Roadha Mihaaru
ޕަވަންދީޕާއި އަރުނީތާ ރާއްޖެ އަތުވެއްޖެ

ޕަވަންދީޕާއި އަރުނީތާ ރާއްޖެ އަތުވެއްޖެ، ޝޯގެ ޓިކެޓު ހުސްވަނީ!

01 މާޗް 2023

އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބާއްވަން ހަމަޖެހިފައިވާ "މިއުޒިކަލް އައިޑަލް" ޝޯގައި ޕާފޯމް ކުރުމަށް ޕަވަންދީޕް ރަޖާން އާއި އަރުނިތާ ކަންޖިލާލް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބާއްވަން ހަމަޖެހިފައިވާ "މިއުޒިކަލް އައިޑަލް" ޝޯގައި ޕާފޯމް ކުރުމަށް ޕަވަންދީޕް ރަޖާން އާއި އަރުނިތާ ކަންޖިލާލް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މިދިޔަ އަހަރު އޮތް އިންޑިއަން އައިޑަލްގެ ސީޒަން 12 ކާމިޔާބު ކުރި ޕަވަންދީޕާއި، ދެ ވަނަ ރަނާސްއަޕް އަރުނީތާ ބައިވެރިވާ މި ޝޯގައި، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އަދި ޝަލަބީ އިބްރާހިމް ވެސް ޕާފޯމް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ޕަވަންދީޕާއި އަރުނީތާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔަނީ

ޕަވަންދީޕާއި އަރުނީތާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔަނީ

ޕަވަންދީޕާއި އަރުނީތާ ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އަދި މިއަދު ހަވީރު އެ ދެ ފަންނާނުން ވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލުކޮށްފަ އެވެ.

އިންޑިއާ އަދި ރާއްޖޭގެ ފަންނާނުން ބައިވެރިވި "ޓުއާނިވަލް" އިން އިންތިޒާމްކޮށްގެން ބާއްވާ އެ ޝޯގެ ޓިކެޓު މިހާރު އަންނަނީ ވިއްކަމުންނެވެ.

ތިން ކެޓަގަރީ އަކަށް ބަހާލައިގެން ޓިކެޓު ވިއްކާއިރު، އާއްމު ކެޓަގަރީގެ ޓިކެޓެއް އުޅެނީ 80ރ. އަށެވެ. ފަސްޓް ކްލާސް ޓިކެޓެއް 150ރ. އުޅޭއިރު، ސިލްވަ ކްލާސް ޓިކެޓެއް އުޅެނީ 500ރ. އަށެވެ.

ޓިކެޓު ބޭނުންވާ ނަމަ، 7376060، 9238088 ނުވަތަ 9238090 އަށް ގުޅައިގެން ނުވަތަ ވަޓްސް އެޕާއި ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން ޓިކެޓް ނެގޭނެ އެވެ. އަދި އުރީދޫގެ މޫލީ މެދުވެރިކޮށް ވެސް ޓިކެޓު ލިބެން ހުންނާނެ އެވެ.

ހުކުރު ދުވަހުގެ ރޭގަނޑު 8:00 ޖަހާއިރު ފަށާ ޝޯ، ހަތަރު ގަޑި އިރަށް ކުރިއަށް ދާނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ. ޝޯ ކުރިއަށް ދާ ވަގުތު ސްޓޯލްގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.