Roadha Mihaaru
ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ: ޝާހިދު

ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ، އިދިކޮޅުގައި ވަރުގަދަ ސިޔާސަތެއް ނެތް: ޝާހިދު

03 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނާ އެންމެ ވާދަވެރި ޕީޕީއެމުގައި ވަރުގަދަ ސިޔާސަތެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނާ އެންމެ ވާދަވެރި ޕީޕީއެމުގައި ވަރުގަދަ ސިޔާސަތެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެހެން ވިދާޅުވީ "ސްޓްރާޓް ނިއުސް ގްލޯބަލް" އަށް ދެއްވި އިންޓަވިއެއްގަ އެވެ.

މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދެއްވި އެ އިންޓަވިއުގައި، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުތަކާއި ދިވެހިންނަށް ކޮށްދެއްވި ކަންކަމުގެ ސަބަބުން ތާއީދު އެބައޮތް ކަމަށެވެ.

ޝާހިދު ވިދާޅުވިގޮތުގައި، މިދިޔަ ހަތަރު އަހަރުގައި ޝަރުއީ ކޯޓުތަކަށް ދިވެހި ދައުލަތުގެ އިސްވެރިން ބާރެއް ނުފޯރުވަ އެވެ. މި ސަރުކާރުން ވަނީ ޑިމޮކްރެޓިކް ގަވަނަންސަކަށް ބޭނުންވާ ފުރިހަމަ ބިންގާ މިދިޔަ ދުވަސްތަކުގައި އަޅާފައި ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން އިންތިހާބަށް އަސަރު ކޮށްފާނެތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ، އެ ސްލޯގަން ހަދައިގެން އުޅެނީ އެ މީހުންގެ އަތުގައި ރައްޔިތުންނަށް ދައްކާނެ ވަރުގަދަ ސިޔާސަތެއް ނެތުމުން ކަމަށެވެ. އެހެންވެ، އިދިކޮޅަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ނަފްރަތު އުފެއްދުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އިންޑިއާ އައުޓޭ ކިޔަނީ އެ މީހުންގެ އަތުގައި ރައްޔިތުންނަށް ދޭނެ ވަރުގަދަ އެއްޗެއް ނެތީމަ. އެހެން ނޫން ނަމަ ރައްޔިތުންނަށްޓަކައި ވަރުގަދަ ޕޮލިސީއެއް އޮންނާނެ،" އިދިކޮޅުގެ "އިންޑިއާ އައުޓް" ހަރަކާތަށް އިޝާރާތް ކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

މި ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ކަމަށާއި އެ ގުޅުން ވަރުގަދަ ކުރުމަށް ދެ ސަރުކާރުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި މި ވަގުތު ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކަށް އިންޑިއާ އިން އެހީ ފޯރުކޮށްދެމުން އަންނައިރު އެއީ ވަރަށް ދެފުށް ފެންނަ ގޮތަށް ދޭ އެހީތަކެއް ކަމަށެވެ. އޭގެ ތަފާސްހިސާބުތައް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ވެސް ބަލަަހައްޓަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވިގޮތުގައި، އެކި ގައުމުތަކުން ލޯނުގެ ގޮތުގައި ދިވެހި ސަރުކާރަށް ނަގާ ފައިސާ ވެސް އެ ގައުމުތަކަށް އަނބުރާ ބަރާބަރަށް ދައްކަ އެވެ. ކޮވިޑްގެ ދުވަސްވަރު އެ ފައިސާ އަނބުރާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި އެކަމަކު އެއީ ހަމައެކަނި ރާއްޖެ އަށް ކުރިމަތިވި ދަތިކަމެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ކޮވިޑްގެ ދުވަސްވަރު ޓޫރިޒަމް ހުއްޓިފައި އޮތް ނަމަވެސް އިންޑިއާގެ އެހީގައި ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާ އަލުން ފެށުނުކަން ވެސް ފާހަގަކުރައްވައިފަ އެވެ.

އެ އިންޓަވިއުގައި ޝާހިދު ވަނީ ރާއްޖޭގެ ބޯޑަރު ރައްކާތެރިކުރުމުގައި އިންޑިއާ އިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިންޑިއާއަށް ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ މިއަދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ވެސް ބައްދަލުކުރައްވައި، މަޝްވަރާތަކެއް ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ރާއްޖެ-އިންޑިއާގެ ގުޅުމާ ގުޅޭ މަޝްވަރާތަކެއްގެ އިތުރުން އިންޑިއާ އިން މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން މަޝްވަރާ ކުރެއްވި އެވެ.