Roadha Mihaaru
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ

ޑޮކްޓަރުގެ ރޭޕް ކޭސް: ބޮލީވުޑްގެ ތަރިން އިންސާފަށް ގޮވާލަނީ

15 އޯގަސްޓް 2024

އިންޑިއާގެ ވެސްޓް ބެންގަލްގެ ކޮލްކަތާގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި ދަސްކުރާ ޑޮކްޓަރެއްގެ ގޮތުގައި އުޅުނު އަންހެނަކު ރޭޕްކޮށް މަރާލި މައްސަލާގައި އޭނާއަށް އިންސާފު ގާއިމްކޮށްދިނުމަށް ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ގޮވާލައިފި އެވެ.

އިންޑިއާގެ ވެސްޓް ބެންގަލްގެ ކޮލްކަތާގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި ދަސްކުރާ ޑޮކްޓަރެއްގެ ގޮތުގައި އުޅުނު އަންހެނަކު ރޭޕްކޮށް މަރާލި މައްސަލާގައި އޭނާއަށް އިންސާފު ގާއިމްކޮށްދިނުމަށް ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ގޮވާލައިފި އެވެ.

އުމުރުން 31 އަހަރުގެ ރެސިޑެންޓް ޑޮކްޓަރުގެ ހަށިގަނޑު ހޮސްޕިޓަލްގެ ސެމިނާ ރޫމެއްގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ފެނުނުއިރު ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އޭނާ މަރާލާފައި ވަނީ ރޭޕްކުރުމަށް ފަހުގައި ކަމަށް، އޮޓޮޕްސީ ހެދުމުން ވަނީ ކަށަވަރުވެފަ އެވެ.

އެ މައްސަލާގައި ޑޮކްޓަރަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި އާލިއާ ބަޓް، ޓައިގާ ޝްރޮފް، ސުވަރާ ބާސްކަރު، އަޔުޝްމަން ކުރާނާ، ރިޗާ ޗައްޑާ، ސޮނާކްޝީ ސިންހާ، މޯނީ ރޯއީ، ދިޝާ ޕަޓަނީ، ކަންގަނާ ރަނާވަތު އަދިވެސް ވަރަށް ގިނަ ތަރިން ހިމެނެ އެވެ.

މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ވެސް ކަމަށްވާ ކަންގަނާ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނީ ޑޮކްޓަރަށް އިންސާފު ގާއިމްކޮށްދެވޭނެ ކަން ޔަގީންކުރުމަށްޓަކައި އިންޑިއާގެ ސީބިއައި އިން މި މައްސަލައިގެ ފުރިހަމަ އިންކުއަރީއެއް ވެސް ހަދަން ޖެހޭ ކަމަށެވެ.

މި އަމަލުގެ ފަހަތުގައި ތިބި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ތަރިން ވަނީ ގޮވާލައިފަ އެވެ.

ބައެއް ތަރިން ވަނީ މި ރޭޕް ކޭސްއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި މީހުން ކޮށްފައިވާ ބައެއް ޕޯސްޓުތައް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް ޝުއޫރު ފާޅުކޮށްފަ އެވެ.

ރިޕޯޓްތައް ގޮތުގައި، "އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް"ގެ ކިއޫތައް ހަމަޖައްސައި ތޮއްޖެހުން ކުޑަކުރުމުގެ މަސައްކަތުގައި އުޅޭ ސިވިކް ޕޮލިސް ވޮލަންޓިއަރުންގެ މީހަކު ވަނީ މި މަރުގެ ތުހުމަތަށް މިހާރު ހައްޔަރުކޮށްފަ އެވެ. އޭނާގެ ނަމަކީ ސަންޖޭ ރޯއީ އެވެ.

މި މައްސަލާގައި އިންޑިއާގެ ސަރުކާރު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން އަންނަނީ މަގުތަކަށް ނުކުމެ، އިންސާފު ގާއިމްކޮށްދިނުމަށާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި އަޑުއުފުލަމުންނެވެ.

އަންހެނުންނާ މެދު ހިންގާ ޖިންސީ ކުށުގެ މައްސަލަތައް އިންޑިއާގައި ވަރަށް އާންމެވެ. އާބާދީ 1.4 ބިލިއަނަށް އަރާ އިންޑިއާގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ރިޕޯޓްކުރެ އެވެ.