Roadha Mihaaru
އިންޑިޔާ އިން 70 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އިންޑިޔާ އިން 70 މިލިއަން ރުފިޔާ ދެނީ

23 ޖުލައި 2021

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ދަށުން ހިންގާ މަޝްރޫއުތަކަށް އެހީވުމަށް އިންޑިޔާ އިން 70 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ދަށުން ހިންގާ މަޝްރޫއުތަކަށް އެހީވުމަށް އިންޑިޔާ އިން 70 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފި އެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ރާއްޖޭގައި "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްތައް" ހިނގުމަށް އިންޑިޔާ އިން މި އެހީ ދިނުމުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓާރު އަބްދުﷲ ޝާހިދު މިހާރު އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އެކި ރަށު އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 10 "ހައި އިމްޕެކްޓް މަޝްރޫއު" އަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދޭނެ އެވެ.

އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް މަގުފަހި ކުރުވާ މި މަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާ އަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި ސިއްހަތާއި ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ އިތުރުން ތިމާވެއްޓާއި ސަގާފީ ތަރިކަ ހިމާޔަތް ކުރުން އަދި އަންހެނުން ބާރުވެރިކުރުވުމާއި ކުޑަކުދިންގެ ވެލްފެއާއާ ގުޅުން ހުރި ކަންކަން ހިމެނެ އެވެ.

އިންޑިޔާ އިން ރާއްޖެއަށް ދޭ ހިލޭ އެހީ އިތުރު ކުރުމުގެ އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މާޗު 2019 ވަނަ އަހަރު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށް އިންޑިޔާ އިން ވަނީ ރާއްޖެއަށް 85 މިލިއަން ރުފިޔާގެ އެހީއެއް ދީފަ އެވެ.