Roadha Mihaaru
ކެފޭއަށް ގެއްލުން ދިން މައްސަލަ: 7 މީހަކު ހައްޔަރު

ހުޅުމާލޭގެ ކެފޭ އަށް ގެއްލުން ދިން މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފި

01 މާޗް 2023

ހުޅުމާލޭގެ ކެފޭ އަށް ގެއްލުުން ދިން މައްސަލައިގެ ތަހުގީގަށް ގެއެއް ފާސްކޮށް، މާރާމާރީ ހިންގަން ބޭނުންކުރާ ތަކެއްޗާ އެކު ހަތް މީހަކު ރޭ ހައްޔަރުކޮށްފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ކެފޭ އަށް ގެއްލުުން ދިން މައްސަލައިގެ ތަހުގީގަށް ގެއެއް ފާސްކޮށް، މާރާމާރީ ހިންގަން ބޭނުންކުރާ ތަކެއްޗާ އެކު ހަތް މީހަކު ރޭ ހައްޔަރުކޮށްފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ މަހުގެ 17 ގައި ޖޫސް ޓައިމް ކެފޭ އަށް ހެލްމެޓް އަޅައިގެން ވަދެ، މަރުތޭލުން އެ ތަނަށް ގެެއްލުން ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން ހަތް ދިވެއްސަކަކު ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ފުލުހުންގެ މެސެޖުގައި ވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނަކު ކެފޭއާ ދިމާލަށް ހިނގައިގަނެގެން ދާ ތަން ފެނުމުން އެ ތަނުގެ ކައުންޓަރުގައި އިން ފިރިހެނަކު އެތެރެއަށް ވަންނަ ތަނެވެ. އޭރު އެ ސަރަހައްދު ބޭރުގައި މިހުން ވެސް ތިއްބެވެ.

ދެ މީހުން އެތެރެއަށް ވަނުމަށް ފަހު، އެ މޭޒު މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލައި މަރުތޭލުން އެކި ތަންތަނުގައި ތަޅަ އެވެ. އެ ވަގުތު މީހަކު ހަޅޭއްލަވާ އަޑު ވެސް އިވެ އެވެ.

އެ މީހުން ކެފޭ އިން ނުކުމެގެން ދިއުމުގެ ކުރިން، އެ ތަނުން އެކަކު އެކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ނަގައިގެން ޖީބަށް ލަ އެވެ. އަދި ސައިކަލުގައި ދެ މީހުން ދިއުމުން އެ ސަރަހައްދާ ދިމާލަށް ބަޔަކު ދުވެފައި ދާތަން ވީޑިއޯ އިން ފެނެ އެވެ.