Roadha Mihaaru
ކާބޯތަކެތީގެ އަގު ހަތް ޕަސެންޓް ބޮޑު ވެއްޖެ

ކާބޯތަކެތީގެ އަގު ހަތް ޕަސެންޓް ބޮޑު ވެއްޖެ

02 މާޗް 2023

ކާބޯތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މިދިޔަ ޖެނުއަރީ މަހު ހަތް ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކާބޯތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މިދިޔަ ޖެނުއަރީ މަހު ހަތް ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ކާބޯތަކެތީގެ އަގު ވަނީ 7.82 ޕަސެންޓަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު ފެށުނު އިރު ކާބޯތަކެތީގެ އިފްލޭޝަން ހުރީ 1.9 ޕަސެންޓްގަ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 75 ޕަސެންޓުގެ އިތުރުވުމެކެވެ.

ކާބޯތަކެތީގެ އަގު ބޮޑުވި އިރު މަހުން މަހަށް ވެސް ތަކެތީގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާ އިރު މި ޖެނުއަރީ މަހު ވަނީ ތަކެތީގެ އަގު 0.96 ޕަސެންޓަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރު އެއް މަހުން އިންފްލޭޝަން އެންމެ ބޮޑަށް އިތުރުވި މަހެވެ.

އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ވަނީ 3.99 ޕަސެންޓަށް އަރައިފަ އެވެ. މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ތަކެތީގެ އަގު އެހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

މަހެއްގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައި ވަނީ ކެފޭ އާއި ރެސްޓޯރެންޓްތަކުގެ އަގުތަކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ ޖެނުއަރީ މަހު ކެފޭ/ރެސްޓޯރެންޓްތަކުން ވިއްކާ ތަކެތީގެ އަގު ވަނީ 4.3 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ.

ތަކެތީގެ އަގު އުފުލުނު އިރު މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީގެ އަގު ވަނީ ހަ ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވެފަ އެވެ.

ވޯލްޑް ބޭންކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދެކުނު އޭޝިއާގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް މި ވަގުތު ހުރީ 23 ޕަސެންޓަށް ވުރެ މަތީގަ އެވެ. މި އަހަރު އިތުރަށް ކާބޯތަކެތީގެ އަގު އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.