Roadha Mihaaru
ސްކޫލް ހޭންޑްބޯޅައިގެ ދެ ތަށްޓެއް ޖަމާލުއްދީނަށް

ސްކޫލް ހޭންޑްބޯޅައިގެ ފިރިހެން ބައިގެ ދެ ތަށި ވެސް ޖަމާލުއްދީނަށް

12 މާޗް 2023

ހަ ވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ހަ ވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލް ހޯދައިފި އެވެ.

ފަނަރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީނުން ހޯދީ އަމީނިއްޔާ ސްކޫލާ ވާދަކޮށް 21-18 އިން އިއްޔެ ކުޅުނު ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީންގެ ގޯލްކީޕަރު އަހުމަދު އިކްމާލް ނަސީރެވެ.

މި އުމުރުފުރާގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ ޖަމާލުއްދީންގެ އަލްހާން ފައިސަލް އަމީން އާއި އިނާން ތޮލްހަތު މުހައްމަދު އަދި އަމީނިއްޔާގެ އާހިލް އިހުސާން އެވެ.

ޓީމުތައް ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އުމުރުފުރާގައި 13 ސްކޫލަކުން ވާދަ ކުރި އެވެ. ޖަމާލުއްދީނާއި އަމީނިއްޔާ ވެސް ނޮކައުޓް ބުރަށް ދިޔައީ ވާދަކުރި ގުރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ.

ޖަމާލުއްދީނުން ކުއާޓާ ގައި މަޖީދިއްޔާ ސްކޫލް ބަލިކުރި އިރު ސެމީ ފައިނަލުގައި ވަނީ ކަލާފާނު ސްކޫލް ބަލިކޮށްފަ އެވެ. އަމީނިއްޔާ ފައިނަލަށް ދިޔައީ ސެމީ ގައި ދަރުމަވަންތަ ސްކޫލް ބަލިކޮށްފަ އެވެ. އޭގެ ކުރިން ކުއާޓާ ގައި އެ ޓީމުން ވަނީ އިސްކަންދަރު ސްކޫލް ބަލިކޮށްފަ އެވެ.

15 އަހަރުން ދަށުގެ ޗެމްޕިއަން ޖަމާލުއްދީން ސްކޫލް. -- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

15 އަހަރުން ދަށުގެ ޗެމްޕިއަން ޖަމާލުއްދީން ސްކޫލް. -- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ސޯޅަ ސްކޫލަކުން ވާދަކުރި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ހޯދީ ރޭ ކުޅުނު ފައިނަލުގައި 26-18 އިން އިސްކަންދަރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީންގެ އަލްދާން އައިކް ރަމީޒް އެވެ.

ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ޖަމާލުއްދީންގެ އައިކް އާއި ގޯލްކީޕަރު އަބްދުﷲ ރަޒީފް މުހައްމަދު އަދި އިސްކަންދަރު ސްކޫލުގެ ސައްޔިދު ސަލާހުއްދީނެވެ.

މި އުމުރުފުރާގެ ކުޅުން ކުރިއަށް ދިޔައީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޖަމާލުއްދީނާއި އިސްކަންދަރުން ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ވާދަކުރި ގުރޫޕުގެ އެއްވަނަ ހޯދައިފަ އެވެ.

ޖަމާލުއްދީން މި އުމުރުފުރާގެ ފައިނަލަށް ދަތުރު ކުރީ ކުއާޓާ ގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް، ސެމީ ގައި ގާޒީ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިސްކަންދަރުން ވަނީ ކުއާޓާ ގައި ދަރުމަވަންތަ ބަލިކޮށް، ސެމީ ގައި އަމީނިއްޔާ ބަލިކޮށްފަ އެވެ.

އިންޓަ ސްކޫލް ހޭންޑް ބޯޅަ މި ދެ އުމުރުފުރާގެ އަންހެން ފައިނަލް މެޗުތައް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ ކުޅެފައި ވާއިރު، އަންހެން 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ އެވެ. އަދި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އއ. އަތޮޅު ތައުލީމީ މަރުކަޒެވެ.