Roadha Mihaaru
ކާބޯތަކެތީގެ އަގު އިތުރަށް އުފުލިއްޖެ

ފުރަތަމަ ކުއާޓާގައި ކާބޯތަކެތީގެ އަގު އިތުރަށް އުފުލިއްޖެ

02 މެއި 2023

މި އަހަރުގެ ފުރަތަމަ ތިން މަހު، ކާބޯތަކެތީގެ އަގު އިތުރަށް އުފުލިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ތިން މަހު، ކާބޯތަކެތީގެ އަގު އިތުރަށް އުފުލިއްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މާޗް މަހު ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓަށް މަތިވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާ ބަލާ އިރު ގާތްގަނޑަކަށް 70 ޕަސެންޓުގެ ބޮޑުވުމެކެވެ. މިދިޔަ އަހަރުގެ މާޗް މަހު ކާބޯތަކެތީގެ އަގުތައް އުފުލިފައި ވަނީ 2.5 ޕަސެންޓަށެވެ.

ކާބޯތަކެތީގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ ލުބޯ އާއި ކެރެޓާއި ކާއްޓާއި އޮރެންޖާއި މަހުގެ ބާވަތްތަކުންނެވެ.

މިދިޔަ ފެބްރުއަރީ މަހާ އަޅާ ބަލާ އިރު ކާބޯތަކެތީގެ އަގު އުފުލިފައި ވަނީ އެއް ޕަސެންޓަށެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ހުރީ 4.6 ޕަސެންޓުގަ އެވެ. މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ތަކެތީގެ އަގު އެހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.5 ޕަސެންޓުގަ އެވެ. އެހެންވެ ތިން މަހުން ވަނީ 1.1 ޕަސެންޓަށް އިންފްލެޝަން އިތުރު ވެފަ އެވެ.

ތަކެތީގެ އަގު އުފުލުނު އިރު މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީގެ އަގު ވަނީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވެފަ އެވެ.

އައިއެމްއެފް ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގެ އިންފްލޭޝަން ރޭޓު މި ވަގުތު ހުރީ ހަތް ޕަސެންޓުގަ އެވެ. އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ އިންފްލޭޝަން ހުރީ އެވްރެޖުކޮށް 8.6 ޕަސެންޓުގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި ވެސް ކާބޯތަކެއްޗާއި އެހެން ހިދުމަތްތަކާއި ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް މާލީ އިދާރާތަކުން ލަފާކުރެ އެވެ.