމެ ގިނަ ސްކޫލް ބައިވެރިވީ މި އުމުރުފުރާގަ އެވެ. މުޅި އެކު 22 ސްކޫލަކުން ވާދަކުރި މި އުމުރުފުރާގެ ފައިނަލަށް އއ. އަތޮޅު ތައުލީމީ މަރުކަޒު ދަތުރު ކުރީ ސެމީ ފައިނަލުގައި ތާޖުއްދީން ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ކުއާޓާ ގައި ވަނީ ޅ. އަތޮޅިު ތައުލީމީ މަރުކަޒު ބަލިކޮށްފަ އެވެ.

އިސްކަންދަރު ސްކޫލުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ކ. ގުޅީ ސްކޫލް ބަލި ކޮށްގެންނެވެ. އޭގެ ކުރިން ކުއާޓާ ގައި ވަނީ ކ. ހުރާ ސްކޫލް ވެސް ބަލިކޮށްފަ އެވެ.

އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި މިހާރު ކުރިއަށް ދަނީ މި ދެ އުމުރުފުރާގެ ފިރިހެން ޑިވިޝަނުގެ ގުރޫޕް ސްޓޭޖުގެ ކުޅުމެވެ. ފިރިހެން 15 އަހަރުން ދަށުގެ ބައިގައި 13 ސްކޫލަކުން ވާދަ ކުރާއިރު ޓީމުތައް ވަނީ ތިން ގުރޫޕަކަށް ބަހާލައިފަ އެވެ. ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ 17 އަހަރުން ދަށުގެ އުމުރުފުރާގައި 16 ސްކޫލެއް ވާދަކުރެ އެވެ.